Roadha Mihaaru
އުގެއިލްގެ މަހާސިންތާގެ ޓައިޓަލް ސްޕޮންސަަރަކަށް އުރީދޫ

އުގެއިލް ފައުންޑޭޝަންގެ މަހާސިންތާގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ

03 ޖުލައި 2019

ރާއްޖޭގައި އާޓިފިޝަލް އިންޓެލިޖެންސް ކުރިއެރުވުމަށް އުގެއިލް ފައުންޑޭޝަނުން ބާއްވާ އޭ.އައި މޯލްޑިވްސް މަހާސިންތާގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގައި އާޓިފިޝަލް އިންޓެލިޖެންސް ކުރިއެރުވުމަށް އުގެއިލް ފައުންޑޭޝަނުން ބާއްވާ އޭ.އައި މޯލްޑިވްސް މަހާސިންތާގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ ހަމަޖައްސައިފި އެވެ.

އަންނަ މަހުގެ 26-28 އަށް އއ. އުކުޅަހުގައި ބާއްވާ މި މަހާސިންތާގައި އެކި ގައުމުތަކުގެ އާޓިފިޝަލް އިންޓެލިޖެންސްގެ މާހިރުން ބައިވެރިވާނެ އެވެ. މަހާސިންތާގައި ބައިވެރިވާ މީހުންގެ މެދުގައި، އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގެ އެންމެ ފަހުގެ ހޯދުންތަކާ ބެހޭގޮތުން މަޝްވަރާކޮށް، މައުލޫމާތު ހިއްސާ ކުރާނެ އެވެ.

އުރީދޫއާ އެކު ވި އެއްބަސްވުމާ ގުޅޭގޮތުން ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވީ، މި އެއްބަސްވުމުން އެނގެނީ ރާއްޖޭގައި ފަހުގެ ޓެކްނޮލޮޖީތައް ތައާރަފު ކުރުމަށް އުރީދޫން އިސްކަންދޭ މިންވަރު ކަމަށެވެ.

އުގެއިލް (ކ) އާއި އުރީދޫގެ ސީއީއޯ ނަޖީބު ޚާން އެއްބަސްވުމުގައި ސޮއިކުރައްވަނީ.---ފޮޓޯ: އުރީދޫ

އުގެއިލް (ކ) އާއި އުރީދޫގެ ސީއީއޯ ނަޖީބު ޚާން އެއްބަސްވުމުގައި ސޮއިކުރައްވަނީ.---ފޮޓޯ: އުރީދޫ

އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވީ، އޭ.އައި މޯލްޑިވްސްގެ މަހާސިންތާގެ ޓައިޓަލް ސްޕޮންސަރުކަން ލިބުމަކީ ޝަރަފެއް ކަމަށެވެ.

އޭނާ ވިދާޅުވީ، މިފަދަ ދާއިރަތަކުގެ މައުލޫމާތަކީ ރާއްޖެ ފަދަ ގައުމެއް ޑިޖިޓަލް ވުމަށް ލިބޭ ފުރުސަތަކަށް ވުމުން، މި މަހާސިންތާ އިތުރަށް ފުރިހަމަ ކުރުމަށް އުރީދޫން މަސައްކަތް ކުރާނެ ކަމަށެވެ.

"އޭ.އައި މޯލްޑިވްސް ފަދަ ޕްލެޓްފޯމުތަކުގެ ސަބަބުން ޑިޖިޓަލް ގައުމެއް ބިނާކުރުމުގައި މިފަދަ ޓެކްނޮލޮޖީގެ މުހިއްމު ދައުރާ މެދު ހޭލުންތެރިކަން އިތުރުކޮށް، އޭ.އައި ހިމެނޭ އީޖާދީ ޚިދުމަތްތައް ބިނާ ކުރުމަށް ދިވެހި ޒުވާނުންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ. އޭ.އައި މޯލްޑިވްސް ޓައިޓަލް ސްޕޮންސާ އަށް ވުމަކީ އަޅުގަނޑުމެންނަށް ލިބުނު ފަޚުރެއް، އަދި މި އިވެންޓު އިތުރަށް ފުރިހަމަކޮށް، ފައިދާހުރި ޕެލްޓްފޯމަކަށް ހެދުމަށް އުރީދޫގެ ފުރިހަމަ އެއްބާރުލުން އުގެއިލް ފައުންޑޭޝަނަށް ފޯރުކޮށްދޭނަން،" ނަޖީބު ޚާން ވިދާޅުވި އެވެ.

މި މަހާސިންތާގެ އިތުރުން އުކުޅަހުގައި ޓެކް ފެއާއެއް ވެސް މި ދުވަސްތަކުގައި ކުރިއަށް ގެންދާނެ އެވެ. މި ފެއާގައި ދިވެހި ވިޔަފާރިތަކުގެ އިތުރުން ޓެކްނޮލޮޖީ ދާއިރާ އަށް އަހުލުވެރި އަމިއްލަ ފަރާތްތަކުގެ އީޖާދުތަކާއި އާ އުފެއްދުންތައް ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ.