Roadha Mihaaru
މާލޭގެ 15 ގޮނޑި އެމްޑީޕީން ކާމިޔާބު ކުރާނެ: ނަޝީދު

މާލޭގެ 15 ގޮނޑި އެމްޑީޕީން ކާމިޔާބު ކުރާނެ: ނަޝީދު

03 އެޕްރީލް 2019

އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން މާލޭގެ 15 ގޮނޑި އެމްޑީޕީން ކާމިޔާބުކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން މާލޭގެ 15 ގޮނޑި އެމްޑީޕީން ކާމިޔާބުކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ހެންވޭރު އުތުރު ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ބޭއްވި ހަފުލާގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ އިސްތިގުލާލު ގެއްލެނީ ރައްޔިތުންގެ މަޖިލީހުގެ ނަޒާހަތްތެރިކަން ގެއްލިދާ ހިސާބުން ކަމަށެވެ. ގައުމާއި ދީނަށްޓަކައި ނުކުންނަން ޖެހޭ ވަގުތަކީ އެއީ ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ނަޒާހަތްތެރި މަޖިލީހެއް ރައްޔިތުންނަށް ހޯދައިދޭން ނުކުމެ ތިބީ އެމްޑީޕީންނެވެ. މީގެ ކުރިން މަޖިލީހުގައި ކަންކަން ހިނގާފައިވާ މަގަށް އިޔާދަވުމުގެ ފުރުސަތު ދޭން ރައްޔިތުން ބޭނުން ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ވޭތުވެދިޔަ އަހަރުތަކުގައި މަޖިލީހުގެ ހާލަތު ވިދާޅުވެ ދެއްވަމުން ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ވަންނަވާ އިރު ގަމީހުގެ ޖީބުގައި އޮންނަނީ ގަލަމުގެ ދޯރިއެއް އެކަނި ކަމަށެވެ. އެކަމަކު މަޖިލީހުގެ ފަސް ދައުރު ނިމޭއިރު މެމްބަރުން މުއްސަނދިވެ، ހުޅުމާލެ އާއި މާލެ އިން ފްލެޓާއި ކަންނެލި އޮޑި އާއި ސަފާރީ ބޯޓާއި ފިހާރަތަކާއި ރެސްޓޯރެންޓާއި ބޯކޮށާ ތަންތަނުގެ ވެރިންނަށް ބަދަލުވާ ކަމަށް ވިދާޅުވި އެވެ.

ރައްޔިތުން ބޭނުން ވަނީ އެފަދަ މެމްބަރުން ތިއްބަވާ ރައްޔިތުންގެ މަޖިލީހެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"މުޅި މާލެ އިރާދަކުރެއްވިޔާ އަޅުގަނޑުމެން [އެމްޑީޕީން] ކާމިޔާބު ކުރާނަން،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޓިކެޓުގައި ހެންވޭރު އުތުރު ދާއިރާ އަށް ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ.

އެމްޑީޕީގެ ޓިކެޓުގައި ހެންވޭރު އުތުރު ދާއިރާ އަށް ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ.

ނަޝީދު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ނަމުގައި ރާއްޖެ އޮތީ ޗައިނާ އަށް ވިއްކާލާފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ކުރައްވާ މަސައްކަތްޕުޅަކީ ރާއްޖެ އަނބުރާ ދިވެހިންނަށް ހޯދައި ދެއްވުން ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ކުންފުނިތަކާއި އެކި މަޝްރޫއުތައް ހިންގުމުގެ ނަމުގައި ވެސް ދައުލަތުގެ ބަޖެޓުން ހިންގާފައި ހުރީ ޚިޔާނާތް ކަމަށެވެ. އެތައް ބަޔަކު ޖަލަށް ލައި އަސާސީ ހައްގުތައް ނިގުޅައިގަނެ ބިރުދައްކައިގެން ވެރިކަން ހިންގުން ރައްޔިތުން ބަލައިނުގަނެ ރިޔާސީ އިންތިޚާބުގައި ނޫނެކޭ ބުނެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ވީ ގޮތަކީ ހޮސްޕިޓާ އަޅަން ކަމަށް ވިދާޅުވެ 50 މިލިއަން ޑޮލަރަށް ކުރެވެން އޮތް ކަމެއް 200 އެތައް މިލިއަން ޑޮލަރަކަށް އަރުވާލައި އޭގެއިން ވެސް ނާޖާއިޒު ފައިދާ ނެގީ. ވީ ގޮތަކީ 70 މިލިއަން ޑޮލަރަށް އެޅެން އޮތް ބްރިޖެއް އޭގެ އިން ވެސް 200-300 މިލިއަން ޑޮލަރަށް ހަދައި އަޅުގަނޑުމެން ދަރުވާލީ،" ނަޝީދު ވިދާޅުވި އެވެ.

"ވީ ގޮތަކީ ދިވެހިރާއްޖެ ޗައިނާ އަށް ދަރުވާލީ. ދަރީންގެ ދަރީންނަށް ދަންދެން އަޅުގަނޑުމެންނަށް ދެން ހަދާނެ އެއްޗެއް ނެތުނީ. އަޅުގަނޑުމެންގެ އިސްތިގުލާލު ގެއްލި ދަނީ. މިނިވަންކަން ގެއްލި ދަނީ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު އެ ކުރައްވާ މަސައްކަތަކީ ހަގީގަތުގައި ޗައިނާ އަތުން ދިވެހިރާއްޖެ ގަނެވޭތޯ ބެލުން."