Roadha Mihaaru
ބިގުގެ 78 މިލިއަން މައްސަލާގައި ކޮމިޓީ ނުބޭއްވުނު

ބިގަށް 78 މިލިއަން ދޭން ޖެހޭ މައްސަލާގައި ކޮމިޓީ ނުބޭއްވުނު

06 މާޗް 2019

ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް 30 މިލިޔަން ރުފިޔާ ދިން މައްސަލައިގައި ޕީއެސްއެމްގެ ވެރިން ހާޒިރުކޮށްގެން ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބާއްވަން އުޅުނު ބައްދަލުވުން ބޭއްވޭ ގޮތް ނުވެ މިއަދު ކެންސަލްވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް 30 މިލިޔަން ރުފިޔާ ދިން މައްސަލައިގައި ޕީއެސްއެމްގެ ވެރިން ހާޒިރުކޮށްގެން ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބާއްވަން އުޅުނު ބައްދަލުވުން ބޭއްވޭ ގޮތް ނުވެ މިއަދު ކެންސަލްވެއްޖެ އެވެ.

ޕީއެސްއެމުން އެ ވަރުގެ ބޮޑު އަަދަދެއް ބިގަށް ދިނީ ދައުލަތުގެ މީޑިއާ ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެދި މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އާއި ބިގާ އެކު ވެފައި އޮތް އެއްބަސްވުމަކާ ގުޅިގެންނެވެ.

އެ އެއްބަސްވުމުގެ ދަށުން ބިގަށް ލިބެން ޖެހޭ ފައިސާ ނުދީ ގިނަ ދުވަސް ވުމުން ޖޫރިމަނާ އަރަމުން ގޮސް، ސިވިލް ކޯޓުން އެންމެ ފަހުން ނިންމާފައި އޮތީ 78 މިލިއަން ރުފިޔާ، އެމްއެންބީސީން ދެއްކުމަށެވެ. އެމްއެންބީސީގެ މުދަލާއި މާލީ ޒިންމާތައް ނަގަން ޖެހެނީ މިހާރު ޕީއެސްއެމް ކަމަށް ވާތީ، އެގޮތަށް އެއްބަސްވެ، އެންމެ ފަހުން އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ދެއްކީ މިދިއަ މަހު އެވެ.

އެކަމަކު އާ ސަރުކާރާ އިދިކޮޅު މެމްބަރުން ބޭނުންވީ އެވަރުގެ ބޮޑު އަދަދެއް ދެއްކުމުން އެކަމާ ޕީއެސްއެމާ ސުވާލުކުރާށެވެ. އެގޮތުން އެ މައްސަލަ ހުށައެޅީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ކަމަށްވެ އެވެ.

ކޮމިޓީ ރޫމް ތެރޭގައި، ސަރުކާރަށް ތާއީދުކުރާ މެމްބަރުންނާއި އިދިކޮޅު މެމްބަރުންނާ ދެމެދު ޒުވާބު ހިނގައި، އެންމެ ފަހުން ކޮމިޓީ ނުބާއްވަން ނިންމީ އެވެ.

ކޮމިޓީގައި ހިމެނޭ އިދިކޮޅު މެމްބަރަކު "މިހާރު"އަށް ވިދާޅުވީ ކޮމިޓީ ބާއްވަން ބޭނުންނުވީ ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ކަމަށެވެ.

"އެބޭފުޅުން [ޕީއެސްއެމްގެ ވެރިން] ހާޒިރެއް ވެސް ނުކުރޭ. ދެން ފައިސާގެ ތެރެއިން 30 މިލިޔަން ރުފިޔާ މިހާރު އޮތީ ދީފައެއް ނޫންހޭ ކިޔާފައި، ބައްދަލުވުން ކެންސަލްކުރަން ބޭނުންވީ ސަރުކާރު މެމްބަރުން،" ނަން ނުޖަހަން ޝަރުތުކޮށް ވާހަކަދެއްކެވި މެމްބަރު ވިދާޅުވި އެވެ.

ބިގަށް 78 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމްކުރީ ޖޫން 7، 2016 ގަ އެވެ. އެއީ އެމްޑީޕީ ސަރުކާރު ވެއްޓުނު އިރު އެމްއެންބީސީން އެ ކުންފުންޏަށް ދޭން އޮތް 5 މިލިއަން ރުފިޔާ ނުދީ ގިނަ ދުވަސް ވުމުން، އެއްބަސްވުމާ އެއްގޮތަށް އެރި ޖޫރިމަނާއާ އެކު ދައްކަން ޖެހުނު ވަރެވެ.

ރައީސް އޮފީހުގެ ކޮމިޔުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލްގެ 90 ޕަސެންޓް ހިއްސާ އޮންނަ ބިގާ އެކު އެމްއެންބީސީން މާޗު 7، 2010 ގައި ވީ އެއްބަސްވުމުގެ ދަށުން، އެމްއެންބީސީއަށް އިސްތިހާރުތަކުން ލިބޭ އާމްދަނީން ވަކި މިންވަރެއްގެ ކޮމިޝަނެއް ބިގަށް ދޭން ޖެހެ އެވެ. އެކަމަކު އޭރުގެ އޮޑިޓަ ޖެނެރަލް ނިިޔާޒު އިބްރާހިމް 2014 ގައި ނެރުއްވި އޮޑިޓް ރިޕޯޓެއްގައި ބުނެފައި ވަނީ ބިގުން އެއްވެސް މަސައްކަތެއްނުކޮށް، ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑުން ފޮނުވާ އިއުލާން ފަދަ އެއްޗެހިން ލިބޭ އާމްދަނީން ކޮމިޝަނެއް ދޭން ނުޖެހޭނެ ކަމަށެވެ.

އެމްއެންބީސީ އާއި އެމްބީސީ އަދި ޕީއެސްއެމް

އެމްޑީޕީ ސަރުކާރު ވެރިކަމުގައި އޮތް އިރު ދައުލަތުގެ މީޑިއާ ހިންގަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) ގެ ނަމުގައި، ހާއްސަ ގާނޫނެއް ހެދި އެވެ. އެކަމަކު އޭރު އިދިކޮޅު ފަަރާތްތަކުން ކޮންޓްރޯލްކުރި ރައްޔިތުންގެ މަޖިލިހުން ހެދި އެ ގާނޫނަށް އަމަލްކުރުމުގެ ބަދަލުގައި، ނަޝީދުގެ ނިންމެވުމަކަށް ވީ، ސަރުކާރުގެ ކޮންޓްރޯލް ދޫނުކޮށް، ސަރުކާރުން ވަކި ކުންފުންޏެއް ހަދައި، އޭގެ ދަށަށް ޓީވީއެމާއި ދައުލަތުގެ ރޭޑިއޯ ސްޓޭޝަންތައް ގެންދިއުމެވެ. އެމްއެންބީސީ އުފެއްދީ އެ ނިޔަތުގަ އެވެ. އެކަމަކު ފެބްރުއަރީ 7، 2012 ގައި ނަޝީދު އިސްތިއުފާ ދެއްވުމާ އެކު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ އެމްބީސީގެ ގާނޫނާ އެއްގޮތަށް، ޓީވީއެމް އާއި ރޭޑިއޯ ސްޓޭޝަންތައް އެ ކުންފުނީގެ ދަށަށް ބަދަލުކޮށްފަ އެވެ. ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަކީ، އެމްބީސީގެ ގާނޫނު އުވާލައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި ގާނޫނެއްގެ ދަށުން، ދައުލަތުގެ މީޑިއާއާ ހަވާލުވި ކުންފުންޏެކެވެ.