Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

26 މެއި 2019

އަންނަ މަހު ރިލީޒްކުރާ، ޝާހިދުގެ ކަޕޫރުގެ ފިލްމު "ކަބީރު ސިންގް" ގެ ފުރަތަމަ ލަވަ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހު ރިލީޒްކުރާ، ޝާހިދުގެ ކަޕޫރުގެ ފިލްމު "ކަބީރު ސިންގް" ގެ ފުރަތަމަ ލަވަ ދައްކާލައިފި އެވެ.

"ބޭޙަޔާލީ" ގެ ނަން ދީފައިވާ ލަވައިން ޝާހިދާ އެކު ބަތަލާ ކިއާރާ އަދުވާނީ ވެސް ފެނިގެން ދެ އެވެ. މި ލަވަ ކިޔާފައި ވަނީ ސަޗެޓް ޓަންޑަން އެވެ. ލަވައިގެ މިއުޒިކް ހަދާފައި ވަނީ ސަޗެޓާއި ޕަރަމްޕަރާ އެވެ.

"ކަބީރު ސިންގް" އަކީ 2017 ގައި ނެރުނު ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ހިންދީ ރިމެކެވެ. ދެ ފިލްމު ވެސް ޑައިރެކްޓްކޮށްފައި ވަނީ ސަންދީޕް ރެޑީ ވަންގާ އެވެ.

މި ފިލްމުގައި ކިޔައި ދެނީ ލޯބީގެ މައްސަލަގަނޑެއްގައި ރަލާއި ދުންފަތަށް ދެވިހިފައި އަމިއްލަ ނަފުސު ހަލާކުކޮށްލާ މެޑިކަލް ސްޓޫޑަންޓެއްގެ ވާހަކަ އެވެ.

"ކަބީރު ސިންގް" އަކީ މިދިޔަ އަހަރު ރިލީޒްކުރި "ޕަދުމާވަތު" އާއި "ބައްތީ ގުލް މީޓަރު ޗާލޫ" އަށް ފަހު ޝާހިދު ކުޅޭ ފުރަތަމަ ފިލްމެވެ.

އަންނަ މަހުގެ 21 ގައި ރިލީޒް ކުރާ މި ފިލްމަކީ އޭނާ އާއި ކިއާރާގެ ޖޯޑު ބޮޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމު ވެސް މެ އެވެ.

"ސަޅަކް 2" ގެ ފުރަތަމަ ޝެޑިއުލް ނިންމާލައިފި

މި މަހުގެ ކުރީކޮޅު ޝޫޓިން ފެށި މަހޭޝް ބަޓްގެ "ސަޅަކް 2" ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމާލައިފި އެވެ.

ފިލްމުގެ ރޯލެއް ކުޅޭ ބަތަލާ ޕޫޖާ ބަޓް ވަނީ އިންސްޓަގްރާމްގައި އެކަން ކަށަވަރުކޮށް ދީފަ އެވެ. ފުރަތަމަ ޝެޑިއުލް ނިންމައިލިކަން ހިއްސާކޮށް އޭނާ ވަނީ ކާސްޓާއި ކްރޫ އަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

"ސަޅަކް 2" އަކީ ޕޫޖާ އާއި ސަންޖޭ ދަތު 1991 ގައި ކުޅުނު ފިލްމު "ސަޅަކް" ގެ ދެވަނަ ބައެވެ. އަދި ދެވަނަ ބައި ވެސް ޑައިރެކްޓް ކުރާނީ ފުރަތަމަ ބައި ވެސް ހެދި މަހޭޝް ބަޓެވެ. މިއީ 20 އަހަރު ފަހުން އޭނާ އަލުން ޑައިރެކްޝަނަށް ނުކުތް ފިލްމެވެ.

"ސަޅަކް 2" ގެ ކާސްޓުގެ ތެރޭގައި އާލިއާ ބަޓް، އަދިތިޔާ ރޯއި ކަޕޫރް އަދި ސަންޖޭ ހިމެނެ އެވެ. މި ފިލްމު ރިލީޒް ކުރާނީ ޖުލައި، 10، 2020 ގަ އެވެ.

"ކޯޑް އެމް" އަކީ ޖެނިފާގެ ވެބް ސީރީޒް

މަޝްހޫރު ޓީވީ ބަތަލާ ޖެނިފާ ވިންގެޓް "ކޯޑް އެމް" ކިޔާ ވެބް ސީރީޒެއްގެ މަސައްކަތް ފަށައިފި އެވެ.

އެކްތާ ކަޕޫރު ޕްރޮޑިއުސް ކުރާ މި ވެބް ސީރީޒްގައި ޖެނިފާ ފެނިގެން ދާނީ ފުލުހެއްގެ ރޯލުންނެވެ. "ކޯޑް އެމް" ގެ ޑައިރެކްޓަރަކީ އަކްޝޭ ޗޯބޭ އެވެ.

ކާމިޔާބު އެތައް ސިލްސިލާއެއް ކުޅެފައިވާ ޖެނިފާ އެންމެ ފަހުން ފެނިފައި ވަނީ ކަލާޒުން މިދިޔަ އަހަރު ގެނެސް ދިން "ބޭޕަނާ" އިންނެވެ. އޭނާއަކީ ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫގެ ފިރިމީހާ އަދި އެކްޓަރު ކަރަން ސިންގް ގްރޯވާގެ ކުރީގެ އަންހެނުންނެވެ.

ޑިމްޕަލް އަށް މަރުހަބާގެ މެސެޖްތައް

ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކްރިސްޓޯފާ ނޯލަންގެ އާ ފިލްމު "ޓެނެޓް" އިން ބޮލީވުޑްގެ ބަތަލާ ޑިމްޕަލް ކަޕާޑިއާ އަށް ފުރުސަތު ލިބުމުން އެތައް ބަޔަކު އޭނާ އަށް މަރުހަބާގެ މެސެޖްތައް ފޮނުވަން ފަށައިފި އެވެ.

ޑިމްޕަލް އަށް އެންމެ ފުރަތަމަ ޓްވިޓާގައި މަރުހަބާ ކީ މީހާއަކީ އޭނާގެ ފިލްމުތަކެއް ކުޅުނު އެކްޓަރު އަނިލް ކަޕޫރެވެ. އޭގެ ފަހުން ޑައިރެކްޓަރު އަނޫރާހް ކެޝަޕާއި ޕްރޮޑިއުސަރު ގުނީތު މޮންގާ އާއި އެތައް ތަރިންނެއް މަރުހަބާ ކިޔާފައިވެ އެވެ.

އަދި ޑިމްޕަލްގެ ދޮށީ އަންހެން ދަރިފުޅު ޓްވިންކަލް ކަންނާ ވެސް ވަނީ މަންމައާ މެދު ފަހުރުވެރިވާ ކަމަށް ބުނެ ޓްވީޓްކޮށްފަ އެވެ. އޭނާ ބުނީ އުމުރަކީ ގޮންޖެހުމެއް ނޫންކަން މަންމަ ސާބިތުކޮށް ދެމުން އަންނަ ކަމަށެވެ.

"ޓެނެޓް" އަކީ ޖުލައި، 17، 2020 ގައި ރިލީޒް ކުރާ ފިލްމެކެވެ. މީގެ ތަރިންގެ ތެރޭގައި ރޮބަޓް ޕެޓިންސަން، އެލިޒަބަތު ޑެބީކީ، ޖޯން ޑޭވިޑް ވޮޝިންޓަންގެ އިތުރުން ކެނެތު ބްރެނާ އަދި އާރޮން ޓޭލާ-ޖޯންސަން ހިމެނެ އެވެ.