Roadha Mihaaru
ޓްރާންސްޕޯޓުގެ ހިދުމަތްތަކަށް އޮންލައިންކޮށް ފަށައިފި

ޓްރާންސްޕޯޓުގެ ހިދުމަތްތަކަށް އޮންލައިންކޮށް އެދެވޭނެ ގޮތް ހަދައިފި

21 ޖުލައި 2019

ޓްރާންސްޕޯޓު އޮތޯރިޓީގެ ހިދުމަތްތަކަށް އޮންލައިންކޮށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓްރާންސްޕޯޓު އޮތޯރިޓީގެ ހިދުމަތްތަކަށް އޮންލައިންކޮށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފި އެވެ.

އެ އޮތޯރިޓީ ހިންގާ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ވިދާޅުވީ counter.mta.gov.mv މެދުވެރިކޮށް ހިދުމަތްތަކަށް އެދެވޭނެ ކަމަށެވެ. ނަމަވެސް އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ ރަޖިސްޓްރީވުމެވެ.

އެ ޕޯޓަލް އަށް ވަނުމުން އެ މީހާގެ އީމެއިލް އެޑްރެހާއި ފޯނު ނަމްބަރު ޖަހަން އަރާނެ އެވެ. އެ މައުލޫމާތުތައް ފުރިހަމަކުރެވުމުން ރަޖިސްޓްރީވެވޭނެ އެވެ.

ޓްރާންސްޕޯޓުގެ ހިދުމަތްތައް ލަސްވެ، އެތަނުގައި ބޮޑު ކިއުއެއް އޮންނަ ކަމުގެ ޝަކުވާތައް ކުރަމުން ދާތާ ޒަމާންތަކެއް ވެއްޖެ އެވެ. ސަރުކާރުގެ އެހެން އިދާރާތަކުގެ ހިދުމަތްތަކަށް ފަސޭހަ ބަދަލުތަކެއް އައި ކަމުގައި ވިއަސް ޓްރާންސްޕޯޓަށް ޒަމާނީ ބަދަލުތަކެއް ނާންނާތީ އެތަނަށް ވަނީ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އެހެންކަމުން މިއީ އެތަނުގެ ހިދުމަތްތައް ރަނގަޅުކުުރުމަށް ފެށި މަސައްކަތުގެ ބައެކެވެ.

ޝިމާޒް ވިދާޅުވީ އޮންލައިންކޮށް ހިދުމަތް ފެށި ކަމުގައި ވިއަސް ވީހާ ވެސް އަވަހަކަށް ހިދުމަތް ދޭނެ ކަމަށެވެ.

"މައުލޫމާތުތައް ފުރިހަމަކޮށް ކޮންމެ ގަޑިއަކު ވެސް އެ ހިދުމަތަކަށް އެދެވޭނެ. ވީހާ ވެސް އަވަހަކަށް އެ ފޯމުތަކަށް ޖަވާބުދީ، ހިދުމަތް ދެމުން ދާނީ،" ޝިމާޒް ވިދާޅުވި އެވެ.

މިިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ އެ އޮތޯރިޓީން ދެމުން އަންނަ ހިދުމަތްތަކުގެ ޝަކުވާ ވަރަށް ބޮޑު ކަމަށެވެ. އެކަމަށް ލުއެއް ހޯދައިދިނުމަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އޮންލައިންކޮށް ޓްރާންސްޕޯޓުގެ ހިދުމަތަށް އެދެވޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ ކުރިން ޓްރާންސްޕޯޓުން ހިދުމަތް ދެނީ ދުވާލަކަށް 100 ނަމްބަރު ދޫކޮށްގެންނެވެ. ނަމަވެސް އެތަނުގެ ތެރޭގައި އޮންނަ ބޮޑު ކިޔުއާ އެކު އެ ނަމްބަރުތައް ވަރަށް އަވަހަށް ހުސްވެ އެވެ. އެކަމަކު މިހާރު ވަނީ ހެނދުނު 8:00 އިން ފެށިގެން 11:00 ވަންދެން ވަކި ލިމިޓެއް ނެތި ހިދުމަތް ދޭން ނިންމައިފަ އެވެ.