Roadha Mihaaru
"އިންޓެލް ދެ ފުލުހުން ހައްޔަރުކުރެވޭނެ ސަބަބެއް ނެތް"

އިންޓެލް ދެ ފުލުހުން ހައްޔަރުކުރުމުގެ ގާނޫނީ ސަބަބެއް އޮތް ކަމަކަށް ކޮމިޝަނުން ނުދެކޭ: ޕޮލިސް

06 ސެޕްޓެމްބަރ 2019

ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގާފައި ވަނިކޮށް، އޭނާ ރާއްޖެ އިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށް ދައްކަން ޕާސްޕޯޓެއް ހައްދަން އުޅުނު ކަމަށް ބުނާ އިންޓެލިޖެންސްގެ ދެ ފުލުހުން ހައްޔަރު ކުރަންޖެހޭ ފަދަ ގާނޫނީ ސަބަބުތަކެއް އޮތް ކަމަކަށް ނުދެކޭ ކަމަށް، ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބަލަން އުފައްދާފައިވާ ކޮމިޝަނުން ފުލުހުންނަށް އަންގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގާފައި ވަނިކޮށް، އޭނާ ރާއްޖެ އިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށް ދައްކަން ޕާސްޕޯޓެއް ހައްދަން އުޅުނު ކަމަށް ބުނާ އިންޓެލިޖެންސްގެ ދެ ފުލުހުން ހައްޔަރު ކުރަންޖެހޭ ފަދަ ގާނޫނީ ސަބަބުތަކެއް އޮތް ކަމަކަށް ނުދެކޭ ކަމަށް، ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބަލަން އުފައްދާފައިވާ ކޮމިޝަނުން ފުލުހުންނަށް އަންގައިފި އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ރިލްވާންގެ މައްސަލައިގައި އިންޓެލްގައި ކުރިން މަސައްކަތް ކުރި ދެ ފުލުހުން ކަމަށްވާ މުހައްމަދު ޖިނާހާއި އިބްރާހިމް ރިފްއަތުގެ މައްޗަށް ޖިނާއީ އިޖުރާއަތްތަކެއް ހިންގުމުގެ ކުރިން ރިޔާސީ ކޮމިޝަނާ ރޭ ފޯނުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެގޮތަށް ކުރި މަޝްވަރާގައި، ކޮމިޝަނުން މިހާތަށް ފާހަގަކޮށްފައިވާ ފުލުހުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭ ފަދަ ހެކި ލިބިފައި ނުވާތީ އެ މައްސަލައާ ގުޅިގެން ރިފްއަތާއި ޖިނާހު ހައްޔަރުކުރަންޖެހޭ ގާނޫނީ ސަބަބެއް އޮތް ކަމަށް ނުދެކޭ ކަމަށް ފާހަގަ ކޮށްފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ.

ނަމަވެސް، ދެ ފުލުހުންނަށް އިދާރީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަަކައި އެ ފުލުހުންގެ މައްސަލަ ތަހުގީގުކުރަން ފެންނަ ކަމަށް ކޮމިޝަނުން ބުނެފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވެ އެވެ.

އޭގެ އިތުރުން، ރިލްވާންގެ ޕާސްޕޯޓާ ގުޅޭ ގޮތުން އެމްއެންޑީއެފްގައި މަސައްކަތްކުރާ ކާނަލް އަބްދުއްރައޫފް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ މުއާމަލާތް ކޮށްފައިވާތީ ރައޫފްގެ މައްސަލަ ތަހުގީގުކުރަން އޭޖީ އޮފީހުން ރޭ ލަފާދީފައި ވެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ކޮމިޝަނަށް ފުލުހުންގެ އިދާރާގައި މަސައްކަތްކުރާ މުހައްމަދު ފަޔާޒް އިސްމާއިލް ދިން ބަޔާނުގައި ފުށުއެރުންތަކެއް ހުރުމުން އެކަން ތަހުގީގުކުރުމަށް ވެސް އޭޖީން ވަނީ އެދިފަ އެވެ.

ރިޔާސީ ކޮމިޝަންގެ ޑްރާފްޓް ރިޕޯޓުގައި ފުލުހުންގެ އިދާރާގައި މަސައްކަތްކުރާ އިބްރާހިމް ހަލީލާއި އަހުމަދު ހަމީދު އަބްދުއްރަހީމްގެ ނަން ފާހަގަކޮށްފައި ވަނީ އެ މީހުން ބަޔާން ދީފައި ވާތީ ކަމަށާއި އެ ދެ މީހުންގެ މައްސަލައެއް އޮތް ކަމަކަށް ވެސް ފާހަގަ ނުކުރެވޭ ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން މިރޭ ނެރުނު ބަޔާން

"އެޓާނީ ޖެނެރަލްގެ އޮފީހުން މިގޮތަށް ލަފާދިނުމުގެ ކުރިން ވެސް މި ސާވިސް އިން ވަނީ މ. ޝައިނިންސްޓާ އަހުމަދު ރިލްވާންގެ މައްސަލައާ ގުޅޭގޮތުން މުހައްމަދު ޖިނާހާއި އިބްރާހިމް ރިފްއަތުގެ މައްސަލަ އިދާރީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފަށައިފަ އެވެ. އަދި 5 ސެޕްޓެމްބަރު 2019 ވަނަ ދުވަހު އެ ދެ ފުލުހުން ވަނީ ވަޒީފާގެ މަސްއޫލިއްޔަތުން ދުރު ކުރެވިފަ އެވެ،" ބަޔާނުގައި ބުންޏެވެ.

"މި ސާވިސްގައި އިދާރީ މައްސަލަތައް ބަލާ ތަހުގީގުކުރަން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން މައްސަލަ ބަލާ ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަހެޅުމަށްދަނީ ތައްޔާރު ވަމުންނެވެ. އަދި ހަމަ މިއާ އެކު މ. ޝައިނިންސްޓާ އަހުމަދު ރިލްވާންއާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންޓެލިޖެންސް އިން މީގެ ކުރިން ހިންގާފައިވާ އޮޕަރޭޝަންތަކާއި ގުޅޭ ކަންކަން މި ދަނީ އިތުރަށް ބަލައި ތަހުގީގުކުރަމުންނެވެ."

ފުލުހުން ބުނިގޮތުގައި، ރިޔާސީ ކޮމިޝަން އުފެއްދި ދުވަހުން ފެށިގެން އެ ކޮމިޝަނަށް ފުލުހުން އަންނަނީ ފުރިހަމަ އަށް އެއްބާރުލުން ދެމުންނެވެ. އަދި ރިލްވާންގެ މައްސަލައާ ގުޅުން ހުރި ހުރިހާ މައުލޫމާތަކާއި ލިޔުމެއް ރިޔާސީ ކޮމިޝަނާ ހިއްސާ ކުރަމުން އަންނަ ކަމަށް ބުންޏެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާއްމުކުރި ޑްރާފްޓް ރިޕޯޓު ލިބުމުން ފުލުހުންގެ އިދާރާއާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ބުންޏެވެ.