Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

20 ޖެނުއަރީ 2019

މި މަހުގެ 25 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ކަންގަނާ ރަނާވަތުގެ ތާރީހީ ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އިންޑިއާގެ ރައީސް ޝްރީ ރާމް ނާތު ކޯވިންދަށް ހުކުރު ދުވަހު ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ 25 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ކަންގަނާ ރަނާވަތުގެ ތާރީހީ ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އިންޑިއާގެ ރައީސް ޝްރީ ރާމް ނާތު ކޯވިންދަށް ހުކުރު ދުވަހު ދައްކާލައިފި އެވެ.

ރައީސަށް ހާއްސަކޮށްގެން ރައީސްގެ ރަސްމީ ގެކޮޅު ރާޝްތުރަޕަތީ ބަވަންގެ ކަލްޗްރަލް ސެންޓަރުގައި ބޭއްވި ސްކްރީނިންގައި ފިލްމުގެ ޓީމްގެ އިސް ބައެއް މީހުން ބައިވެރި އެވެ.

އޭގެ ތެރޭގައި ބަތަލާ އަދި ޑައިރެކްޓަރު ކަންގަނާ އާއި ސްކްރީން ރައިޓަރު ކޭވީ ވިިޖެންދުރަ ޕްރަސާދާއި ފިލްމުގެ ލަވަތަކުގެ ޅެންތައް ހެދި ޕްރަސޫން ޖޯޝީ ހިމެނެ އެވެ. "މަނިކަރްނިކާ" އަކީ އިންޑިއާގެ ކުރީގެ އަންހެން ހަނގުރާމަވެރިޔާ ރާނީ ލަކްޝްމީބާއީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

މި ފިލްމުގެ ޓައިޓްލް ރޯލު ކަންގަނާ ކުޅެފައިވާ އިރު މީގެ ޑައިރެކްޝަނުގައި އޭނާއާ އެކު އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގެ ކުޅަދާނަ ޑައިރެކްޓަރު ކްރިޝް ހިއްސާވެ އެވެ.

"މަނިކަރްނިކާ" އަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ.

ސޮނާކްޝީ އަށް އިތުރު ފިލްމެއް

މިހާރު "މިޝަން މަންގަލް" ގެ މަސައްކަތް ކުރަމުން އަންނަ ބަތަލާ ސޮނާކްޝީ ސިންހާ އަނެއްކާ ވެސް އައު ފިލްމަކަށް ސޮއިކޮށްފި އެވެ.

މި ފަހަރު އޭނާ ސޮއި ކުރި ފިލްމުގެ ނަން އަދި ރަސްމީކޮށް އަދި އިއުލާން ނުކުރި ނަމަވެސް މީގެ މައިގަނޑު ކާސްޓް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. މި މަހުގެ 25 ވަނަ ދުވަހު ޕަންޖާބްގެ ހޮޝިޔާރުޕޫރްގައި ޝޫޓިން ފަށަން ނިންމާފައިވާ މި ކޮމެޑީގެ ތަރިންގެ ތެރޭގައި ވަރުން ޝަރުމާ، ކުލްބުޝަން ކަރްބަންދާ، އައްނޫ ކަޕޫރް އަދި ނާދިރާ ބައްބަރު ހިމެނެ އެވެ.

ޓީ ސީރީޒްގެ ބުޝަން ކުމާރާއި މަހާވީރު ޖެއިން ޕްރޮޑިއުސް ކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ޝިލްޕީ ދާސްގުޕްތާ އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ގޯތަމް މެހެރާ އެވެ.

މި އަހަރު ރިލީޒް ވާނެ ސޮނާކްޝީގެ ފުރަމަ ފިލްމަކީ އެޕްރީލް 19 ގައި ގެނެސްދޭ ޕީރިއަޑް ޑްރާމާ "ކަލަންކް" އެވެ. އެކަމަކު އަންނަ މަހުގެ 22 ގައި ރިލީޒް ކުރާ "ޓޯޓަލް ދަމާލް" ގެ ހާއްސަ ލަވައަކުން އޭނާ ފެނިގެން ދާނެ އެވެ.

"ޕަތީ ޕަތުނީ އޯރް ވޯ" ގެ ކާސްޓް ފައިނަލްކޮށްފި

އަންނަ މަހު ޝޫޓިން ފަށާ ކުރީގެ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ" ގެ ފައިނަލް ކާސްޓް ކަށަވަރުކޮށް ދިނުމަށް ފަހު، އަންނަ މަހު ފިލްމުގެ ޝޫޓިން ފަށަން ނިންމައިފި އެވެ.

