18 އެޕްރީލް 2019
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކުރިން ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލްކުރި މައްސަލައިގައި ދައުލަތުން ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ދަށު ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކުރިން ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލްކުރި މައްސަލައިގައި ދައުލަތުން ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ދަށު ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި އެވެ.
އެމްޑީޕީގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު ސަރުކާރުން 2010 ގައި ސޮއިކުރި އެއްބަސްވުން ވަހީދުގެ ސަރުކާރުން ބާތިލްކުރީ މެއި، 2013 ގަ އެވެ. އެ މައްސަލައިގައި ގެއްލުމުގެ ބަދަލަށް 2.4 ބިލިއަން ރުފިޔާ ހޯދަން ދީބާޖާ އިން ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން 2014 ގައި އަމުރުކުރީ ދައުލަތުން ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ.
އެކަމަކު، އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ އަހަރު ހައި ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް، އެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ހުކުމްކޮށްފަ އެވެ.
ހައި ކޯޓުގެ އެ ހުކުމް ދީބާޖާ އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ސިވިލް ކޯޓުގެ އެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރީ އިސްތިއުނާފް ކުރުމުގެ މުއްދަތު ހަމަވި ފަހުން ކަމަށެވެ. އެހެންވެ، އެ މުއްދަތު ހަމަވި ފަހުން އެ މައްސަލަ ހައި ކޯޓުން ބަލައިގަނެ މައުޟޫއީ ގޮތުން ބަލާފައިވަނީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފަށް ހުށަހަޅާފައިވަނީ އިސްތިއުނާފް މުއްދަތު ހަމަވިތާ ދެ މަސް ފަހުން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ. އަދި އެ މުއްދަތު ހަމަވުމުގެ ކުރިން އެ މައްސަލަ އިސްތިއުނާފަށް ހުށަނޭޅުނީ ދަށު ކޯޓުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ލިބުން ލަސްވުމާއި އެ މައްސަލަ ހަވާލުކުރި ވަކީލުގެ އިހުމާލުން އެ މުއްދަތުގައި މައްސަލަ ހުށަނޭޅި އޮތުމުން ކަމަށް ދައުލަތުން ބުނެފައިވިޔަސް، އިސްތިއުނާފުގެ މުއްދަތު ހަމަވުމުގެ އެއް މަސް ކުރިން ދަށު ކޯޓުން އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ދައުލަތަށް ދޫކޮށްފައިވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ނުލިބުނަސް، މައްސަލަ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓާ އެކު މައްސަލަ އިސްތިއުނާފަށް ހުށަހެޅޭ ކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ލަހުން ދައުލަތަށް ލިބުނު ކަމަށް ބުނާ ބުނުމަކީ މުއްދަތު ހަމަވި ފަހުން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމަށް އޮތް މަގްބޫލު އުޒުރެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ ހަވާލުވި ދައުލަތުގެ ވަކީލުގެ އިހުމާލު އޮތް ކަމަށް ދައުލަތުން ބުނާ ބުނުމަކީ ވެސް މަގްބޫލު އުޒުރެއް ކަމަށް ނުބެލެވޭ ކަމަށް އެ ހުކުމުގައިވެ އެވެ.
ސަބަބެއް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ވަކީލުންނަކީ ސީދާ އެޓާނީ ޖެނެރަލްގެ ބެލުމުގެ ދަށުން މަސައްކަތް ކުރާ ބަޔަކަށް ވުމުން ވަކީލަކު މައްސަލައަކާ މެދު އިހުމާލުވުމަކީ އެޓާނީ ޖެނެރަލަށް ބާރު ނުފޯރާ ފަދަ ކަމެއް ކަމަށް ނުބެލެވޭތީ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އިސްތިއުނާފް ކުރުމުގެ ހައްގު ބޭނުން ކުރަން އޮންނަ އިޖްރާއާތުތައް ފަހަނައަޅައި ނުދެވޭނެ ކަމަށާއި އިސްތިއުނާފް މުއްދަތު ހަމަވުމުން އިސްތިއުނާފްގެ ހައްގު ގެއްލޭނެ ކަމަށެވެ. އެ މުއްދަތު ހަމަވާ ފަހުން ހުށަހަޅާ މައްސަލަތައް ބަލައިނުގަތުމަކީ އާންމު އުސޫލުން އިސްތިއުނާފީ ކޯޓަށް ލާޒިމްވާނެ ކަމެއް ކަމަށާއި އަދި އޭގެ ނަތީޖާއަކަށް ވާނީ ދަށު ކޯޓުގެ ނިންމުމަކީ ނިހާއީ ހުކުމަކަށް ވެގެން ދިއުން ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެއީ ތަފާތު ޖުޑިސްޓްރިކްޝަންތަކުގައި އަމަލުކުރާ ގާނޫނީ އާންމު އުސޫލު ކަން ވެސް އެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.
