Roadha Mihaaru
ކޮންމެ ކެންޑިޑޭޓަކީ ސޭޓެއްތޯ؟

ކޮންމެ ކެންޑިޑޭޓަކީ ސޭޓެއްތޯ؟

17 ފެބުރުއަރީ 2019

މިދިޔަ ހަފުތާ ނިމުނީ ރާއްޖޭގެ ކަނޑުފަޅާއި ބިންތައް ވިއްކައިގެން ލިބުނު ބިލިއަން ރުފިޔާ އަމިއްލަ ބަޔަކު ކައި ހުސްކުރި ގޮތުގެ ކަޅާއި ހުދުގެ މަންޒަރަކުންނެވެ. އެ މަންޒަރު ކުލަކޮށްލެވޭ ވަރުގެ ތަހުގީގެއް ކޮށްފައި ނެތީ އެވެ. އެކަމަކު އެއާ އެކު އެއްބަޔަކު ނަޒާހަތްތެރިކަމުގެ މެޑަލް ޖަހައިގެން ދެން ތިބި ބަޔަކަށް ވަގަށް ގޮވުމުގެ ފޯރި ވެސް ގަދަވެއްޖެ އެވެ. އަޑުތައް ހުރި ގޮތަށް ބަލާއިރު މި ރާއްޖޭގައި ރިޝްވަތު ދިނަސް ހިފާނެ މީހަކު ވެސް ނެތް ފަދަ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މިދިޔަ ހަފުތާ ނިމުނީ ރާއްޖޭގެ ކަނޑުފަޅާއި ބިންތައް ވިއްކައިގެން ލިބުނު ބިލިއަން ރުފިޔާ އަމިއްލަ ބަޔަކު ކައި ހުސްކުރި ގޮތުގެ ކަޅާއި ހުދުގެ މަންޒަރަކުންނެވެ. އެ މަންޒަރު ކުލަކޮށްލެވޭ ވަރުގެ ތަހުގީގެއް ކޮށްފައި ނެތީ އެވެ. އެކަމަކު އެއާ އެކު އެއްބަޔަކު ނަޒާހަތްތެރިކަމުގެ މެޑަލް ޖަހައިގެން ދެން ތިބި ބަޔަކަށް ވަގަށް ގޮވުމުގެ ފޯރި ވެސް ގަދަވެއްޖެ އެވެ. އަޑުތައް ހުރި ގޮތަށް ބަލާއިރު މި ރާއްޖޭގައި ރިޝްވަތު ދިނަސް ހިފާނެ މީހަކު ވެސް ނެތް ފަދަ އެވެ.

މި އަޑު މި ގަދަވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ފޯރިއާ އެކުގައި ކަމަށް ވުމުން، ދެފުށް ދެގޮތްކަމާއި ރިޝްވަތުގެ މޫތައް ހުރި ހިސާބު ވެސް ހާމަވެ އެވެ. އެހެންވެ މިއީ ރަނގަޅު ފިލާވަޅެކެވެ.

ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަނީ ގާނޫނު ހަދާށެވެ. މަޖިލިސް މެންބަރުންގެ ޒިންމާ އަކީ އެއީ އެވެ. އެކަމަކު މަޖިލީހުގެ ގޮނޑި ކާމިޔާބުކުރަން ނިކުމެ، ގައުމޭ، ލޮބުވެތި ރައްޔިތުންނޭ ގޮވަމުން ހުށަހަޅަނީ ރިޝްވަތެވެ. ޒަމާނުންސުރެ މިކަން އޮތީ މިހެންނެވެ. އައިސް އަލަމާރި އާއި ދޮންނަ މެޝިނާއި އޭސީ އަދި ފައިސާ އަށް ވޯޓު ގަންނަން އެ އެއްޗެހި ބަހަނީ އެވެ. ކެންޑިޑޭޓުންގެ ނަމުގައި ފައުންޑޭޝަންތައް އުފަންވެ މިސްކިތްތަކުގައި ކާޕެޓް އަޅައިދީ ފުޓްސަލް ދަނޑުތައް ނިންމައިދީ ބޯޅަ ބަހައި ގޭގޭގެ ފެންބިލާއި ކަރަންޓު ބިލާއި ފޯނު ބިލް ދައްކައިދޭ ހިސާބަށް ވެސް މި ވަނީ ގޮސްފަ އެވެ.

މި ވާހަކަ ކެންޑިޑޭޓުން އެ މީހުންގެ ކެމްޕޭން ޕްލެޓްފޯމްތަކުގައި އެ އިސްތިހާރުކުރަނީ ފަހުރުވެރިކަމާ އެކުގަ އެވެ. ސްކޫލަކަށް ނުވަތަ ޖަމިއްޔާއަކަށް ބޯޅަތަކެއް "ހަދިޔާ"ކޮށްފައި ފޮޓޯ ނަގައި އާންމުކޮށްފާނެ އެވެ. ސިމެންތި އާއި އޭސީ އާއި މިސްކިތު ކާޕެޓާއި ހެލްތު ކޭމްޕުތަކާއި ފާޑުފާޑުގެ "އެހީ" އާ އެކު ކެންޑިޑޭޓުން ފޮޓޯ އަށް ހުއްޓި އެ ތިބެނީ ކިހާ ފަހުރުވެރިކަމާ އެކުގައި ހެއްޔެވެ؟

ފަސާދައިގެ ތެރެއިން ހޮވާ މެންބަރު ވޯޓު ވިއްކިޔަސް، ގޮނޑި ވިއްކިޔަސް އެކަމާ ޝަކުވާ ނުކުރާށެވެ. އެއީ އަހަރެމެން ބޭނުންވި ގޮތެވެ.

ދާއިރާ ދެކެ މި ކެންޑިޑޭޓުން ލޯބިވާލެއް ހަމަ ބޮޑީ އެވެ. އެކަމަކު ދާއިރާގެ ހާލު ކުއްލިއަކަށް އެނގި، ބަނދަރުތަކާއި ފެނާއި ނަރުދަމާ އާއި ކަރަންޓާއި އެހެން ވަސީލަތްތަކަށް ބޭނުންވާ ވާހަކަ ގޮވައި މި ދުވަސްވަރު އެ ކަންކަން ކުރުމަށް މިލިއަނުން ހޭދަކުރެ އެވެ. އެކަމަކު އެއީ ވޯޓު ގަންނާކަށް ނޫނެވެ. ހަމަ ދާއިރާ ދެކެ އެ ވާ ލޯތްބަކުން ކޮށްދޭ ކަންކަމެވެ. ކޮރަޕްޝަނާއި ފަސާދައިގެ ކުޑަ ނަމަވެސް ކިލާ ކޮޅެއް މިއިން ބޭފުޅެއްގެ ފަސްބައިގައި ޖެހިފައިވާ ކަމަކަށް ނުވެ އެވެ.

ކުރިމަތިލާ ދާއިރާ އާއި އެ ދާއިރާގެ ރައްޔިތުން ދެކެ ވާ ލޯބީގެ ނަމުގައި ބަހަނީ ރިޝްވަތެވެ. ރައްޔިތުން ވެސް މި ތިބީ އެގޮތަށް ރުހި ގަބޫލުވެގެންނެވެ. ކޮންމެ ކެންޑިޑޭޓަކަށް ވެސް ދާއިރާގެ ރައްޔިތުން ދޭނީ ގަންނަންވީ ތަކެތީގެ ލިސްޓެކެވެ. ގޯލަށް ދާގަނޑެއް، ބޯޅައެއް، މިސްކިތަށް ކާޕެޓް، ކްލާސްރޫމުގައި ހަރުކުރަން އޭސީ، މިހެން ގޮސް ނަން ހުސްކޮށެވެ. އެ މީހުން ގަބޫލުކުރަނީ މިއީ ރިޝްވަތު ނެގުން ނޫން ކަމަށެވެ. ކެންޑިޑޭޓުން ކޮށްދޭން ޖެހޭ ކަންތައް ކަމަށެވެ. އެހެންޏާ ފަހެ، ކޮންމެ ކެންޑިޑޭޓަކީ މި ސާމާނު ވިއްކާ ސޭޓެއް ހެއްޔެވެ؟ ކެންޑިޑޭޓެކޭ ބުނާއިރަށް އެ ދިއްކޮށްލަނީ ގަންނަންވީ ތަކެތީގެ ލިސްޓެކެވެ.

