Roadha Mihaaru
އަނބިމީހާގެ ގައިގައި ޖެހުމުން 200ރ. އިން ޖޫރިމަނާ

އަނބިމީހާގެ ގައިގައި ޖެހި މީހަކު ކުށްވެރިވެ، 200ރ. އިން ޖޫރިމަނާކޮށްފި

20 ސެޕްޓެމްބަރ 2016

ދެމަފިރިއެއްގެ ދެމެދު ހިނގި ހަމަނުޖެހުމެއްގައި އަނބިމީހާގެ ގައިގައި ޖެހި ފިިރިއަކު ކުށްވެރިވާ ކަމަށް ނިންމައި، އެ މީހާ 200ރ. އިން ޖޫރިމަނާކޮށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދެމަފިރިއެއްގެ ދެމެދު ހިނގި ހަމަނުޖެހުމެއްގައި އަނބިމީހާގެ ގައިގައި ޖެހި ފިިރިއަކު ކުށްވެރިވާ ކަމަށް ނިންމައި، އެ މީހާ 200ރ. އިން ޖޫރިމަނާކޮށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އެ ހުކުމް އޭނާއަށް އައީ މާޗް، 2013 ގައި އޭނާގެ އަނބިމީހާއާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި އަނބިމީހާގެ ގައިގައި ޖެހި މައްސަލައެއްގަ އެވެ.

ކޯޓުގެ ހުކުމުގައިވަނީ ދައުލަތުގެ ހެކިންގެ ބަހުން، އޭނާ އެ ކުށް ކުރިކަން ސާބިތުވާތީ އޭރު އަމަލު ކުރަމުންދިޔަ ގާނޫނުލް އުގޫބާތުގެ 126 ވަނަ މާއްދާގެ ދަށުން، މާރާމާރީ ހިންގުމުގެ ކުށުން އޭނާ ކުށްވެރިވާ ކަމަށެވެ. އެހެންވެ އަދަބެއްގެ ގޮތުން އޭނާ 200ރ. އިން ޖޫރިމަނާކޮށް، އެ ފައިސާ ހަތް ދުވަސް ތެރޭގައި ކޯޓަށް ދައްކަން ވަނީ އަމުރުކޮށްފަ އެވެ.

ކުރީގެ ގާނޫނުލް އުގޫބާތުގައި މާރާމާރީ ހިންގުމުގެ ކުށަށް އޮންނަނީ ގިނަވެގެން 200ރ. އިން ޖޫރިމަނާ ކުރުން ނުވަތަ ހަ މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން، އަރުވާލުން ނުވަތަ ގޭގައި ބަންދުކުރުމެވެ. މިދިޔަ އަހަރުން ފެށިގެެން އަމަލުކުރަމުން ފަށާފައިވާ ގާނޫނުލް އުގޫބާތުގެ ދަށުން މިފަދަ ކުށްތަކުގެ އަދަބު ބޮޑުވެދާނެ އެވެ. ނަމަވެސް ގާނޫނުއަސާސީ ބުނާގޮތުން އަދަބު ކަނޑައެޅުމުގައި އެ މީހަކު ކުށެއް ކުރިއިރު އެކަމަށް ގާނޫނުގައި އޮތް އަދަބަށް ވުރެ ބޮޑު އަދަބެއް ދީގެން ނުވާނެ އެވެ.