03 ޖޫން 2019
ސުނާމީ ގެތައް އެޅުމުން ވިމްލާ ކޮންސްޓްރަކްޝަނަށް 78 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ މެދު ކޯޓުން ބޭރުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.
ސުނާމީ ގެތައް އެޅުމުން ވިމްލާ ކޮންސްޓްރަކްޝަނަށް 78 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ މެދު ކޯޓުން ބޭރުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.
މި މައްސަލައިގައި ވިމްލާގެ ވަކީލަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިއަދު އައްޔަން ކުރެއްވި، ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިނެވެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީ އަށް ކަނޑައެޅި ހިސާނާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތަކީ ކުރިން އެއް ލޯފާމެއް ހިންގެވި ދެ ބޭފުޅުންނެވެ.
އެކި ކަންކަމާ ގުޅިގެން ދައުލަތުން ފައިސާ ދޭންޖެހޭ މައްސަލަތައް ހައްލު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ޚާއްސަ ކޮމިޓީގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހުގައި އިއްޔެ ބޭއްވި ބައްދަލުވުމަށް ވެސް ވިމްލާގެ ގާނޫނީ ވަކީލުގެ ހައިސިއްޔަތުން ހިސާން ވަޑައިގަތެވެ. އެ ބައްދަލުވުމުގައި މަޝްވަރާ ކުރީ ވިމްލާ އަށް ދޭންޖެހޭ ފައިސާގެ މައްސަލަ ކޯޓުން ބޭރުން ހައްލު ކުރާނެ ގޮތަކާ މެދު އެވެ.
ވިމްލާއަށް ބަދަލު ދޭން 2016 ގައި ސިވިލް ކޯޓުން ހުކުމް ކުރީ ސުނާމީގައި ގެދޮރު ގެއްލުނު ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުގެ ހަރަދުގައި އަޅައިދިން ގެތަކުގެ ތެރެއިން ގއ. އަތޮޅުގެ ތިން ރަށެއްގައި އެޅި ގެތަކަކަށް އެކުންފުނިން ކުރި މަސައްކަތަށް ދައްކަން ޖެހޭ ފައިސާ ސަރުކާރުން ނުދެއްކުމުންނެވެ. އެ މަޝްރޫއުގެ ދަށުން ގއ. މާމެންދު އާއި ދާންދޫގެ އިތުރުން ނިލަންދޫގައި ވިމްލާ އިން ވަނީ 298 ގެ އަޅައިފަ އެވެ.
ވިމްލާ އަށް ބަދަލު ދިނުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ދައުލަތުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ގެއްލުމުގެ ބަދަލާ އެކު އެ ކުންފުނިން ނަގައިދޭން އެދޭ އަދަދު 89 މިލިއަން ރުފިޔާއަށް އަރަ އެވެ.
ރިފްއަތު "މިހާރު" އަށް ވިދާޅުވީ ވިމްލާއިން އެހާ ބޮޑު ބަދަލެއް ހޯދަން އެދިފައިވާތީ އެކަން ކޯޓުން ބޭރުން ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އަދި ވަކި ނިންމުމެއް ނުނިންމާ ކަމަށް ވިދާޅުވި އެވެ.
"ކޮމެޓީން އަދި އެ މައްސަލައިގައި ވަކި ގޮތެއް ނިންމައި ރައީސަށް ލަފާ އަރުވާފައެއް ނުވާނެ،" ރިފްއަތު ވިދާޅުވި އެވެ.
ދައުލަތުން ބޮޑެތި ބަދަލުތައް ހޯދަން ގިނަ ކުންފުނިތަކަކުން މަސައްކަތް ކުރަމުން ދާއިރު އެކަންކަން ބެލުމަށް މިދިޔަ ޖެނުއަރީ މަހު ރައީސް އޮފީހުން ވަނީ ހާއްސަ ކޮމެޓީއެއް އެކުލަވާލައިފަ އެވެ. އެ ކޮމެޓީގައި ބަންޑާރަ ނައިބުގެ އިތުރުން ފިނޭންސް މިނިސްޓަރާއި ރައީސް އޮފީހުގެ ގާނޫނީ ބޭފުޅުން ތިއްބަވަ އެވެ. އަދި މައްސަލަތަކާ ގުޅޭ ދައުލަތުގެ އިދާރާތަކުގެ ވެރިން ވެސް އެކޮމެޓީގައި ހިމަނުއްވަ އެވެ. އެކޮމެޓީގެ ބޭނުމަކީ ބަދަލު ދިނުމުގެ މައްސަލަތަކުގައިި އަމަލު ކުރާނެ ގޮތަކާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އެރުވުމެވެ.
މިހާރު އެ ކޮމެޓީން އަންނަނީ ދައުލަތުން ބަދަލު ދޭން ޖެހޭ ކަމަށް ބުނާ އެތައް މައްސަލައެއް ބަލަމުންނެވެ.
ރިފްއަތު ވިދާޅުވީ ދައުލަތަށް މާލީ ބުރައެއް އުފުލަން ޖެހޭ ކަންކަމުގައި ލަފާ އަރުވަމުން އަންނަނީ ބަލަން ޖެހޭ ހުރިހާ ކަމެއް ބެލުމަށް ފަހު ކަމަށެވެ.
"އެއްވެސް މައްސަލައެއްގައި ބަލަން ޖެހޭ މިންވަރަށް ނުބަލައި ލަފައެއް ނާރުވާނަން. ޑޮކިއުމެންޓްތައް ބަލައި ބަލަން ޖެހޭ ކަންކަން ބަލާފައި ލަފާ އަރުވާނީ،" ރިފްއަތު ވިދާޅުވި އެވެ.
ސުނާމީގެ ގެތައް ހެދުމަށް 2008 ގައި ވިމްލާއާ ހަވާލުކުރީ 14 މަސް ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި މަސައްކަތް ނިންމުން ލަސްވެގެން ގޮސް އޭގެ ތެރެއިން ބައެއް ގެތަކުގެ މަސައްކަތް އެންމެ ފަހުން ނިންމީ ސިފައިންނެވެ. އަދި އެ ގޭތަކުގެ ފެންވަރު ދަށް ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.
ވިމްލާއަށް 78 މިލިއަން ދައްކަން ކުރި ހުކުމް ބާތިލް
ވިމްލާއާ ގުޅޭ ރިޕޯޓަށް ވޯޓަށް އެހުން ހުއްޓުވައިފި
އޭޖީ ދެއްކެވީ ގޯސްތަކެއް، 348 މިލިއަން ދޭން ދެކޮޅު
މައުސޫމްގެ ކުންފުންޏަކަށް 22 މިލިއަން ދޭން ޖެހިއްޖެ
ސަރުކާރުން ދީބާޖާއާ އެކު މަޝްވަރާ ފަށައިފި
ބާ ކައުންސިލް އުފެއްދުމުގެ ބިލް އެޖެންޑާގައި ހިމަނައިފި
ރިވިއު ލަސްވަނީ ފަނޑިޔާރުގެ އަށް ކުރާ ތުހުމަތާ ހެދި
ދީބާޖާގެ ހުކުމް ތަންފީޒުކުރަނީ އުސޫލާ އެއްގޮތަށް: ކޯޓު
ދީބާޖާ މައްސަލައިގެ ހުކުމް ތަންފީޒު މަރުހަލާ ފަށަނީ
"ދީބާޖާ މައްސަލާގައި ނުރަނގަޅު ކަންތައްތަކެއް ހިނގި"