މުއްދަތު ހަމަވާ ފަހުން އިސްތިއުނާފަށް ހުށަހެޅުމުގެ ހުއްދަ ދެވޭނީ މަގްބޫލު އުޒުރެއް އޮންނަ އިސްތިސްނާ ހާލަތްތަކެއްގައި ކަން ފާހަގަކޮށް، ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އެކަމުގައި މަގްބޫލު އުޒުރެއް އޮތް ކަން ކަނޑައަޅަން ޖެހޭނީ ސައްހަ އަސާސެއްގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ. އަދި ކޯޓަކުން މައްސަލައެއް މައުޟޫއީ ގޮތުން ބެލުމުގެ ކުރިން އިޖްރާއީ ގޮތުން އެ މައްސަލަ ބެލުމަށް އެއްވެސް ހުރަހެއް އޮތްތޯ ބެލުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވަނީ ސިވިލް ކޯޓުގެ އެ ހުކުމް ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފް ކޮށްފައި ނެތުމުން އެއީ ކަނޑައެޅި ނިޔާގެ ބާރު ލިބިފައިވަ ނިހާއީ ހުކުމެއް ކަމަށެވެ. އަދި އެ މުއްދަތު ހަމަވި ފަހުން އެ މައްސަލަ ހައި ކޯޓުން ބަލައިގަނެ، ކުރިއަށް ގެންދިޔައީ ގާނޫނާ އެއްގޮތަށް ކަމަށް ނުވާތީ ހައި ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައި ކަނޑައަޅާފައި ވެ އެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދެވެ.
ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އެމްޑީޕީގެ ވެރިކަމުގައި ހަތް ޕްރޮވިންސެއްގައި ފެރީގެ ޚިދުމަތް ދިނުމަށް އެކި ކުންފުނިތަކާ ސަރުކާރުން ހަވާލުކުރި އެވެ. އެކަމަކު ފަހުން ވަހީދުގެ ސަރުކާރުން ވަނީ އޭގެ ތެރެއިން ގިނަ އެއްބަސްވުންތަކެއް ބާތިލްކޮށްފަ އެވެ.
ދީބާޖާ މައްސަލާގައި ކުރި ހުކުމް މުރާޖައާ ކުރަން އެދެނީ
ދީބާޖާ މައްސަލައިގެ ހުކުމް ތަންފީޒު މަރުހަލާ ފަށަނީ
ދީބާޖާގެ މައްސަލަ ހައްލުކުރަން އޭޖީން އެދުނު ސިޓީއެއް
ހާދަ ބޮޑެތި މާލީ ބަދަލުތަކެއް! އެހެން ގޮތެއް ނެތް؟!
"ދީބާޖާ މައްސަލާގައި ނުރަނގަޅު ކަންތައްތަކެއް ހިނގި"
ދީބާޖާގެ ހުކުމް މުރާޖައާ ކުރަންޖެހޭ: ސުއޫދު
ދީބާޖާގެ މައްސަލަ މުރާޖައާ ކުރަން މަޖިލީހުން ފާސްކޮށްފި
ދީބާޖާގެ މައްސަލަ މުރާޖައާ ކުރަން މަޖިލީހުން އެދެނީ
ދީބާޖާގެ ބަދަލާ މެދު ޔައުގޫބުގެ ތުހުމަތު!
ސަރުކާރުން ދީބާޖާއާ އެކު މަޝްވަރާ ފަށައިފި