Roadha Mihaaru
ޒަޔާނާއި ތޯއިފަށް ގާނާ މުބާރާތުން ލޯ މެޑަލް

ޒަޔާނާއި ތޯއިފަށް ގާނާ މުބާރާތުން ލޯ މެޑަލް

22 ޖުލައި 2019

ގާނާގެ ޖޭއީ ވިލްސަން އިންޓަނޭޝަން ސީރީޒްގައި ރާއްޖޭގެ ރިވައިވަލް ސްޕޯޓްސްގެ ޒަޔާން ޒަކީ އާއި އަހުމަދު ތޯއިފްގެ ޕެއާ، ފިރިހެން ޑަބަލްސް ބައިން ލޯ މެޑަލް ހާސިލްކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ގާނާގެ ޖޭއީ ވިލްސަން އިންޓަނޭޝަން ސީރީޒްގައި ރާއްޖޭގެ ރިވައިވަލް ސްޕޯޓްސްގެ ޒަޔާން ޒަކީ އާއި އަހުމަދު ތޯއިފްގެ ޕެއާ، ފިރިހެން ޑަބަލްސް ބައިން ލޯ މެޑަލް ހާސިލްކޮށްފި އެވެ.

ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) ފެންވަރުގެ މި މުބާރާތުގެ ސެމީ ފައިނަލުން ޒަޔާން އާއި ތޯއިފްގެ ޕެއާ ބަލިވީ މުބާރާތުގެ ދެ ވަނަ އަށް ސީޑްކޮށްފައިވާ ނައިޖީރިއާގެ ޕެއާއެއް ކަމަށްވާ ގޮޑްވިން އަލޮފުއާ އާއި އޮނޫލޮވާޕޯ ޖުވޮން އޮޕެޔޯރީއާ ވާދަކޮށެވެ. އެ ޕެއާ އިން ސެޓުތައް ގެންދިޔައީ 21-10، 21-16 އިންނެވެ.

މިއީ މި އަހަރުގެ ކުރީކޮޅު ގައުމީ ބެޑްމިންޓަން ޓީމަށް ކުޅުން ހުއްޓާލި ޒަޔާންގެ މުއައްސިސް ކަމުގައި އުފެއްދި ރިވައިވަލް ސްޕޯޓްސް އިން ބައިނަލްއަގްވާމީ މުބާރާތެއްގައި ހޯދި ފުރަތަމަ މެޑަލެވެ. ރިވައިވަލް ސްޕޯޓްސް އިން ބުނީ މިއީ ފެށުމެއް ކަމަށާއި ކުރިއަށް އޮތްތަނުގައި އިތުރު ކާމިޔާބީ ހޯދަން މަސައްކަތްކުރާނެ ކަމަށެވެ. ރިވައިވަލް ސްޕޯޓްސް އިން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރަން އެންޓްރީ ހަދައިދެނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިންނެވެ.

ޒަޔާން އާއި ތޯއިފް ވަނީ ގާނާ މުބާރާތުގެ ސިންގަލްސް ބައިގައި ވެސް ވާދަކޮށްފަ އެވެ. ސިންގްލަސް ބައިގެ ކޮލިފައިން ބުރުގައި ގާނާގެ ކުޅުންތެރިޔާ ޑެނިއަލް ޑޯއިއާ ވާދަކޮށް ތޯއިފް ބަލިވީ 24-22، 21-15 އިންނެވެ. މި މެޗުގައި ތޯއިފްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ. ފިރިހެން ސިންގަލްސްގައި ބައިގެ ފުރަތަމަ ބުރުގައި ޒަޔާން ކުޅުނު މެޗުން ބަލިވީ ދުނިޔޭގެ 195 ވަނަ އަށް ރޭންކް ކޮށްފައިވާ އިންޑިއާގެ ކޮރަން ޖޯޖް އަތުންނެވެ. ކިރަން ސެޓުތައް ގެންދިޔައީ 21-11، 21-12 އިންނެވެ.

ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ހޯދުމުގެ ވިސްނުމުގައި އުފެއްދި ރިވައިވަލް ސްޕޯޓްސް އިން އެއް ވަނަ ޑިވިޝަން ކުޅުންތެރިންގެ ގޮތުގައި ޕްރޮފެޝަނަލް ކޮންޓްރެކްޓް ދިނީ އަހުމަދު ތޯއިފާއި ރިޝްވާން ޝިޔާމަށެވެ. ދެ ވަނަ ޑިވިޝަން ކުޅުންތެރިންގެ ގޮތުގައި ސޮއިކުރީ މުހައްމަދު ސާރިމާއި އިބްރާހިމް ރާޝިހު އަދި އައްފާން އަލީ އެވެ. މީގެ ތެރެއިން ތޯއިފާއި ސާރިމް އަދި ރިޝްވާން ވަނީ މީގެ ކުރިން ގައުމީ ބެޑްމިންޓަން ޓީމަށް ކުޅެފަ އެވެ.

ދާދި ފަހުން ސިންގަޕޫރުގެ ތަޖުރިބާކާރު ބެޑްމިންޓަން ކޯޗު އަބްދުލް ހާމިދު ހާން ވަނީ ރިވައިވަލް އަށް ތަމްރީނުގެ ސެޝަންތަކެއް ނަގައިދީފަ އެވެ. ރިވައިވަލް ސްޕޯޓްސް އިން ވަނީ ކުރިއަށް އޮތްތަނުގައި ވެސް އެ ފަދަ ސެޝަންތަކެއް ކުރިއަށްގެންދަން ނިންމާފައިވާއިރު، ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވެސް ވާދަކުރާނެ އެވެ.