Roadha Mihaaru
ގެއަކަށް ކަޅުތެޔޮ ޖެހި މައްސަލައެއް ފުލުހުން ބަލަނީ

ނިލަންދޫގެ ގެއަކަށް ކަޅުތެޔޮ ޖެހި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

21 ޖޫން 2019

ގއ. ނިލަންދޫގެ ގެޔަކަށް އިއްޔެ ރޭ ކަޅުތެޔޮ ޖެހި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ގއ. ނިލަންދޫގެ ގެޔަކަށް އިއްޔެ ރޭ ކަޅުތެޔޮ ޖެހި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އެ ރަށު ސޯސަންވިލާ ގޭގެ ބޭރު ފާރަށް ކަޅުތެޔޮޖަހާފައި ވަނީ އެ ރަށު ފުޓްސަލް ދަނޑުގައި ކުޅޭއިރު ގެއަށް އުނދަގޫވާ ކަމުގެ ޝަކުވާ ތަކުރާރުކޮށް ކުރުމުން ކަމަށް އެ ގޭގެ މީހަކު ފޭސްބުކްގައި ބުނެފައިވެ އެވެ. އަދި އެ ގެއަށް އުނދަގޫވާކަން މީގެ ކުރިން ރަށު ކައުންސިލަށް އަންގާފައިވާނެ ކަމަށާއި ނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށް ކައުންސިލުން ނިންމި ކަމަށް ވެސް އެ މީހާ ބުނެފައި ވެ އެވެ. އަދި ކައުންސިލުން ކަމެއް ނުކޮށްދެވޭނެ ކަމަށް ބުނި ކަމަށް ވެސް އޭނާ ބުންޏެވެ.

ސޯސަންވިލާ ގޭގެ މީހެއް ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއް

އެކަމަކު ކައުންސިލުން އެ މައްސަލައަށް ހައްލެއް ހޯދަން އެއްވެސް މަސައްކަތެއް ނުކުރާކަން އެތަނުން ދޮގުކުރެ އެވެ. ނިލަންދޫ ކައުންސިލް މެމްބަރު ނާސިހް އިބްރާހިމް "މިހާރު" އަށް ވިދާޅުވީ އެ ގޭތެރެއަށް ބޯޅަ ދާ ކަމުގެ ޝަކުވާ ލިބުމުން އެ ފުޓްސަލު ދަނޑު ވަށައިގެން ފެންސު ޖެހި ކަމަށެވެ. އަދި ގޯލުގެ ފަހަތުގައި ވަކިން ދާ ގަނޑެއް ޖަހާފައި ވާ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ބޯޅައެއްގެ ސަބަބުން އެ ގޭގެ އެއްވެސް މީހަކަށް އަދި މުދަލަކަށް ގެއްލުންވެފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ފޮޓޯތަކުންނާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ގޭގެ ފާރަށާއި ކުޑަދޮރުތަކަށް ކަޅުތެޔޮޖަހާފައިވެ އެވެ. އަދި ކުޑަދޮރުތަކުން ގޭގެ އެތެރެއަށް ކަޅުތެޔޮ ވަދެފައިވާ ތަން ވެސް ފެނެ އެވެ.

މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް އެނގިފައެއް ނުވެ އެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.