Roadha Mihaaru
ކްރޮސްރޯޑްސްގެ ޑިސްކަވަރީ ސެންޓަރަށް ކުޑަކުދިންގެ ފޮތެއް

ކްރޮސްރޯޑްސްގެ ޑިސްކަވަރީ ސެންޓަރަށް ހާއްސަ ފޮތެއް!

19 އޯގަސްޓް 2019

ކްރޮސްރޯޑްސް މޯލްޑިވްސް ޑިސްކަވަރީ ސެންޓަރަށް ހާއްސަކޮށްގެން ރާއްޖޭގެ ތާރީހާއި ސަގާފަތް ދައްކުވައިދޭގޮތަށް ކުޑަކުދިންގެ ފޮތެއް ތައްޔާރުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކްރޮސްރޯޑްސް މޯލްޑިވްސް ޑިސްކަވަރީ ސެންޓަރަށް ހާއްސަކޮށްގެން ރާއްޖޭގެ ތާރީހާއި ސަގާފަތް ދައްކުވައިދޭގޮތަށް ކުޑަކުދިންގެ ފޮތެއް ތައްޔާރުކޮށްފި އެވެ.

މި ފޮތް ތައްޔާރުކުރީ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމުގައިވާ ލިވް އެންޑް ލާން އެންވަޔަރަމަންޓް އެޑިއުކޭޝަނުންނެވެ.

ކްރޮސްރޯޑްސް އިން ހިންގާ ރިސޯޓެއް ކަމުގައިވާ ހާޑްރޮކްގައި، މި ފޮތް ތައާރަފް ކުރަން ބޭއްވި ހަފްލާގައި އެ ރިސޯޓުގެ މެނޭޖާ ޓޮލްގާ އުނާން ވިދާޅުވީ އެ ރިސޯޓަށް އަންނަ ކުޑަކުދިންނަށް އެ ފޮތުގެ ބޭނުން ވަރަށް ބޮޑަށް ހިފޭނެ ކަމަށެވެ.

"ހާޑްރޮކް ރިސޯޓަކީ އާއިލާތަކަށް ހާއްސަ ރިސޯޓެއް. ކްރޮސްރޯޑްސްގެ އިންޓަގްރޭޓެޑް ރިސޯޓުގެ ދަށުން މި ރިސޯޓް ހިންގާ އިރު ރާއްޖޭގެ ސަގާފަތާއި އާދަކާދަތައް އެންމެ ފަސޭހައިން އާއިލާތަކާ އެކު އަންނަ ކުޑަ ކުދިންނަށް ދައްކުވާދިނުން ވަރަށް މުހިއްމު،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ރީތިކަމާ އެކު، ނާޒުކު ތިމާވެއްޓާއި ދިވެހިންގެ އާދަކާދަތައް ކިޔައިދިނުމަށް މިއީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

މި އެކްޓިވިޓީ ފޮތުގައި ދިވެހި ބަހާއި ދިވެހި ކެއުންތަކާއި ސަގާފީ ހެދުމާއި ރާއްޖެ އުފެދިފައިވާ ގޮތާ ގުޅޭ މައުލޫމާތުތައް ހިމެނޭނެ އެވެ. މިފޮތުގައި ހުރި މަސައްކަތްތަކަކީ ކުޑަކުދިން ގަޔާވާނެ ގޮތަށް ފަރުމާކޮށްފައިވާ މަސައްކަތްތަކެވެ.

ކްރޮސްރޯޑްސްގައި ހިންގާ ހާޑް ރޮކް ރިސޯޓުގެ މެނޭޖާ ޓޮލްގާ އުނާން---ފޮޓޯ:ހުސައިން ވަހީދު/މިހާރު

ކްރޮސްރޯޑްސްގައި ހިންގާ ހާޑް ރޮކް ރިސޯޓުގެ މެނޭޖާ ޓޮލްގާ އުނާން---ފޮޓޯ:ހުސައިން ވަހީދު/މިހާރު

ލިވް އެންޑް ލާން އެންވަޔަރްމަންޓް އެޑިއުކޭޝަންގެ ކަންޓްރީ މެނޭޖާ ޒަމީލާ އަހުމަދު ވިދާޅުވީ، މިއީ ކުޑަ ޕްރޮޖެކްޓެއް ނަމަވެސް ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ. ލިވް އެންޑް ލާން އިން ރާއްޖޭގައި ތަފާތު ހަރަކާތްތައް 2005 ވަނަ އަހަރުން ފެށިގެން އަންނަނީ ހިންގަމުންނެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު ފޯކަސް އަކީ މުޅި މުޖުތަމައު ބާރުވެރި ކުރުވުން. ހާއްސަ ކުޑަކުދިން ބާރުވެރިކޮށް، ތިމާވެއްޓަށް ހޭލުންތެރިކުރުން،" އޭނާ ވިދާޅުވި އެވެ.

މި އެކްޓިވިޓީ ފޮތް ތައްޔާރުކޮށްފައިވަނީ މަރިޔަމް ޝަޒްނާ އާއި ޒަމީލާ އެވެ. ފޮތް ޑިޒައިންކުރީ އަހުމަދު އަލްހާމް އާދިލެވެ.

ކްރޮސްރޯޑްސްގެ ޑިސްކަވަރީ ސެންޓަރުން، ދިވެހި ރުކުން ހިފާ އެކި ބޭނުންތަކާއި ތާރީހުގެ އިތުރުން ރާއްޖޭގެ ކަނޑު އަޑީގެ ދިރުންތަކާ ގުޅޭ މައުލޫމާތުތައް ފޯރުކޮށްދޭނެ އެވެ. ސަގާފީ ތަފާތު އުފެއްދުންތަކުން ޒީނަތްތެރި ކޮށްފައިވާ މި ސެންޓަރުން ނުކުމެގެންދާ ކޮންމެ މީހަކަށް ވެސް ރާއްޖެއަކީ ކޮބައިކަން ވަރަށް ސާފުކޮށް އެނގޭނެ އެވެ.