Roadha Mihaaru
އިންޓެލް ދެ ފުލުހުން ހައްޔަރުކުރަން އަންގައިފި

ރިލްވާންގެ ޕާސްޕޯޓެއް ހައްދަން އުޅުނު ކަމަށް ބުނާ ދެ ފުލުހުން ހައްޔަރުކުރަން އަންގައިފި

05 ސެޕްޓެމްބަރ 2019

ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގާފައި ވަނިކޮށް، އޭނާ ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފައި ކަމަށް ދައްކަން ޕާސްޕޯޓެއް ހައްދަން އުޅުނު ކަމަށް ބުނާ އިންޓެލިޖެންސްގެ ދެ ފުލުހުން ހައްޔަރުކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އަންގައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގާފައި ވަނިކޮށް، އޭނާ ރާއްޖޭން ބޭރަށް ފުރައިގެން ގޮސްފައި ކަމަށް ދައްކަން ޕާސްޕޯޓެއް ހައްދަން އުޅުނު ކަމަށް ބުނާ އިންޓެލިޖެންސްގެ ދެ ފުލުހުން ހައްޔަރުކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އަންގައިފި އެވެ.

އޭޖީ އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހުސައިން ހަސަން "މިހާރު" އަށް މިއަދު ވިދާޅުވީ އެ ދެ ފުލުހުން ހައްޔަރު ކުރުމުގެ އަމުރަކަށް ކޯޓުގައި އެދުމަށް އޭޖީން އެދިފައިވަނީ އެ ދެ ފުލުހުން މުޖުތަމައުއަށް ދޫވެފައި ތިއްބާ އެ ތަހުގީގު ކުރަން ހުރަސް އެޅޭނެތީ ކަމަށެވެ.

އޭޖީން ފުލުހުންނަށް ފޮނުވި ސިޓީގައި، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަންގެ ތަހުގީގުން، ދެ މީހަކު އިސްވެ ތިބެ، ގޭންގް ބައެއް މެދުވެރިކޮށް ދެ މީހަކު ކަނޑު ފައްތަން އުޅޭ ކަމުގެ މައުލޫމާތު "އޭ ގްރޭޑްގެ ސޯސް" އަކުން ފުލުހުންގެ އިންޓެލިޖެންސްއަށް، 2014 ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު ލިބި އެ ކަމަށް ފިޔަވަޅު ނޭޅި ކަމަށް ބުނާތީ އެކަން ވެސް ތަހުގީގުކުރަން އެދިފައިވެ އެވެ. އަދި އެކަމުގައި ޝާމިލްވި ފުލުހުން މަސައްކަތުން އެކަހެރި ކުރުމަށް ވެސް އޭޖީން ލަފާ ދީފައިވެ އެވެ.

އޭޖީން މިގޮތަށް އަންގާފައިވަނީ ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ބ)ގެ ދަށުން ލިބިދޭ ބާރުންނެވެ. އެ މާއްދާގައި ބުނާ ގޮތުން ގާނޫނުގެ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުވުމާއި ރައްޔިތުންގެ ސަލާމަތާއި ރައްޔިތުންގެ މަންފާ އާއި އާންމު މިނިވަންކަން ދިފާއުކުރުމަށް ބަންޑާރަނައިބު މަސައްކަތްކުރަންޖެހެ އެވެ.

ރިލްވާން ވަގަށް ނަގައި މަރާލުމަށް ފަހު ކަނޑުފައްތާފައިވާ ކަމަށް، ކޮމިޝަންގެ ތަހުގީގަށް އެނގިފައި ވާއިރު ރިލްވާންގެ ތަހުގީގަށް ހުރަސް އަޅައި، ރިލްވާން ރާއްޖޭން ބޭރަށް ގޮސްފައިވާކަން ދައްކަން ޕާސްޕޯޓެއް ހަދަން ދެ ފުލުހުން ދިޔައީ އޭރުގެ އިމިގްރޭޝަން ކޮންޓްރޯލާ އަދި މިހާރު ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ އަރިހަށް ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ރިޕޯޓުގައިވާ ގޮތުން ހަސަން ފުލުހުންނަށް ދިން ބަޔާނުގައި، ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގައި އުޅޭ ދެ މުވައްޒަފަކު ބައްދަލުކޮށް ރިލްވާންގެ ޕާސްޕޯޓެއް ހެދުމާ ގުޅޭ މަޝްވަރާތައް ކުރި އެވެ. ކޮމިޝަނުން ބުނީ ދެ ފުލުހަކު ބައްދަލުކޮށް ރިލްވާންގެ ވާހަކަ ނިމެން އެބަޖެހޭ ކަމަށާއި އެމީހުން އޭނާގެ ޕާސްޕޯޓް ހައްދަން ބޭނުންވަނީ ރިލްވާން ރާއްޖެ އިން ބޭރަށް ދިޔަކަން ދެއްކުމަށް ކަމަށް ބުންޏެވެ. އެގޮތުން އެންޑީޓީވީ ފަދަ ޗެނަލަކުން، ރިލްވާން މަރުވެފައިވާ ކަމުގެ ޚަބަރެއް އެމީހުންނަށް ފޮނުވިދާނެ ކަމަށާއި އެ ދެ މީހުން މި އުޅެނީ "ވެރިޔާ" ވިދާޅުވެގެން ކަމަށް ބުނެފައިވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ. ނަމަވެސް "ވެރިޔާ" އަކީ ކާކު ކަމެއް ބުނެފައެއް ނުވެ އެވެ.

މި މައްސަލާގައި ފަނޑިޔާރު ހަސަންއާ މެދު ވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ވިދާޅުވެފަ އެވެ. އަދި ހަސަންގެ މައްސަލައެއް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ވެސް ވަނީ ފަށައިފަ އެވެ.