Roadha Mihaaru

އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުކަމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

29 ޖުލައި 2019

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުކަމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

އެ ކޮމިޝަނަށް ކުރިމަތިލާން އަލުން ހުޅުވާލީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްޔިތުންގެ މަޖިލީހުން އެގޮތަށް ލަފާ އެރުވުމުންނެވެ. އެހެންވެ އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލާން ރައީސް އޮފީހުން ވަނީ އަންނަ ހަފުތާގެ އަންގާރަ ދުވަހާ ހަމައަށް މުއްދަތު ދީފަ އެވެ.

އެންއައިސީގެ މެމްބަރު ކަމަށް އަލުން ހުޅުވާލިއިރު، ނަންތައް ދިރާސާކޮށް އެ ރިޕޯޓު މަޖިލީހަށް ހުށަހަޅާފައިވެ އެވެ. ނަމަވެސް މަޖިލިހުގެ ތަޅުމުން އަލުން ވަނީ ރިޕޯޓު ކޮމިޓީ އަށް ފޮނުވައިފަ އެވެ. މިދިޔަ ފެބްރުއަރީ މަހު ރައީސް އޮފީހުން އެ ފުރުސަތު ހުޅުވާއިލީ އެ ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ފަރުހާދު އިސްތިއުފާ ދެއްވުމުންނެވެ. އެހެންވެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން 26 މީހަކު ކުރިމަތިލި އެވެ.

މިދިޔަ ހަފުތާގައި ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ އެންއައިސީ އަށް މެމްބަރަކު އައްޔަން ކުރެއްވުމަށް ރައީސް ނަންތައް ފޮނުވާފައި ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލިހަށް ކަމަށެވެ. އަދި 19 ވަނަ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރަން ޖެހޭނީ އާ ނަންތަކެއް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އެހެންވެ އެ ދުވަހުގެ ޖަލްސާގައި ވަނީ، އެންއައިސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަން ލަފާދިނުމަށް ފާސްކޮށްފަ އެވެ.

އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލި މީހުންގެ ނަންތައް ދިރާސާ ކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ފޮނުވުމުން އެ ކޮމިޓީން އެންމެ މަތިން މާކްސް ދިނީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ)ގެ މެމްބަރު ކަން ކުރެއްވި ރުކްޝާނާ އިބްރާހިމަށެވެ. އަދި ދެން ކުރިމަތިލި މީހުންނަށް ލިބުނު މާކްސްތަކާ އެކު، ކޮމިޓީ ރިޕޯޓު މަޖިލިހުގެ ތަޅުމަށް ފޮނުވި އެވެ. އެ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ޝަރުރުތަކުގެ ތެރޭގައި އުމުރުން 30 އަހަރު ވެފައި ވުމާއި ފަސްޓް ޑިގްރީއެއް އޮތުމާއި އަދި ހަތް އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުރުމުގެ އިތުރުން އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.