Roadha Mihaaru
"މެޑްރިޑަށް ބަދަލުވާން ހަޒާޑް ނިންމައިފި"

"މެޑްރިޑަށް ބަދަލުވާން ހަޒާޑް ނިންމައިފި"

09 ފެބުރުއަރީ 2019

މެޑްރިޑް (ފެބްރުއަރީ 9) – ޗެލްސީގެ މިޑްފީލްޑަރު އެޑެން ހަޒާޑް ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމާފައިވާ ކަމަށާއި އެކަމަކު އޭނާ ގެނައުމާ މެދު މެޑްރިޑުން ސީދާ ގޮތެއް ނުނިންމާ ކަމަށް ސްޕެއިނުގެ މަޝްހޫރު ނޫސްވެރިޔާ ހުއިލަމް ބަލަގޫ ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެޑްރިޑް (ފެބްރުއަރީ 9) – ޗެލްސީގެ މިޑްފީލްޑަރު އެޑެން ހަޒާޑް ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމާފައިވާ ކަމަށާއި އެކަމަކު އޭނާ ގެނައުމާ މެދު މެޑްރިޑުން ސީދާ ގޮތެއް ނުނިންމާ ކަމަށް ސްޕެއިނުގެ މަޝްހޫރު ނޫސްވެރިޔާ ހުއިލަމް ބަލަގޫ ބުނެފި އެވެ.

ހަޒާޑް ވެސް ވަނީ ކެރިއަރާ މެދު ގޮތެއް ނިންމައިފި ކަމަށް މިދިޔަ ހަފުތާގައި ބުނެފަ އެވެ. އެކަމަކު އޭގެ ތަފްސީލެއް އޭނާ ނުދެ އެވެ. އޭގެ ކުރިން އޭނާ ބުނީ ފަހުން ހިތާމަކުރަން ޖެހޭނެ އެއްވެސް ކަމެއް އޮންނަން ބޭނުންނުވާ ކަމަށެވެ. ބެލެވެނީ އޭނާ އެ އިޝާރާތްކުރީ މެޑްރިޑް ފަދަ ބޮޑު ކްލަބަކަށް ބަދަލުވާން ފުރުސަތު ލިބި އޭގެ ބޭނުން ނުހިފައި އޭގެ ހިތާމަ ފަހުން ކުރަން ޖެހިދާނެ ކަމަށް ކަމަށެވެ.

"ހަޒާޑް ބޭނުންވޭ ރެއާލް މެޑްރިޑަށް ބަދަލުވާން. އެއީ އޭނާގެ ހުވަފެނެއް. މިވަގުތު އޭނާ މަޑުކޮށްގެން ހުރީ އެ ކްލަބުން އޭނާގެ ސޮއި ހޯދުމާ މެދު ގޮތެއް ނިންމަންދެން. އޭނާ ވަނީ ޗެލްސީއާ އެކު އެގްރިމެންޓް އާކުރަން ވެސް ދެކޮޅު ހަދާފައި. އޭނާ ހުރީ ރެއާލް މެޑްރިޑުގެ އިންތިޒާރުގައި،" ޓްރާންސްފާގެ ކަންކަމުގައި އެންމެ އިތުބާރު ހިފޭ އެއް ނޫސްވެރިޔާ ބުންޏެވެ.

މިދިޔަ އަހަރުގެ ޖޫން ޓްރާންސްފާ މާކެޓްގައި ރެއާލުން ހަޒާޑް ހޯދަން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު އޭރު ޗެލްސީން ކިޔާ އަގުބޮޑުވުމުން ރެއާލުން ވެސް ގަންނަން ބޭނުންނުވި އެވެ. އަނެއްކޮޅުން ޗެލްސީގެ ކޯޗުކަމާ މަައުރީޒިއޯ ސާރީ ހަވާލުވިއިރު، އޭނާ އޮތީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ހަޒާޑާއި ވިލިއަން ވިއްކާނުލަން ޝަރުތުކޮށްފަ އެވެ. އެއީ އެ ދެ ކުޅުންތެރިންނަކީ އޭނާގެ ޕްލޭނުގެ މުހިއްމު ކުޅުންތެރިން ކަމަށްވާތީ އެވެ.

ފްރާންސްގެ ލިލް ދޫކޮށް 2012 ވަނަ އަހަރު ޗެލްސީއާ ގުޅުނު ހަޒާޑް މިހާރު އެ ޓީމުގެ ކޮންޓްރެކްޓްގައި ހުރީ 2020 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށެވެ.