Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

21 އޯގަސްޓް 2020

ބޮލީވުޑްގެ އެކްޓަރު އަލީ ފަޒަލް މުހިއްމު ރޯލެއް ކުޅެފައިވާ ހޮލީވުޑްގެ ފިލްމު "ޑެތު އޮން ދަ ނައިލް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެކްޓަރު އަލީ ފަޒަލް މުހިއްމު ރޯލެއް ކުޅެފައިވާ ހޮލީވުޑްގެ ފިލްމު "ޑެތު އޮން ދަ ނައިލް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ އަލީގެ ތިން ވަނަ ހޮލީވުޑް ޕްރޮޖެކްޓެވެ. އޭނާ ކުރިން ވަނީ "ފާސްޓް އެންޑް ފިއުރިއަސް 7" އާއި "ވިކްޓޯރިއާ އެންޑް އަބްދުލް" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

އަންނަ އޮކްޓޯބަރު މަހުގެ 23 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ "ޑެތު އޮން ދަ ނައިލް" ގެ ކާސްޓުންގެ ތެރޭގައި ގަލް ގެޑޯ، އާމީ ހެމާ، ރަސަލް ބްރޭންޑް އަދި ލެޓީޓިއާ ރައިޓް ފަދަ ތަރިން ހިމެނެ އެވެ. މި މިސްޓްރީ ތުރިލާ ޑައިރެކްޓްކޮށްފައި ވަނީ ކެނެތު ބްރަނާ އެވެ.

"ފުކްރޭ" ފްރެންޗައިޒްގެ ބަތަލު އަލީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ނެޓްފްލިކްސް އިން ސްޓްރީމްކުރި ކޮމެޑީ ފިލްމު "ހައުސް އެރެސްޓް" އިންނެވެ.

"ޑެތު އޮން ދަ ނައިލް" ރިލީޒްކުރަން ތައްޔާރުވަމުން އަންނަ އިރު އަލީ އާއި ބަތަލާ ރިޗާ ޗައްޑާގެ ކައިވެނި މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. ދެ ތަރިން ކުރިން ކައިވެނިކުރަން ރޭވީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ. އެކަމަކު ކޮވިޑް-19އާ ހެދި އެކަން ފަސްކުރަން ޖެހުނީ އެވެ.

އަރުޖުން އާއި ރަކުލްގެ ފިލްމުގެ ޝޫޓިން ފަށަނީ

ކޮވިޑް-19އާ ހެދި ޝޫޓިން ހުއްޓިފައި އޮތް އަރުޖުން ކަޕޫރާއި ރަކުލް ޕުރީތު ސިންގްގެ ފިލްމުގެ ޝޫޓިން އަލުން މި މަހުގެ 25 ގައި ފަށަން ނިންމައިފި އެވެ.

ނަން އަދި އިއުލާން ނުކުރާ މި ފިލްމަކީ ކްރޮސް-ބޯޑާ ލަވްސްޓޯރީއެކެވެ. ފިލްމުގެ ޑައިރެކްޓަރަކީ އަލަށް ޑައިރެކްޝަނަށް ނުކުތް ކާޝިވީ ނައިރެވެ. އޭނާގެ އަލަތު ފިލްމުން އަރުޖުން އާއި ރަކުލް އެކީގައި ފެނުންވެގެން ދާނީ އެ ޖޯޑު އެކީގައި ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރަށެވެ.

އަރުޖުން އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ޑިސެމްބަރުގައި ރިލީޒްކުރި "ޕާނިޕަތު" އިންނެވެ. ރަކުލް މިދިޔަ އަހަރު ފެނިގެން ދިޔަ ހިންދީ ފިލްމުތަކުގެ ތެރޭގައި "ޝިމްލާ މިރްޗީ" އާއި "ދޭ ދޭ ޕިޔާރު ދޭ" އަދި "މަރުޖާވާ" ހިމެނެ އެވެ.

"ސަޅަކް 2" ގެ އިތުރު ލަވައެއް

މި މަހުގެ 28 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ ފިލްމު "ސަޅަކް 2" ގެ އިތުރު ލަވައެއް އަނެއްކާ ވެސް ދައްކާލައިފި އެވެ.

މަހޭޝް ބަޓް ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ލަވަތަކުގެ ތެރެއިން ބެލުންތެރިންނަށް ދޫކޮށްލި ދެވަނަ ލަވަ އަކީ "އިޝްގް ކަމާލް" އެވެ. މި ލަވައިގެ މިއުޒިކް ސުނިލްޖީތު ހަދާފައިވާ އިރު ލަވަ ކިޔާފައި ވަނީ ޖާވިދު އަލީ އެވެ. ޅެން ލިޔުނީ ސުނިލްޖީތާއި ޝާލޫ ވައިޝް އެވެ.

"ސަޅަކް 2" އަކީ މަހޭޝް 1991 ގައި ގެނެސްދިން "ސަޅަކް" ގެ ސީކްއެލްއެކެވެ. އެ ފިލްމުގެ ލީޑް ރޯލް ކުޅުނު ސަންޖޭ ދަތާއި ޕޫޖާ ބަޓާ އެކު، ސީކްއެލް އިން އާލިއާ ބަޓާއި އަދިތިޔާ ރޯއި ކަޕޫރް ވެސް ފެނިގެންދާނެ އެވެ.

"ދަ ވައިފް" ގެ ޝޫޓިން އަލުން ފަށައިފި

ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދުމަށް ފަހު، ފަހުން ބޮލީވުޑްގެ ފިލްމުތައް ކަމަށްވާ "ޚާމޯޝިޔާ" އާއި "ވަޖާ ތުމް ހޯ" ފަދަ ފިލްމުތައް ކުޅުނު ގުރުމީތު ޗައުދަރީގެ ފިލްމު "ދަ ވައިފް" ގެ ޝޫޓިން އަލުން ފަށައިފި އެވެ.

އިންޑިއާގެ ލޮކްޑައުންގެ ކުރިން ޝޫޓިން ފަށާފައި އޮތް މި ފިލްމުގެ މަސައްކަތް ހުއްޓުމަކަށް އައި އިރު، ޝޫޓިންގެ ބާކީ އަދި 40 ޕަސަންޓް އެބައޮތެވެ. ޒީ ސްޓޫޑިއޯސް އިން ހަދާ ފިލްމުގައި ގުރުމީތާ އެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ސަޔާނީ ދައްތާ އެވެ.

ބިރުވެރި ވާހަކައަކަށް ހަދާ "ދަ ވައިފް" ގެ ޑައިރެކްޓަރަކީ ސަރުމަދު ޚާނެވެ.