Roadha Mihaaru
ދައުލަތުގެ މީޑިއާ އުވާލުން މާ ރަނގަޅު: އަލީ ހުސެއިން

ޕްރޮޕަގެންޑާ މެޝިނެއްގެ ގޮތުގައި ނުހިންގައި ދައުލަތުގެ މީޑިއާ އުވައިލުން މާ ރަނގަޅު: އަލީ ހުސެއިން

28 އޯގަސްޓް 2016

ސަރުކާރުގެ ޕްރޮޕަގެންޑާ ފަތުރާ މެޝިނެއްގެ ގޮތުގައި ބޭނުން ނުކޮށް ދައުލަތުގެ މީޑިއާ އުވައިލުން މާ ރަނގަޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސަރުކާރުގެ ޕްރޮޕަގެންޑާ ފަތުރާ މެޝިނެއްގެ ގޮތުގައި ބޭނުން ނުކޮށް ދައުލަތުގެ މީޑިއާ އުވައިލުން މާ ރަނގަޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ ހިންގަމުންދާ ގޮތަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައި ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ދައުލަތުގެ މީޑިއާ ބޭނުން ކުރަނީ އެއިރެއްގައި އޮންނަ ސަރުކާރުގެ ޕްރޮޕަގެންޑާ މެޝިނެއްގެ ގޮތުގައި ކަމަށެވެ. މީގެ ހައްލެއް ކަމަށް އޭނާ ވިދާޅުވީ ދައުލަތުގެ މީޑިއާ އުވާލުމެވެ.

ދައުލަތުގެ މީޑިއާ ހިންގާ ގޮތާ ގުޅޭގޮތުން އަލީ ހުސެއިންގެ ޓުވީޓެއް:

އޭނާ ވިދާޅުވި ގޮތުގައި ބޮޑު ހަރަދުކޮށް ދައުލަތުގެ މީޑިއާ އިން ސަރުކާރު ޕްރޮމޯޓްކުރުމުގެ ބަދަލުގައި ދައުލަތުގެ ރޯލަކަށް ވާންވީ ޕްރޮފެޝަނަލް ކަމާއެކު މީޑިއާ ރެގިއުލޭޓް ކުރުމެވެ.

އެއިރެއްގަަައި އޮންނަ ސަރުކާރަކުން ބޭނުންވާ ގޮތަކަށް ދިވެހި ރާއްޖޭގެ އަޑާއި ޓީވީއެމް ބޭނުންކުރަމުންދާ ކަމަށް އަލީ ހުސެއިން ވިދާޅުވިއިރު، އެމްޑީޕީ ސަރުކާރުގައި އެމްއެންބީސީގެ ނަމުގައި ދައުލަތުގެ މީޑީއާ ހިންގިއިރު ވެސް ހަމައެކަނި ސަރުކާރު ޕްރޮމޯޓްކުރާތީ ފާޑުކިޔުން އަމާޒުވި އެވެ. އޭރު މީޑިއާ ހިންގި ގޮތަށް ފާޑުކިޔާފައި ވަނީ މިހާރު ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުންނެވެ.

ދައުލަތުން ހަރަދުކޮށްގެން މީޑިއާ ހިންގަމުންދާ ގޮތާ މެދު އަލީ ހުސެއިން ފާޑުވިދާޅުވެފައި މިވަނީ، އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ކަވަރު ނުކޮށް، ފުވައްމުލަކުގައި ބޭއްވި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ޖަލްސާއެއް ޕީއެސްއެމުން ލައިވްކުރި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

އެއީ، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށާއި އެކަމުގައި މުއައްސަސާތަކުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އިދިކޮޅު އެމްޑީޕީން ވެސް ވަނީ ބުނެފަ އެވެ. މި ވާހަކަތަކަށް ރައްދު ދެއްވައި ޕީއެސްއެމުން ބުނެފައި ވަނީ ކެމްޕޭން ޖަލްސާއެއް ލައިވްކުރުމަކީ ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުން ކުރުން ކަމަށް ނުދެކޭ ކަމަށާއި އެކަން ކުރީ އެތަނުން ކަނޑައަޅާފައިވާ އުސޫލްތަކާ އެއްގޮތަށް ކަމަށެވެ.

ޕީއެސްއެމުން އިދިކޮޅު ފަރާތްތަކުގެ ޚަބަރު ނުގެނެސްދީ، ސަރުކާރުގެ ޕްރޮޕަގެންޑާ ފަތުރަމުންދާ ފާޑުކިޔަމުން ދަނިކޮށް، އަބުރުގެ ގާނޫނާ ހިލާފު ކޮންޓެންޓެއް ޕީއެސްއެމުން ވަނީ ގެނެސްދީފަ އެވެ.

ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަން ހުއްޓުވުމަށް ހެދި ގާނޫނު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވި ރޭ ދައުލަތުގެ މީޑިއާ އިން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދުގެ އަބުރުފުޅަށް ހުތުރުވާ ޒާތުގެ ރިޕޯޓެއް ގެނެސްދީފަ އެވެ. އެ ރިޕޯޓަށް އާއްމުންގެ ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން ވެބްސައިޓުން ވެސް ރިޕޯޓް ފަހުން ވަނީ ނަގައިފަ އެވެ.