Roadha Mihaaru
މަޖިލީހުގެ ރައީސް ކަމަށް ޝައުގެއް ނެތް: ނަޝީދު

މަޖިލީހުގެ ރައީސް ކަމަށް ޝައުގެއް ނެތް: ނަޝީދު

24 ޖެނުއަރީ 2019

ރައްޔިތުން މަޖިލީހުގެ ރައީސްކަން ކުރެއްވުމުގެ ޝައުގުވެރިކަން ނެތް ކަމަށް މައްޗަންގޯޅި މެދު ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައްޔިތުން މަޖިލީހުގެ ރައީސްކަން ކުރެއްވުމުގެ ޝައުގުވެރިކަން ނެތް ކަމަށް މައްޗަންގޯޅި މެދު ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ނަޝީދު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވަން ކަމަށެވެ. އެއީ ކުރިން ވެސް އެމަނިކުފާނު ޝައުގު ހުރި ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމަކަށް އަބަދުވެސް ތާއީދު ކުރައްވާ ނަޝީދު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ މަޖިލީހުގެ މެމްބަރުކަން ހޯއްދަވައި، ރާއްޖޭގެ ވެރިކަން ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ކަމަށް އެތައް ބަޔަކު ތުހުމަތު ކުރެ އެވެ. އަދި އެއަށް ފަހު މަޖިލީހުގެ ރައީސްކަން ހޯއްދަވައިގެން ނަޝީދު ބޭނުންފުޅު ވަނީ ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ކަމަށް ވެސް އަޑުތައް ވަނީ ފެތުރިފަ އެވެ.

މަޖިލީހުގެ ރައީސްކަން ބޭނުންފުޅުތޯ ޕްރެޒެންޓަރު ސުވާލު ދެންނެވުމުން ނަޝީދު ވިދާޅުވީ "ނޫން އަޅުގަނޑު މަޖިލީހުގެ ރައީސްކަން ކުރަން ޝައުގުވެރިކަމެއް ނެތް" ކަމަށެވެ.

ނަޝީދު އެގޮތަށް ވިދާޅުވެފައިވާއިރު ސަރުކާރު ހިންގާ ކޯލިޝަންގެ ދެބަސްވުންތަކުގެ ސަބަބުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ގެންދަވަނީ ނަޝީދަށާއި އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ކުރީގެ ރައީސުންނަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ނުވެވޭ ގޮތަށް ގާނޫނުއަސާސީ އަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މިއަދު ވަނީ އިސްލާހެއް ވެސް ހުށަހަޅުއްވާފަ އެވެ. އެއީ، މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ ފަރާތަކަށް ނުވުމެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ މެމްބަރުކަމުގެ ޝަރުތުތަކުގެ ތެރޭގައި ކުރީގައި ރައީސްކަން ކޮށްފައި ބޭފުޅަކަށް ފުރުސަތު ނޯންނަ ކަމަށް ބުނެފައިނުވާތީ އެމަނިކުފާނަށް ވެސް އެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންކަމުން އެ މަނިކުފާނަށް މަޖިލީހަށް ކުރިމަތިނުލެވޭނެ ކަމަށް ދައްކާ ވާހަކައަކީ ގާނޫނުއަސާސީއާ ހިލާފު ވާހަކައެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

މަޖިލިސް އިންތިޚާބަށް އެމްޑީޕީގެ ޓިކެޓް ހޯދުމަށް ބޭއްވި ޕްރައިމަރީގެ ކެމްޕެއިނުގައި ނަޝީދު ވަނީ ވިޔަފާރިވެރިންގެ ކިބައިން މަޖިލިސް ސަލާމަތް ކުރަން ޖެހޭ ކަމަށާއި ކުރިއަށް އޮތް މަޖިލީހަކީ ރިޝްވަތުގެ ފައިސާ ހޯދައިގެން ވިޔަފާރިކުރުން ހުއްޓުވާނެ މަޖިލީހެއް ކަމަށް ވިދާޅުވެފަ އެވެ.

އެކަން ކުރައްވާނެ ގޮތާގުޅޭގޮތުން ނަޝީދު ވިދާޅުވީ މަޖިލީހުގެ ހިންގާ ގަވައިދު ބަދަލު ކުރައްވާނެ ކަމަށެވެ. އެ ޑްރާފްޓް ތައްޔާރުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. މެމްބަރުންގެ އަމަލުތައް ދެފުށްފެންނަ ގޮތަށް ބަދަލު ކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މާލީ ބަޔާން ހުށަހެޅުމޭ މިބުނެވެނީ އެ މީހާގެ މާލީ ހުރިހާ މުއާމަލާތެއް މަޖިލީހަށް އެނގެންޖެހޭނެ. އެއީ ކިތަންމެ ބޮޑު ވިޔަފާރިވެރިއަކަށް ވިޔަސް. ހަމައެކަނި މަޖިލިސް މެމްބަރަކަށް އިންނެވި ބޭފުޅަކަށް ވިޔަސް ވެސް،" ނަޝީދު ވިދާޅުވި އެވެ.

"މުޅިން އެކީ އެކައްޗަކަށް ނުރަނގަޅު ކަންކަން ކުރުން ހުއްޓުވައެއް ނުލެވޭނެ. އެކަމަށް އަޅުގަނޑު ވެސް އެއްބަސް. އެހެން ނަމަވެސް މިހާރު އެ ކަންކަން އޮތް މިންވަރުގައި އޮންނާކަށް ނުޖެހޭ. އެއަށްވުރެ އެތައްތަނަކުން އަޅުގަނޑުމެނަށް ކަންކަން ރަނގަޅު ކުރެވޭނެ."

އެމްޑީޕީގެ ޕްރައިމަރީގައި ވަކި ބަޔަކު ހޮވުމަށް ކެމްޕެއިން ކުރިންތޯ އެހުމުން ނަޝީދު ވިދާޅުވީ ހިންގާ ގަވައިދު އެކަމަށް ހުރަސް ނާޅާ ކަމަށެވެ. އެކަން އެގޮތަށް އޮތް ނަމަވެސް އެ ޕާޓީގެ ޕްރައިމަރީއަކީ އިންސާފުވެރި އިންތިޚާބެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.