ކުރީގެ ފިލްމުގައި ސަންޖީވް ކަޕޫރް ކުޅުނު ރޯލް އައު ފިލްމުގައި ކުޅޭނީ ކާތިކް އާރިޔަން އެވެ. އަދި އޭނާގެ އަންހެނުން ވިދިޔާ ސިންހާގެ ރޯލް ކުޅޭނީ ބޫމީ ޕެޑްނޭކަރް އެވެ. ސަންޖީވް ލޯބީގެ ސިއްރު ގުޅުމެއް ބާއްވާ އޮފީސް ސެކްރެޓަރީގެ ރޯލުން ފެނިގެން ދާނީ އަންނަ މެއި މަހުގެ 10 ވަނަ ދުވަހު ރިލީޒް ކުރާ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ތައާރަފުވާ ބަތަލާ އަނަންޔާ ޕާންޑޭ އެވެ.

"ޕަތީ ޕަތުނީ އޯރް ވޯ" ގެ ރިމެކްގެ ޑައިރެކްޓަރަކީ މުދައްސަރު އަޒީޒެވެ. އަދި މީގެ ޕްރޮޑިއުސަރުންނަކީ ބުޝަން ކުމާރާއި ޖޫނޯ ޗޯޕްޅާ އެވެ.

"83" ގެ ޝޫޓިން މެއިގައި

އިންޑިއާ އިން 1983 ގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކުރި ހާދިސާ އަށް ބިނާކޮށް ކަބީރު ހާން ޑައިރެކްޓް ކުރާ ފިލްމު "83" ގެ ޝޫޓިން އަންނަ މަހު މެއި ފަށާ ގޮތަށް ނިންމައިފި އެވެ.

ކަބީރު ބުނި ގޮތުގައި މެއި މަހުން އޮގަސްޓް މަހާ ހަމައަށް ފިލްމުގެ މަންޒަރުތައް ލަންޑަނުގައި ޝޫޓް ކުރުމަށް ފަހު، އިންޑިއާގައި ވެސް މަންޒަރުތަކެއް ނަގާނެ އެވެ.

މި ފިލްމުގައި އޭރު ޓީމްގެ ކެޕްޓަނަކަށް ހުރި ކަޕިލް ދޭވްގެ ރޯލް ރަންވީރު ސިންގް ކުޅޭ އިރު، އޭނާ އަންނަނީ މިހާރު ފިލްމަށް ތައްޔާރު ވެސް ވަމުންނެވެ. އެގޮތުން ޒުވާން އެކްޓަރު ވަނީ ކްރިކެޓްގެ ތަމްރީނުތަކެއް ފަށައިފަ އެވެ.

"83" އާ ބެހޭ ގޮތުން ކަބީރު ބުނީ މި ފިލްމުގައި ލިޕް-ސިިންކް ކުރާ ކަހަލަ ލަވަތަކެއް ނުހިމެނުނު ނަމަވެސް ފިލްމުގައި ރީތި ލަވަތަކެއް ހިމެނޭނެ އެވެ. މީގެ މިއުޒިކް ހަދައި ދެނީ ޕްރިތަމް އެވެ. "83" ރިލީޒް ކުރާނެ ތާރީހެއް އަދި ކަށަވަރު ނުވިޔަސް، މި އަހަރު ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެ އެވެ.

"ބާބާޖީ ގަރްޕަރް ހޭ" ގެ ސޯމިއާ އަށް ފިރިހެން ކުއްޖެއް

ޒީޓީވީން ދައްކާ ކޮމެޑީ ސިލްސިލާ "ބާބީޖީ ގަރްޕަރް ހޭ" ގެ ބަތަލާ ސޯމިއާ ޓަންޑަން ފިރިހެން ކުއްޖަކު ވިހައިފަ އެވެ.

ފޭނުން މިހާރު އޭނާގެ ދަރިފުޅުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރާނެ ވަގުތަކަށް އިންތިޒާރު ކުރަމުން އަންނަ އިރު، 35 އަހަރުގެ ބަތަލާ އަލަތު ދަރިފުޅު ވިހެއީ ހުކުރު ދުވަހު އެވެ. ސޯމިއާ ބަލިވެއިންކަން ފޭނުންނާ ހިއްސާ ކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

އޭގެ ފަހުން އޭނާ ގެންދިޔައީ މާބަނޑު ދުވަސްވަރުގެ އެކިއެކި ފޮޓޯތަކާއި ވީޑިއޯ އިންސްޓަގްރާމްގައި ހިއްސާ ކުރަމުންނެވެ.

ފިލްމު "ޖަބް ވީ މެޓް" އާއި ސިލްސިލާތައް ކަމަށްވާ "އެއިސާ ދޭސް ހެ މޭރާ" އާއި "މޭރީ އާވާޒް ކޯ މިލްގައީ ރޯޝްނީ" ފަދަ އުފެއްދުންތަކުގައި މަސައްކަތްކޮށްފައިވާ ބަތަލާ ކައިވެނި ކުރީ 2016 ގަ އެވެ.