Roadha Mihaaru
މަރިޔަމްގެ ހަޔާތުން ނަމޫނާ ނަގަމާ!

މަރިޔަމްގެ ހަޔާތުން ނަމޫނާ ނަގަމާ!

08 މާޗް 2019

ކަމެއް ކުރަން ހިތަށް އަރައިފި ނަމަ ހުއްޓާލަނީ އެކަމެއް ކޮށް، ނިންމުމަށް ފަހުގަ އެވެ. އަބަދުވެސް ތައްޔާރަށް ހުންނަވަނީ ގޮންޖެހުންތަކާ ކުރިމަތިލައްވާށެވެ. ތަފާތު ކަންތައްތައް ތަޖުރިބާކުރެއްވުމުގެ ޝައުގުވެރިކަން ބޮޑެވެ. މަރިޔަމް ޝަފީގަށް މިހާތަނަށް ލިބިވަޑައިގެންނެވި ހުރިހާ ކާމިޔާބީއެއްގެ ސިއްރަކީ އެއީ އެވެ. ނަރުހެއްގެ ގޮތުގައި ފެއްޓެވި ދަތުރު، ސަރުކާރުގެ ބޮޑު ކުންފުންޏެއްގެ ފުރަތަމަ އަންހެން މެނޭޖިން ޑިރެކްޓަރާ ހަމައަށް ދިއުމުގެ ފަހަތުގައި ވަނީ އެ ސިފަތަކެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކަމެއް ކުރަން ހިތަށް އަރައިފި ނަމަ ހުއްޓާލަނީ އެކަމެއް ކޮށް، ނިންމުމަށް ފަހުގަ އެވެ. އަބަދުވެސް ތައްޔާރަށް ހުންނަވަނީ ގޮންޖެހުންތަކާ ކުރިމަތިލައްވާށެވެ. ތަފާތު ކަންތައްތައް ތަޖުރިބާކުރެއްވުމުގެ ޝައުގުވެރިކަން ބޮޑެވެ. މަރިޔަމް ޝަފީގަށް މިހާތަނަށް ލިބިވަޑައިގެންނެވި ހުރިހާ ކާމިޔާބީއެއްގެ ސިއްރަކީ އެއީ އެވެ. ނަރުހެއްގެ ގޮތުގައި ފެއްޓެވި ދަތުރު، ސަރުކާރުގެ ބޮޑު ކުންފުންޏެއްގެ ފުރަތަމަ އަންހެން މެނޭޖިން ޑިރެކްޓަރާ ހަމައަށް ދިއުމުގެ ފަހަތުގައި ވަނީ އެ ސިފަތަކެވެ.

މަރިޔަމްއަކީ މިއަދު އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ. މިއީ ސަރުކާރުގެ ބޮޑު ކުންފުންޏެއްގެ އެމްޑީގެ މަގާމަށް ވަޑައިގެންނެވި ފުރަތަމަ އަންހެން ބޭފުޅެވެ. އެކަމަކު އެހާ ހިސާބަށް މަރިޔަން ދަތުރުކުރެއްވީ ހަމަ ހުންނަވާފައެއް ނޫނެވެ. އޭނާއަކީ ސިއްހީ ދާއިރާގެ ތަޖުރިބާ ހުރި، އަދި ދިގު މުއްދަތުގެ ހިދުމަތްތެރިއެކެވެ.

ނަރުސްކަމުން ހިދުމަތުގެ ދާއިރާއަށް

އޭނާގެ ހިދުމަތް ފެއްޓެވީ ނަރުހެއްގެ ވަޒީފާ އިންނެވެ. އިންޑިއާގެ މެޑްރާސްގައި ނާސިންގެ ރޮނގުން ޑިޕްލޮމާ ހެއްދެވި އެވެ. އޭގެ ފަހުން މެލޭޝިއާގައި އެ ދާއިރާ އިން ޑިގްރީ ފުރިހަމަކުރެއްވި އެވެ. އޭނާ ވަނީ އައިޖީއެމްއެޗުގައި ނަރުހުންގެ މަތީ މަގާމުތައް ފުރުއްވައިފަ އެވެ.

އަބަދުވެސް ތައުލީމީ ރޮނގުން ކުރިއަށް ވަޑައިގަތުމުގެ އުއްމީދު މަރިޔަމްގެ އޮވެ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ލިބުނު ސްކޮލަޝިޕެއްގައި ހެލްތު އިކޮނޮމިކްސްގެ ދާއިރާ އިން 2007 ގައި މާސްޓާސް ފުރިހަމަކުރެއްވުމުން އޭނާ ވެވަޑައިގަތީ އެ ދާއިރާއިން އެ ފެންވަރަށް ކިޔަވާވިދާޅުވި ފުރަތަމަ ދިވެއްސަށެވެ.

