Roadha Mihaaru
ޓަގު ބޯޓުގެ މައްސަލާގައި އޭސީސީން ގާނޫނާ ޚިލާފެއް ނުވޭ

ޓަގު ބޯޓުގެ މައްސަލާގައި އޭސީސީގެ އެންގުން ގާނޫނާ ޚިލާފެއް ނޫން: ހައި ކޯޓް

28 ޖުލައި 2019

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ބަންނަމުންދިޔަ ޓަގު ބޯޓެއްގެ މައްސަލާގައި، އެ މަސައްކަތުގެ އަގަށްވާ ފައިސާ ދޫނުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގީ ގާނޫނާ އެއްގޮތަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ބަންނަމުންދިޔަ ޓަގު ބޯޓެއްގެ މައްސަލާގައި، އެ މަސައްކަތުގެ އަގަށްވާ ފައިސާ ދޫނުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގީ ގާނޫނާ އެއްގޮތަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

އެމްޕީއެލް އިން ސެންޓަ އެންޓަ ޕްރައިސަސްއާ ހަވާލުކޮށްގެން އެ ކުންފުންޏަށް ބަންނަމުންދިޔަ ޓަގު ބޯޓެއްގެ މައްސަލާގައި އޭސީސީން 2012 ވަނަ އަހަރު ވަނީ އެ މަސައްކަތުގެ އަގަށްވާ ފައިސާގެ ތެރެއިން އެހާތަނަށް ނުދީ ހުރި ފައިސާ ދޫނުކޮށް، ހިފަހައްޓަން އެމްޕީއެލްއަށް އަންގައިފަ އެވެ. އެގޮތަށް އެންގީ އޭރު އޭސީސީން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެންނެވެ.

އެ މައްސަލާގައި ސެންޓަ އެންޓަ ޕްރައިސަސް އިން އޭސީސީއާ ދެކޮޅަށް ފުރަތަމަ ދައުވާކުރީ ގެއްލުމުގެ ބަދަލަށް 815 މިލިއަން ރުފިޔާ ހޯދުމަށެވެ. އެކަމަކު ފަހުން އެ ދައުވާއިން ގެއްލުމުގެ ބަދަލުގެ ބައި އުނިކޮށް، އޭސީސީން އަމަލުކުރި ގޮތުގެ މައްސަލަ ބަލައި ދިނުމަށް އެދުމުން ސިވިލް ކޯޓުން ކުރިން ނިންމާފައި އޮތީ އެކަމުގައި އޭސީސީން ގާނޫނާ ޚިލާފްވިކަން ސާބިތުނުވާ ކަމަށެވެ.

އެ މައްސަލަ އެންޓަ ޕްރައިސަސް އިން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުން ވެސް ނިންމީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ އޭސީސީން އެގޮތަށް އަންގާފައިވަނީ އޭސީސީން އޭރު ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން ކަމަށާއި އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، އެމްޕީއެލްގެ ބޯޑުން ނިންމާ އުސޫލެއްގެ މަތިން ފައިސާ ދޫކުރުމުގައި މައްސަލައެއް ނެތް ކަމަށް އޭސީސީން ފަހުން އެމްޕީއެލްއަށް އަންގާފައިވާ ކަމަށެވެ.

އެ ހުކުމުގައިވަނީ އޭސީސީން އެގޮތަށް އެންގުމުގެ ކުރިން ވެސް އެއްބަސްވުމުގެ މައްސަލާގައި އެމްޕީއެލް އާއި ސެންޓަ އެންޓަ ޕްރައިސަސްއާ ދެމެދު ދެބަސްވުންތަކެއް އުފެދިފައިވާކަން އެނގޭ ކަމަށާއި އެހެންވެ، އެ އެއްބަސްވުމަށް އަސަރުކުރީ އޭސީސީން އަމަލުކުރި ގޮތުން ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުމަކީ އޭސީސީއަށް ގާނޫނުން ދީފައިވާ ބާރެއްކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ އޭސީސީގެ އެންގުމަކީ އެ ބާރުގެ ބޭރުން އޭސީސީން އެންގި އެންގުމެއް ކަމަށް ކަމަށް ނުބެލެވޭނެ ކަމަށެވެ.

އެ ކަންކަން ފާހަގަކޮށް، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކޮށްފައިވަނީ ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ.

އެ މައްސަލަ ބެއްލެވީ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ. ރިޔާސަތު ބެލެހެއްޓެވީ އިސް ފަނޑިޔާރު ޝުޖާއު އެވެ.

ޓަގު ބޯޓުގެ މައްސަލާގައި ސެންޓަ އެންޓަ ޕްރައިސަސްއިން ވަނީ އެމްޕީއެލްއާ ދެކޮޅަށް ވެސް ދައުވާކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް ދަނީ ހިނގަމުންނެވެ.