Roadha Mihaaru
މުބާރާތްތައް ބާއްވާތީ އަލްހާން އޭސީސީ އަށް ހާޒިރުކުރަނީ

އިންތިޚާބާ ދިމާކޮށް މުބާރާތްތައް ބާއްވާތީ އަލްހާން އޭސީސީ އަށް ހާޒިރު ކުރަނީ

14 މާޗް 2019

އަންނަ މަހު ބާއްވާ އާންމު އިންތިޚާބާ ދިމާކޮށް، ހެންވޭރު އުތުރު ދާއިރާ އަށް ވާދަކުރައްވާ އަލްހާން ފަހުމީ ބޮޑެތި މުބާރާތްތައް ބާއްވައި އަދި އިނާމު ހުށަހަޅުއްވާފައިވާ މައްސަލައެއްގައި ސުވާލު ކުރުމަށް އޭނާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އަންގައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަންނަ މަހު ބާއްވާ އާންމު އިންތިޚާބާ ދިމާކޮށް، ހެންވޭރު އުތުރު ދާއިރާ އަށް ވާދަކުރައްވާ އަލްހާން ފަހުމީ ބޮޑެތި މުބާރާތްތައް ބާއްވައި އަދި އިނާމު ހުށަހަޅުއްވާފައިވާ މައްސަލައެއްގައި ސުވާލު ކުރުމަށް އޭނާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވާން އަންގައިފި އެވެ.

މިއަދު މެންދުރު ފަހު 3:00 އަށް އަލްހާން އޭސީސީއަށް ހާޒިރުވާން އެންގީ ގާނޫނާ ޚިލާފަށް ބޮޑެތި މުބާރާތްތައް ބާއްވައި ބޮޑެތި އިނާމުތައް ދީފައިވާ ކަމަށް ބުނެ އާންމު މީހަކު ހުށަހަޅާފައިވާ މައްސަލަ އަކާ ގުޅިގެންނެވެ.

'އަލްހާން ސްޓްރީޓް ކަޕް' ގެ ނަމުގައި އޭނާ ބޭއްވި މުބާރާތެއްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އަލްހާން ވަނީ ހިއްސާ ކުރައްވައިފަ އެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000ރ. ގެ އިނާމެއް ދިން އިރު ރަނައަޕް ޓީމަށް 25،000ރ. ގެ އިނާމެއް ދިނެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލިހަށް ވާދަކުރައްވާ އަލްހާން "މިހާރު" އަށް މިއަދު ވިދާޅުވީ އޭނާ އަށް އަންގާފައިވާ ގަޑިއަށް އޭސީސީ އަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް މުބާރާތްތައް ބޭއްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ގާބޫލު ނުކުރައްވާ ކަމަށެވެ.

"ބަޔަކު ހަމަ މައްސަލައެއް ހުށަހެޅިޔަސް އޭސީސީން ވެސް ބަލަން ވާނެ އެއީ ގާނޫނީ އަސާސެއް އޮތް ކަމެއްތޯ؟ ޗިޓުގައި ފާހަގަކޮށްފައި އެ އޮތް ކަންތަކުގައި އަޅުގަނޑު ގާނޫނާ ހިލާފުވެފައިވާ ކަމަށް ބުނެވޭނެ އެއް ވެސް އަސާސެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އަލްހާންގެ މައްސަލަ އޭސީސީ އަށް ހުށަހެޅީ ކޮން ފަރާތަކުން ކަމެއް ނޭނގެ އެވެ.