Roadha Mihaaru
ނިމިގެންދިޔަ އިންތިޚާބަކީ އަޅުކަމެއް ފަދަ ކަމެއް: މޯދީ

ނިމިގެން ދިޔަ އިންތިޚާބަކީ އަޅުކަމެއް ފަދަ ކަމެއް: މޯދީ

22 މެއި 2019

ނިއު ދިއްލީ (މެއި 22) - އިންޑިއާގައި ނިމިގެން ދިޔަ ދިގު އިންތިޚާބަކީ އަޅުކަމެއް ފަދަ ކަމެއް ކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (މެއި 22) - އިންޑިއާގައި ނިމިގެން ދިޔަ ދިގު އިންތިޚާބަކީ އަޅުކަމެއް ފަދަ ކަމެއް ކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

ޔޫނިއަން މިނިސްޓަރު ނަރެންދުރަ ސިންގް ތޯމާ ވިދާޅުވީ ވަރަށް ގިނަ އިންތިޚާބުތަކުގައި ވާދަކުރެއްވި ކަމަށް މޯދީ ވިދާޅުވި ކަމަށާއި އެކަމަކު މިފަހަރުގެ އިންތިޚާބުގެ ކެމްޕޭން، ކެމްޕޭނެއް ގޮތަށް ހީނުވާ ކަމަށެވެ.

"މޯދީ ވިދާޅުވީ އެއީ އަޅުކަމެއް ކަމަށް،" ސިންގް ވިދާޅުވި އެވެ.

ބީޖީޕޭ ކޯލިޝަން ސަރުކާރުގެ ދައުރު ކާމިޔާބުކަމާ އެކު ނިންމާލިއިރު މޯދީ ވިދާޅުވީ ކުރިއަށް އޮތްތަނުގައި އިއްތިހާދު ވަރުގަދަވާނެ ކަމަށެވެ.

މޯދީ އިއްޔެ ވަނީ މިނިސްޓަރުންނާ ބައްދަލު ކުރައްވައި ވޭތުވެދިޔަ ފަސް އަހަރު ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. ދެ ގަޑިއިރުގެ ބައްދަލުވުމުގައި މިނިސްޓަރުން ވެސް ވަނީ މޯދީގެ ޒައާމަތުގެ ދަށުން އިންޑިއާގައި ހިންގި ކާމިޔާބު މަޝްރޫއުތަކަށްޓަކައި ޝުކުރު އަދާކޮށްފަ އެވެ.

ޔޫނިއަން މިނިސްޓަރު ވިދާޅުވީ ވެރިކަމުގެ އިތުރު ދައުރެއް ލިބޭނެކަމުގެ 110 ޕަސެންޓް ޔަގީންވާ ކަމަށެވެ. އަދި އިދިކޮޅު މީހުން ބަލިވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޓްރޯނިކް ވޯޓިން މެޝިންތަކުގެ މައްސަލަ އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުގައި މިނިސްޓަރަކު ވިދާޅުވީ "އެ މީހުންނަށް ކާމިޔާބު ލިބޭ އިރު އެ މެޝިންތައް ރަނގަޅު" ކަމަށެވެ.

"ތިން ސްޓޭޓެއްގެ އެސެމްބްލީ އިންތިޚާބު އެ މީހުން ކާމިޔާބުކުރި އިރު މެޝިންތައް ރަނގަޅު. އެކަމަކު އެގްޒިޓް ޕޯލުން އެ މީހުން ބަލިވެއްޖެ ކަމަށް ދެއްކުމުން މެޝިންތައް ގޯސް،" ޔޫނިއަން މިނިސްޓަރެއް ކަމަށްވާ ހަރްސިމްރަތު ކައުރު ވިދާޅުވި އެވެ.

އެހެން މިނިސްޓަރަކު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރި ދޮގު ތުހުމަތަށް އާއްމުންގެ ކުރިމަތީގައި މައާފަށް އެދެން ޖެހޭނެ ކަމަށެވެ.