އާސަންދަ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު: އޭނާ އަކީ ރާއްޖޭގެ އެންމެ ފުރަތަމަ ހެލްތު އިކޮނޮމިސްޓް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އާސަންދަ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު: އޭނާ އަކީ ރާއްޖޭގެ އެންމެ ފުރަތަމަ ހެލްތު އިކޮނޮމިސްޓް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަސްލު ނާސިންގެ ދާއިރާއިން ނުކުންނާކަށް ބޭނުމެއް ނޫން. ކިޔެވޭނެ މަގެއް ނެތީމަ އޭރު ނުކުންނަން ޖެހުނީ،" މަރިޔަމް، 47، ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި ހޮސްޕިޓަލްގެ ތެރެއިން ވެސް އޭނާއަށް ކުރިމަތިވީ ޗެލެންޖެކެވެ. އެ ޗެލެންޖް އަސްލު އައީ މަރިޔަމްއަކީ ހިތްވަރުދަ، ނުވަތަ އުއްމީދުކުރާ ކަމެއް ހާސިލްކުރައްވަން އުޅުއްވާނެ ބޭފުޅެއްކަން، އޭނާއާ އެކު މަސައްކަތްކުރި އެހެން މީހުންނަށް ނޭނގުމުންނެވެ.

"އަޅުގަނޑާ ދިމާލަށް ހޮސްޕިޓަލުގެ ތެރެއިން ވެސް މީހުން ބުނި، ކޮން ހެލްތު އިކޮނޮމިކްސްއެއް ހެއްޔޭ ކިޔެވޭނީ. އެ ޗެލެންޖާ އެކު [އައިޖީއެމްއެޗުން] ނުކުތީ އަސްލު،" ނާސިން އެންޑް މިފްވައިފްރީ ކައުންސިލްގެ ރައީސްކަން ތިން އަހަރު ވަންދެން ކުރެއްވި މަރިޔަމް ވިދާޅުވި އެވެ.

އޭނާއަކީ އާސަންދަ ފެށިގެން އައި އިރު ވެސް އެ ސިޔާސަތުގެ ތެރޭގައި އުޅުއްވި ބޭފުޅެކެވެ. އެގޮތުން އެކަނިވެރި މައިންނަށް ދެމުން އަންނަ ފައިސާ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސްގެ މަސައްކަތް ތަންފީޒުކުރުމުގައި އިސް ދައުރެއް އަދާކުރެއްވި އެވެ. ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ފުރަތަމަ ސީއީއޯގެ މަގާމުގައި ހުންނެވުމުން، އެފަދަ އިޖުތިމާއީ އެހީތަކާ މެދު އޭނާގެ ވިސްނުން ވަރަށް ފުޅަ އެވެ.

އަންހެނަކަށް ވީތީ ނުކުރެވޭނެ ކަމެއް ނެތް!

މިހާތަނަށް ވެސް މަރިޔަމް ދެއްކެވީ ލިބިވަޑައިގަންނަވާ ފުރުސަތުތަކުގެ ބޭނުންކުރެއްވުމުގެ ނަމޫނާ އެވެ. އެކަމުގައި އޭނާއަށް ހުރަހެއް ނެތެވެ. ހުރަހެއް ކުރިމަތިވެވަޑައިގަތަސް ގިރާކުރެއްވޭނެކަމުގެ ޔަގީންކަން އޮވެ އެވެ. އެހެންކަމުން، އޭނާ ވިދާޅުވީ، އަންހެނަކަށް ވީތީ ނުކުރެވޭނެ ކަމެއް، ވަޒީފާގެ ގޮތުން، ނެތް ކަމަށެވެ.

"އަބަދުވެސް ގަބޫލުކުރަން އަޅުގަނޑަށް ވަރަށް ގިނަ ކަންތައްތައް ކުރެވޭނެކަން. ހަވާލުކުރާ ހުރިހާ ކަމެއް ކުރާނެކަން. ކޮންމެ ކަމެއް ވެސް ކުރަން އުޅެފިއްޔާ ވާނެ. އެމީހެއްގެ ކެރުންތެރިކަން އޭގައި އޮންނާނީ އަންހެނެއް ވިއަސް، ފިރިހެނެއް ވިއަސް،" އަންހެނުން ބާރުވެރިކުރުވައި އެމީހުންގެ ހައްގުތަކުގެ ހިމާޔަތުގައި ވެސް އަޑުއުފުއްލަވާ މަރިޔަމް ވިދާޅުވި އެވެ

ކޮންމެ ކަމެއްގައި ވެސް ކުރިއަށް ދާން ފިޔަވަޅު އެޅުމަކީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި، އެމީހެއްގެ އަމިއްލަ ކަމެކެވެ. އޭރުން އިތުރު ފުރުސަތުތައް ލިބި، އާ ތަޖުރިބާތައް ކުރެވޭނެކަން މަރިޔަމް ވަނީ ސާބިތުކޮށްދެއްވައިފަ އެވެ.

