Roadha Mihaaru
އަންނަ ހަފްތާގައި ހަޒާޑް ރެއާލަށް ބަދަލުވާނެ: ރިޕޯޓް

އަންނަ ހަފްތާގައި ހަޒާޑް ރެއާލަށް ބަދަލުވާނެ: ރިޕޯޓް

30 މެއި 2019

މެޑްރިޑް (މެއި 30) - ޗެލްސީގެ ބެލްޖިއަމް ޕްލޭމޭކަރު އެޑެން ހަޒާޑް އަންނަ ހަފްތާގެ ތެރޭގައި ރެއާލް މެޑްރިޑަށް ބަދަލުވުމުގެ ހުރިހާ ކަމެއް ނިމިގެންދާނެ ކަމަށް ރެއާލުގެ އޮފިޝަލަަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (މެއި 30) - ޗެލްސީގެ ބެލްޖިއަމް ޕްލޭމޭކަރު އެޑެން ހަޒާޑް އަންނަ ހަފްތާގެ ތެރޭގައި ރެއާލް މެޑްރިޑަށް ބަދަލުވުމުގެ ހުރިހާ ކަމެއް ނިމިގެންދާނެ ކަމަށް ރެއާލުގެ އޮފިޝަލަަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ޔޫރޮޕާ ލީގުގެ ފައިނަލުގައި 4-1 އިން ރޭ އާސެނަލް އަތުން މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން ޗެލްސީއާ އެކު ދެ ވަނަ ފަހަަރަށް ހޯދުމަށް ފަހު ހަޒާޑް ވަނީ ރޭގެ މެޗަކީ އެ ކްލަބުގައި އޭނާގެ ވަދާއީ މެޗަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފަ އެވެ. ހަޒާޑް ވަނީ ރޭގެ މެޗުގައި ދެ ގޯލު ޖަހައި އެއް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

"މީގެ ދެ ހަފްތާ ކުރިން އަހަރެން ގޮތެއް ނިންމައިފިން. އެކަން ވާނީ ދެ ކްލަބަށް ވެސް ހިއްސާކޮށްފައި. އެކަން ވަރަށް އަވަހަށް ހާމަވާނެ. މިއީ ޗެލްސީގައި އަހަރެންގެ ފަހު މެޗަށް ވުމުގެ ފުރުސަތު ބޮޑު. އެކަމަކު ފުޓްބޯޅައިގައި ވާނެ ގޮތެއް ބުނަން ނޭނގޭނެ،" މެޗަށް ފަހު ބީޓީ ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ހަޒާޑް ބުންޏެވެ. "ދެ ކްލަބުން ވަރަށް އަވަހަށް އެއްބަސްވުމަކަށް އަންނާނެ ކަމަަށް އުއްމީދުކުރަން."

ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ ހަޒާޑްގެ ނިންމުމަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށާއި އޭނާ ކްލަބް ދޫކޮށްލަން ބޭނުންވާކަން އޭނާ އަށް ކުރިން ވެސް އެނގޭ ކަމަށެވެ.

ރޭގެ މެޗަށް ފަހު ހަޒާޑް ޔޫރޮޕާ ލީގުގެ ތަށި ހިފައިގެން. -- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗަށް ފަހު ހަޒާޑް ޔޫރޮޕާ ލީގުގެ ތަށި ހިފައިގެން. -- ފޮޓޯ: އޭއެފްޕީ

އުމުރުން 28 އަހަރުގެ ހަޒާޑް ހޯދަން މި ސީޒަން ފެށުމުގެ ކުރިން ވެސް ރެއާލުން މަސައްކަތްކުރި އެވެ. އެކަމަކު ޗެލްސީގައި މަޑުކުރަން ހަޒާޑް ނިންމި ސަބަބަކީ ކުއްލި ގޮތަކަށް ރެއާލުގެ ކޯޗުކަމުން ޒިނެދިން ޒިދާން ވަކިވުމެވެ. އެކަމަކު ސީޒަނުގެ ފަހު ބައިގައި ޒިދާން އަލުން ރެއާލަށް އެނބުރި އައުމުން ހަޒާޑް އެ ޓީމާ ގުޅޭނެކަމުގެ އަޑުތައް ގަދަވި އެވެ.

ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ވިދާޅުވީ އަންނަ ސީޒަނުގައި ހަޒާޑް އެ ޓީމުން ފެނުމަކީ އޭނާގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ރެއާލުން ހަޒާޑްގެ ސޮއި ހޯދަން ޗެލްސީ އަށް 115 މިލިއަން ޕައުންޑް (145 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއް ދައްކާއިރު، އޭނާ އަށް ހަފްތާ އަކު މުސާރައިގެ ގޮތުގައި 400،000 ޕައުންޑް ލިބޭނެ އެވެ. އަދި ހަޒާޑް އެ ޓީމާ އެކު ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ފްރާންސްގެ ލިއްލޭ ދޫކޮށް 2012 ވަނަ އަހަރު ހަޒާޑް ޗެލްސީ އަށް ސޮއިކުރީ 40 މިލިއަން ޑޮލަރަށެވެ. އެ ޓީމަށް ކުޅެދިން 352 މެޗުން ހަޒާޑް ވަނީ ހަ ތަށި ހޯދައިފަ އެވެ. ޗެލްސީގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަތަރު ސީޒަނެއްގައި ހޯދާފައިވާއިރު، ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެއް ފަހަރު ވަނީ ހޯދައިފަ އެެވެ. މި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ޕްލޭމޭކަރުގެ އެވޯޑް ހޯދީ ވެސް ހަޒާޑް އެވެ.