Roadha Mihaaru
ގާސިމްގެ ދާއިރާގެ ވޯޓު ވެސް އަލުން ގުނަނީ

ގާސިމްގެ ދާއިރާގެ ވޯޓު ވެސް އަލުން ގުނަނީ

09 އެޕްރީލް 2019

ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ތަމްސީލް ކުރައްވާ މާމިގިލީ ދާއިރާގެ ތިން ވޯޓު ފޮއްޓެއްގެ ބާތިލް ވޯޓުތައް ވެސް އަލުން ގުނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ތަމްސީލް ކުރައްވާ މާމިގިލީ ދާއިރާގެ ތިން ވޯޓު ފޮއްޓެއްގެ ބާތިލް ވޯޓުތައް ވެސް އަލުން ގުނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކާމިޔާބު ކުރެއްވި މާވަށު ދާއިރާގެ ވޯޓު ވެސް މިއަދު އަލުން ގުނާނެ އެވެ. މީގެ އިތުރުން، ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ދިފާއުކުރެއްވި ކެންދޫ ދާއިރާގެ ވޯޓުގެ މައްސަލަތަކެއް ބަލަން ވެސް އީސީން ވަނީ ނިންމައިފަ އެވެ.

މިދިޔަ ހޮނިހިރުދުވަހު ބޭއްވި އާއްމު އިންތިޚާބުގެ ވޯޓުގައި މާމިގިލީ ދާއިރާ މިފަހަރު ވެސް ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމެވެ. އޭނާ ކުރި ހޯއްދެވީ 94 ވޯޓުގެ ތަފާތަކުންނެވެ. މާމިގިލީގެ އިތުރުން ފެންފުށި ހިމެނޭ ދާއިރާ އިން ގާސިމާ ވާދަ ކުރެއްވީ، އެމްޑީޕީގެ ކެންޑިޑޭޓް، އަލީ އަމީޒެވެ.

އެނގިފައިވާ ގޮތުގައި، ބާތިލް ވޯޓު ގުނަން އިލެކްޝަންސުން ނިންމީ ގާސިމްގެ ކެމްޕޭން އެޖެންޓެއްގެ ފަރާތުން ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.

މި އިންތިޚާބު ގާސިމް ކާމިޔާބު ކުރެއްވި ނަމަވެސް އެހެން ފަހަރުތަކާ އަޅާބަލާ އިރު ގާސިމަށް ލިބުނު ވޯޓުގެ އަދަދު ވަރަށް ބޮޑުތަނުން ވަނީ މަދުވެފަ އެވެ. އެހެން ފަހަރުތަކުގައި މާމިގިލީ ދާއިރާ ގާސިމް ކާމިޔާބު ކުރައްވަނީ 80 ޕަސެންޓް ވޯޓު ހޯއްދަވައިގެންނެވެ.

މި އިންތިޚާބުގައި ގާސިމްގެ ޖުމްހޫރީ ޕާޓީން 40 އަށް ވުރެ ގިނަ ދާއިރާތަކަށް ކެންޑިޑޭޓުން ނެރުނެވެ. އެކަމަކު އެ ޕާޓީ އަށް ލިބުނީ ފަސް ގޮނޑި އެވެ. ކުރިއަށް އޮތް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު 65 ގޮނޑިއާ އެކު ހޯދީ ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީންނެވެ.