Roadha Mihaaru
ޒަރީފަށް ފިޔަވަޅު އެޅީ ޓްރަމްޕްއާ ބައްދަލު ނުކުރުމުން

އީރާނުގެ ޚާރިޖީ ވަޒީރަށް ފިޔަވަޅު އެޅީ ޓްރަމްޕްއާ ބައްދަލު ކުރަން ދެކޮޅު ހެދުމުން

05 އޯގަސްޓް 2019

ތެހެރާން (އޮގަސްޓް 5) - އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅީ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލު ކުރަން ދެކޮޅު ހެދުމުން ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (އޮގަސްޓް 5) - އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އެޅީ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލު ކުރަން ދެކޮޅު ހެދުމުން ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ނިއު ޔޯކް މަޖައްލާ އިން ބުނެފައި ވަނީ ސެނޭޓަ ރޭންޑް ޕޯލް ވަނީ ޒަރީފްއާ ޖުލައި 15 ވަނަ ދުވަހު އެމެރިކާގައި ބައްދަލު ކުރައްވައި ޓްރަމްޕްއާ ވައިޓް ހައުސްގައި ބައްދަލު ކުރުމަށް ދައުވަތު ދެއްވާފައި ކަމަށެވެ. އީރާނުގެ އޮފިޝަލުން ވެސް ވަނީ އެކަން ޔަގީންކޮށްދީފަ އެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން އަލީ ރަބީއީ ވަނީ މަޝްވަރާ އަށް އިސްކަންދޭ ކަމަށް އަބަދު ބުނަމުންދާ ގައުމަކުން ޚާރިޖީ ވަޒީރާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ މޮޔަކަން ނޫން ދެން އެހެން ކޮން ކަމެއްތޯ ސުވާލު ކުރައްވައިފަ އެވެ.

"ސެނެޓައާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ޒަރީފަށް ވަނީ ދައުވަތު ދެއްވާފައި. އޭގެ ފަހުން ފިޔަވަޅު އެޅީ،" އީރާނުގެ ރަސްމީ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ރަބީއީ ވިދާޅުވި އެވެ. "އަޅުގަނޑުމެން ގަބޫލް ކުރަނީ މިއީ ވައިޓް ހައުސްގައި ތިބޭ ބައެއް އޮފިޝަލުންގެ ޒާތީ ކަމެއް ކަމަށް."

ޒަރީފް ވިދާޅުވެފައި ވަނީ ޓްރަމްޕްއާ ބައްދަލު ކުރުމުގެ ދައުވަތު ގަބޫލް ކުރުމާއި ނުކުރުމަކީ އީރާނުން ނިންމާ ކަމެއް ކަމަށާއި ހަމައެކަނި ފޮޓޯ އިވެންޓެއް ބޭއްވުމަށް ފަހު ބަޔާނެއް ނެރުމަކީ އޭނާ ބޭނުންވާ ގޮތް ނޫން ކަމަށެވެ.

އީރާނުގެ އެންމެ އިސް ޑިޕްލޮމެޓާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅު އެޅީ ބުދަ ދުވަހު އެވެ. އެމެރިކާ އިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެމެރިކާގައި ހުރި ޒަރީފް އާއި އޭނާގެ އާއިލާގެ މުދާތައް ހިފެހެއްޓުން ހިމެނެ އެވެ. ޒަރީފް ވިދާޅުވީ އީރާން ފިޔަވައި އެހެން ގައުމެއްގައި އޭނާގެ އެއްވެސް މުދަލެއް ނުހުންނާނެ ކަމަށެވެ.

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އެޑްމިރަލް އަލީ ޝަމްޚާނީ ވިދާޅުވީ ޓްރަމްޕްއާ ބައްދަލު ކުރައްވަން ދެކޮޅު ހެއްދެވުމުން ޒަރީފްއާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ އެމެރިކާގެ ޑިޕްލޮމެސީ ފެއިލްވެފައިވާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.