Roadha Mihaaru
ރަޝްފާގެ ދެ ކުދިން ސަލާމަތްކުރަން މަސައްކަތް ކުރި

ރަޝްފާގެ ދެ ކުދިން ސަލާމަތްކުރަން މަސައްކަތް ކުރި: ހެލްތު

31 ޖެނުއަރީ 2019

އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިން، ރަޝްފާ އަހުމަދު ކުއްލި ގޮތަކަށް މަރުވި އިރު ބަނޑުގައި އޮތް ދެ ކުދިން ސަލާމަތް ކުރަން މާފުށި ހެލްތު ސެންޓަރުން މަސައްކަތް ކުރި ކަމަށް ހެލްތު މިނިސްޓްރީން، އޭނާގެ އާއިލާއަށް އަންގައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިން، ރަޝްފާ އަހުމަދު ކުއްލި ގޮތަކަށް މަރުވި އިރު ބަނޑުގައި އޮތް ދެ ކުދިން ސަލާމަތް ކުރަން މާފުށި ހެލްތު ސެންޓަރުން މަސައްކަތް ކުރި ކަމަށް ހެލްތު މިނިސްޓްރީން، އޭނާގެ އާއިލާއަށް އަންގައިފި އެވެ.

ހެލްތު މިނިސްްޓްރީން އެކަން އެންގީ، ޑިސެމްބަރު 28 ގެ ފަތިހު މަރުވި ރަޝްފާ، 20، ގެ މަރާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ފާހަގަކޮށް އޭނާގެ ބައްޕަ އަހުމަދު މުހައްމަދު އެ މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގެ ޖަވާބުގަ އެވެ.

ހެލްތު ސެންޓަރުން ކަންތައް ކުރީ ރަނގަޅަށް

ހެލްތު މިނިސްޓްރީގެ ސިޓީގައި ބުނެފައިވާ ގޮތުގައި މާފުށީ ހެލްތު ސެންޓަރަށް ރަޝްފާ ގެންދިއުމުން އެތަނުން އަމަލުކޮށްފައި ވަނީ އެފަދަ ހާލަތުގައި އަމަލު ކުރަން ޖެހޭ ގޮތަށެެވެ. އަދި ބަނޑުގައި އޮތް ދެ ކުދިން ސަލާމަތްކުރުމުގެ ގޮތުން އައިޖީއެމްއެޗުގެ ގައިނޮކޮލޮޖިސްޓެއްގެ ލަފަޔާ އެކު މާފުށި ހެލްތު ސެންޓަރުން މަސައްކަތްކުރި ކަމަށް ވެސް އެ ސިޓީގައި ވެ އެވެ.

މާފުށީ ހެލްތު ސެންޓަރުން އެ ހާލަތުގައި ގުޅީ، ސިޓީގައި ބުނެފައިވާ ގޮތުން، އެ ވަގުތު އައިޖީއެމްއެޗުގެ އޮން ކޯލްގައި އިން އަންހެނުންގެ ހާއްސަ ޑޮކްޓަރާ އެވެ.

ހެލްތު ސެންޓަރަށް ގެންދިޔަ އިރު ރަޝްފާ މަރުވެފައި އޮތް ކަމެއް ނުވަތަ މަރުވީ ފަރުވާ ދެނިކޮށް ކަމެއް ސިޓީގައި ބުނެފައެއް ނުވެ އެވެ. އެކަމަކު އޭގައި ބަޔާންކޮށްފައިވާ ގޮތުގައި އޭނާގެ އަނގަޔާއި ނޭފަތުގައި ދަވަ ހެދިފައި ހުރުމުން ދަވަތައް ހެލްތު ސެންޓަރުގެ މުވައްޒަފުން އެ އެއްޗެހި ސާފުކުރި އެވެ. އަދި އޮކްސިޖަން ދޭން ވެސް މަސައްކަތް ކުރި ކަމަށް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ސޮއިކުރައްވާ ފޮނުއްވި ސިޓީގައިވެ އެވެ.

ސިޓީގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު މާބަނޑު އަންހެނަކަށް ލިބެން ޖެހޭ ފަރުވާގައި އިހުމާލުތަކެއް ހުރި ކަމަށް ބެލެވޭ ކަންތައްތައް ހިމެނެ އެވެ. އެކަމަކު އެއީ ރަޝްފާ އާއި ފިރިމީހާ ސަމާލުކަން ދޭން ޖެހޭ ކަންކަމެވެ.

ހެލްތު މިނިސްޓްރީގެ ސިޓީގައި ހިމެނޭ ބައެއް ކަންކަން

- މާބަނޑު ދުވަސްވަރު ގަވައިދުން ޑޮކްޓަރަށް ދައްކާ ދެއްކުމުގައި ހަދާ ޓެސްޓްތައް އެންމެ ފަހުން ހަދާފައި ވަނީ ނިޔާވުމުގެ ދެ މަސް ކުރިން

- ދެ ކުދިންނަށް ބަލިވެ އިންނަ މީހުންނަކީ ހައި ރިސްކް މީހުންނަށް ވާއިރު، ރަޝްފާގެ ފައި އާދަޔާ ހިލާފަށް ދުޅަވެގެން ޑިސެމްބަރު 25 ގައި ހަދަން ދިން ޓެސްޓް، އޭނާ މަރުވި އިރު ވެސް ހަދާފައި ނުވުން

އާއިލާގެ ކަންބޮޑުވުންތައް

ރަޝްފާގެ ބައްޕަ ޖެނުއަރީ 8 ގައި ހެލްތު މިނިސްޓްރީއަށް ފޮނުވި ސިޓީގައި މައިގަނޑު ހަތަރު ކަންބޮޑުވުމެއް ފާޅުކޮށްފައި ވެ އެވެ. އެއީ:

- ޑިސެމްބަރު 1 ގައި ދެއްކުމުން ރަޝްފާގެ ހުރިހާ ކަމެއް ނޯމަލް ކަމަށް މާފުށި ސިއްހީ މަރުކަޒުން ބުނެފައި ވުން

- ހާލު ދެރަވެގެން އެމްބިއުލާންސް ފޮނުވައިދިނުމަށް އެދުމުން ޑްރައިވަރު ނެތިގެން، ފުލުހުންގެ އެހީއަށް އެދެން ޖެހުމުން ފަރުވާ ލަސްވުން

- ބަލިވެ އިންތިހާ 34 ހަފްތާ ވެފައި އިންދައި ކެއްސުމަށް ދިން ބޭހުގައި ގިނަ ސައިޑް އިފެކްޓްތަކެއް ހުރުން

އެކަމަކު ހެލްތު މިނިސްޓްރީގެ ސިޓީގައި ބުނެފައި ވަނީ ރަޝްފާއަށް ދިން ބޭސް މާބަނޑު ދުވަސްވަރު ވެސް ދެވިދާނެ ކަމަށެވެ.

ފުވައްމުލަކަށް ނިސްބަތްވާ ރަޝްފާ މީގެ އަހަރެއްހާ ދުވަސް ކުރިން މާފުއްޓަށް ދިރިއުޅުން ބަދަލުކުރީ އެރަށު ފިރިހެނަކާ ކައިވެނިކޮށްގެންނެވެ.