މިއީ އަހަރުތަކަކުން ބިނާވި ނުބައި އާދަކާދައެކެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކީ ދާއިރާގެ އެންމެންގެ ވެލްފެއާ އޮފިސަރު ކަމަށް ހެދިގެން އުޅެގަތްގަތީނުން ވެސް ކަންނޭނގެ އެވެ. ރައްޔިތުންގެ ވެސް އެ ތިބީ އެގޮތަށް ގަބޫލުކޮށްގެންނެވެ. މަޖިލީހަށް ހާޒިރު ވިޔަސް ނުވިޔަސް، އޮއްޓަރެއް ހުރި ވާހަކައެއް ނުދެއްކިޔަސް، ބިލެއް ނުވަތަ އިސްލާހެއް ހުށަހަޅައިނުލިޔަސް ދާއިރާގެ މީހުން މާލެ އަންނަ ފަހަރަކު ސައިތައްޓެއް ދީ ބައެއް ޚަރަދުތައް ކޮށްދޭ ނަމަ އެއީ އެންމެ ރަނގަޅު މެންބަރެވެ. މަޖިލީހުގައި ވޯޓު ބީލަމަށް ލައިގެން އުޅުނަސް، ތިމާގެ މެންބަރަކީ ފައިސާ ފޮއްޗެއް ދިއްކޮށްލައި އުޅޭ މީހެއް ނަމަ އެއީ ބަރާބަރު މެންބަރުންނެވެ.

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި މުޒާހަރާކުރަނީ. -- މިހާރު ފައިލް ފޮޓޯ

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި މުޒާހަރާކުރަނީ. -- މިހާރު ފައިލް ފޮޓޯ

ދާއިރާ އަށް ކޮށްދޭނެ ކަމަކީ، މަޖިލިސް ތެރޭ ދާއިރާގެ މަސްލަހަތު ހިމާޔަތްކޮށް ދާއިރާގެ ކުރިއެރުމަށް އިސްކަން ދީގެން މަސައްކަތްކުރުން ކަމަށާއި ފައިސާއެއް، ހަދިޔާއެއް ނުބަހާނެ ކަމަށް ގޮވާލައި އެ ގޮތުގައި ހިފަހައްޓަން ކެރޭނީ ކިތައް ކެންޑިޑޭޓުންނަށް ހެއްޔެވެ؟ ނުކެރޭނެ އެވެ. އޭރުން ނުހޮވޭނެ އެވެ.

އެކަމަކު މަޖިލީހުން ގޮނޑި ހޯދަން އުޅޭ މީހުންނާއި ރައްޔިތުން ވެސް މި ގޮވަނީ ނަޒާހަތްތެރިކަމުގެ ވާހަކަ އެވެ. އެންމެން ބުނަނީ ވަގުންނަށް ނޫނެކޭ ކަމަށެވެ. ނުހައްގު މަންފާތައް ހޯދާ މީހުންނާއި ލިބިގަންނަ މީހުންނަށް ވެސް ޖާގައެއް ނެތް ކަމަށެވެ. މިއީ މިހެން ގޮވާ އަޑު އެންމެ ގަދަ ދުވަސްވަރެވެ.

މެންބަރުކަން ހޯދަން ކެމްޕޭނު ކުރުމާއި ވޯޓު ހޯދުމުގެ ކަންކަން އޮތީ ރިޝްވަތުގެ ތެރޭގައިކަން އެއީ މީހަކު ނުދަންނަ ކަމެއް ނޫނެވެ. ކޮންމެ އިންތިހާބަކީ ރިޝްވަތު "ހަލާލު" މޫސުމަކަށް ހަދައިފި އެވެ. މިއިން އެއްވެސް ކަމަކީ ރިޝްވަތު ކަމަށް، މި މައްސަލަތައް ބަލަން އުފައްދާފައިވާ އިދާރާތަކުން ވެސް ބަލަނީއެއް ނޫނެވެ. މައްސަލަ ހުށަހެޅިޔަސް، ދުވަހަކު ވެސް ވީ ކަމެއް ނެތެވެ.

މިހެން އޮތް އިރު، މި ފަސާދައިގެ ތެރެއިން ހޮވާ މެންބަރު ވޯޓު ވިއްކިޔަސް، ގޮނޑި ވިއްކިޔަސް އެކަމާ ޝަކުވާ ނުކުރާށެވެ. އެއީ އަހަރެމެން ބޭނުންވި ގޮތެވެ.