ތިން ކުދިންގެ މަންމަ، އޭނާގެ ކެރިއަރުގެ ދިގު މުއްދަތު ހޭދަކުރެއްވީ އާ ޗެލެންޖެއް ކުރިމަތިވިޔަސް، އެކަމާ ކުރިމަތިލައްވައިގެންނެވެ. އެގޮތުން ކުރައްވާ މަސައްކަތްތައް މީހުން ބަލައިގަތުމުގެ އުފާ ވެސް ބޮޑެވެ. އައިޖީއެމްއެޗުގައި މަސައްކަތް ކުރެއްވި އިރު މީހަކު ބުނެލި ހެޔޮ ބަސް، އޭނާގެ ސިކުނޑީގައި އަދި ވެސް ހަރުލާފައި އެބަ ހުއްޓެވެ.

"ނަރުހުންގެ އިންޗާޖަކަށް އުޅުނަސް ވޯޑުތަކަށް ގޮސް ހާލު ބަލާލަން. އެއް ދުވަހަކު ބަލިމީހަކު ހޮސްޕިޓަލުން ދޫކޮށްލުމުން ދަމުން ބުނީ 'ތިބާއީ މިތަނުގައި ހުރި އެންމެ ރަނގަޅު ނަރުހޭ'. އެހެން ބުނީމަ ވަރަށް އުފާވި. އެ އިނދޭ އަބަދުވެސް ސިކުނޑީގައި،" މަރިޔަމް ކިޔައިދެއްވި އެވެ.

މަރިޔަމް ޝަފީގް "މިހާރު" އާ ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަރިޔަމް ޝަފީގް "މިހާރު" އާ ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއަދު ދުނިޔޭގެ އަންހެނުންގެ ދުވަސް ފާހަގަކުރާ އިރު، މަރިޔަމް ވިދާޅުވާ ގޮތުގައި، މިހާރު ގައުމުގެ އިސް މަގާމުތަކުގައި އަންހެނުންގެ ދައުރު އަންނަނީ ބޮޑުވަމުންނެވެ. އޭނާއަށް ފެނިވަޑައިގަންނަވަނީ އަންހެނުން ކުރިއެރުމުގެ ދުރު ރާސްތާއެކެވެ. އަދި ގައުމުގައި މިހާރު އެ ފުރުސަތުތައް ލިބެން އެބަހުރި ކަމަށް ގަބޫލުކުރައްވަ އެވެ.

ފަސްބައިގައި ކިލަނބުކަމެއް ނެތި، ތެދުވެރިކަމާއި އަމާނަތްތެރިކަމާ އެކު ޒިންމާތައް އަދާކުރެއްވުމުގައި އޭނާ ވަނީ މިސާލު ދައްކަވައިފަ އެވެ. އާދައިގެ ވަޒީފާއަކުން، ބޮޑު ކުންފުންޏެއްގެ އެމްޑީއާ ހަމައަށް ވަޑައިގެންނެވުމުގެ އެއް ސަބަބަކީ އެއީ އެވެ.

"އަޅުގަނޑު މަސައްކަތުގައި މި ހިސާބަށް އެޕްރޯޗްކުރުމުގެ އެންމެ ބޮޑު އެއްޗަކީ އަޅުގަނޑު ތެދުވެރިވީމަ ކަންނޭނގެ. ކެރޭ ބުނަން އަޅުގަނޑަކީ ވަރަށް ތެދުވެރި މީހެކޭ. ތެދުވެރިކަމާއި ދެން ބުރަ މަސައްކަތް މި ހިސާބަށް ގެނައީ. މި ދަތުރުގެ އެންމެ ބޮޑު ކާމިޔާބީއަށް ދިއުމުގެ އެންމެ ބޮޑު ކަންތައްތަކަކީ އެއީ،" މަރިޔަމް ވިދާޅުވި އެވެ.

އޭނާގެ ޝުކުރުގެ ލިސްޓްގައި ވެސް އަންހެނުން ގިނަ އެވެ. އެގޮތުން ތިން ކުދިން ބަލަހައްޓަވަމުން، އޮފީހުގައި ބޮޑެތި ޒިންމާތަކެއް ނެންގެވުނީ މަންމަ އާއި އެއްބަނޑު އެއްބަފާ އަންހެން ހަ ބޭފުޅުންގެ ސަބަބުން ކަމަށް ގަބޫލުކުރައްވަ އެވެ. އެހެންކަމުން މަރިޔަމްގެ ކާމިޔާބީގެ ފަހަތުގައި އޭނާގެ ހިތްވަރާ އެކު އާއިލާގެ އަންހެނުންގެ އެހީތެރިކަން ވެސް އެހާމެ ބޮޑެވެ.