Roadha Mihaaru
ބިޒްނަސް ވިސާގެ ހިދުމަތް އައްޑޫގައި ތައާރަފުކޮށްފި

ބިޒްނަސް ވިސާގެ ހިދުމަތް އައްޑޫގައި ތައާރަފުކޮށްފި

31 ޖެނުއަރީ 2019

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބިޒްނަސް ވިސާގެ ހިދުމަތް އައްޑޫގައި މިއަދު ތައާރަފުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބިޒްނަސް ވިސާގެ ހިދުމަތް އައްޑޫގައި މިއަދު ތައާރަފުކޮށްފި އެވެ.

އެ ހިދުމަތް ތައާރަފުކޮށް ދެއްވީ އެކަމަށްޓަކައި ގަން އިންޓަނެޝަނަލް އެއާޕޯޓްގެ އިންޓަނެޝަނަލް ޓާމިނަލުގައި، އިމިގްރޭޝަން ކޮންޓޯލަރު މުހައްމަދު އަހުމަދު ހަސަން (ހަނަފީ) އާ އެކު ބޭއްވި ރަސްމިއްޔާތެއްގައި އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.

ބިޒްނަސް ވިސާ ތައާރަފުކޮށް ދެއްވުމަށް ފަހު އޭނާ ވިދާޅުވީ މި ހިދުމަތް އައްޑޫން ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ސޯބެ ވިދާޅުވި ގޮތުގައި ބިޒްނަސް ވިސާގެ ހިދުމަތް އައްޑޫން ލިބިގެން ދިއުމުން ތަފާތު އެކި ކަހަލަ ވިޔަފާރިތަކަށް ވެސް މަގުހުޅުވި، ދަތުރުފަތުރު ކުރާ މީހުންނަށް ލިބިގެން ދާނެ ވަރަށް ބޮޑު ފަސޭހައަކަށްވެގެން ދާނެ އެވެ.

ބިޒްނަސް ވިސާ ތައާރަފު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއން. ފޮޓޯ/ އަހުމަދު އަދުޝަން

ބިޒްނަސް ވިސާ ތައާރަފު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއން. ފޮޓޯ/ އަހުމަދު އަދުޝަން

ބިޒްނަސް ވިސާ އައްޑޫގައި ތައާރަފު ކުރި ނަމަވެސް، ވޯކް ވިސާގެ ހިދުމަތް އައްޑޫ ނުލިބުމަކީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެއް ކަމަށް ސޯބެ ވިދާޅުވި އެވެ. އަދި އެ ހިދުމަތް ވެސް ކައިރި މުސްތަގުބަލެއްގައި އައްޑޫން ލިބޭނެ އިންތިޒާމު އިމިގްރޭޝަނުން ހަމަޖައްސައިދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

އިމިގްރޭޝަން ކޮންޓްރޯލް ހަނަފީ ވިދާޅުވީ އެ މުއައްސަސާގެ އަމާޒަކީ ރައްޔިތުންނަށް ދަތިވާ ހިދުމަތްތައް ފަސޭހަ އިން ލިބޭނެ ގޮތް ހަމަޖައްސައި ދެއްވުން ކަމަށާއި އިމިގްރޭޝަނުގެ އަމާޒަކީ އެ ތަނުގެ ހުރިހާ ހިދުމަތްތަކެއް ވެސް ފަސޭހަކޮށް ލިބި އަދި އޭގެ މައުލޫމާތުތައް ވެސް ވީހާ ވެސް ފަސޭހަކޮށް ފޯރުކޮށް އިންތިޒާމު ހަމަޖެއްސުން ކަމަަށެވެ.

އެޕްލައި ކުރާތާ 48 ގަޑިއިރުގެ ތެރޭގައި ބިޒްނަސް ވިސާ ލިބޭނެ

"އިމިގްރޭޝަނުގެ މަސްއޫލިއްޔަތު ވަރަށް ވެސް ބޮޑު. އަޅުގަނޑުމެންގެ އަމާޒަކީ ރައްޔިތުންގެ އެކްސްޕެކްޓޭޝަން އަޅުގަނޑުމެން ސާވިސްތަކަށް އޮތުން،" ހަނަފީ ވިދާޅުވި އެވެ. "އަޅުގަނޑުމެން މި ބަލަނީ ރައްޔިތުންނަށް ދަތިވާ ދިމާލަށް ދެމިގަނެ، އިވެލުއޭޓްކޮށް އެކަންކަމަށް އެންމެ އަވަސް މުސްތަގުބަލެއްގައި ހަރުދަނާ ފަސޭހަތަކެއް ލިބިދޭނެ ގޮތްތަކެއް ހޯދައި ދިނުން."

ހަނަވީ ވިދާޅުވި ގޮތުގައި ބިޒްނަސް ވިސާ އަށް އެޕްލައި ކުރާތާ ދެ ދުވަހުގެ ތެރޭގައި އޭގެ އިންތިޒާމުތައް ހަމޖެހިގެން ދާނެ އެވެ. އަދި މި ހިދުމަތާ ބެހޭ މައުލޫމާތު ސޯޝަލް މީޑިއާ މެދުވެރިކޮށް ވަރަށް ބޮޑަށް ފޯރުކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"އެޕްލައި ކުރާތާ ސާޅީސް އަށް ގަޑިއިރުގެ ތެރޭގައި އަޅުގަނޑުމެން ބިޒްނަސް ވިސާ ޕްރޮސެސްކޮށް ދޭނަން،" އޭނާ ވިދާޅުވި އެވެ.

ހަނަފީ ވިދާޅުވީ އައްޑޫގައި ބިޒްނަސް ވިސާ ފުރަތަމަ ތައާރަފު ކުރަން ނިންމީ އެކަމަށް ކުރިން ވެސް އިމިގްރޭޝަނުން ތައްޔާރީތަކެއް ވެސް ވެފައި އޮތުމުންނެވެ. އަދި ހިދުމަތްތައް ފޯރުކޮށްދިނުމުގައި ޑިމާންޑަށް ވެސް ބަލާނެ ކަމަށް ވިދާޅުވި އެވެ.

ބިޒްނަސް ވިސާ ތައާރަފު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއން. ފޮޓޯ/ އަހުމަދު އަދުޝަން

ބިޒްނަސް ވިސާ ތައާރަފު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއން. ފޮޓޯ/ އަހުމަދު އަދުޝަން

"ކޮންމެ ކަމެއް ވެސް އަޅުގަނޑުމެން އިވެލުއޭޓްކޮށްފައި އެކަމަކަށް އެންމެ ޑިމާންޑް ވެސް ބޮޑު ހިސާބެއް ބަލާފައި އަޅުގަނޑުމެން ހިދުމަތްތައް ފައްޓަނީ،" ހަނަފީ ވިދާޅުވި އެވެ. "އެގޮތުން ބެލިއިރު އައްޑޫން މި ހިދުމަތް ފެށުމަކީ އެންމެ އެކަށީގެންވާ ކަމެއް ކަމަށް ލަފާ ކުރެވެނީ. އޭގެ އިތުރުން ކުރިން ވެސް މި ހިދުމަތް [އައްޑޫން ދޭން] އޮތީ ތައްޔާރީތަކެއް ވެފައި."

ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެން ދިމަދިލާމުން ވެސް ބިޒްނަސް ވިސާގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވާނެކަން ފާހަގަކޮށް، ކޮންޓްރޯލަރު ވިދާޅުވީ މާ ލަސްތަކެއް ނުވެ އައްޑޫގައި ވޯކް ވިސާގެ ހިދުމަތް ވެސް ތައާރަފު ކުރާނެ ކަމަށެވެ.