Roadha Mihaaru
ހުޅުމާލެ ބީޗްގައި ކެފޭ ހިންގަނީ ހުއްދަ ނެތި

ހުޅުމާލެ ބީޗްގައި ކެފޭ ހިންގަނީ ހުއްދަ ނެތި

24 ޑިސެމްބަރ 2018

ހުޅުމާލޭ ބީޗުގައި ކެފޭތައް ހިންގަނީ އެޗްޑީސީގެ ހުއްދަ ނެތި ކަމަށާއި، އަންނަ މަހުގެ ނިޔަލަށް ބީޗު ސަރަހައްދު ހުސްކޮށް އެ ތަންތަން އާންމުންނަށް ބޭނުންކުރެވޭ ގޮތް ހަދަން އިކޮނޮމިކް މިނިސްޓްރީން އެޗްޑީސީގައި އެދެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހުޅުމާލޭ ބީޗުގައި ކެފޭތައް ހިންގަނީ އެޗްޑީސީގެ ހުއްދަ ނެތި ކަމަށާއި، އަންނަ މަހުގެ ނިޔަލަށް ބީޗު ސަރަހައްދު ހުސްކޮށް އެ ތަންތަން އާންމުންނަށް ބޭނުންކުރެވޭ ގޮތް ހަދަން އިކޮނޮމިކް މިނިސްޓްރީން އެޗްޑީސީގައި އެދެފި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލެ ބީޗް ގައި ހިންގާ ކެފޭތަކުގެ މައްސަލަ ބެލި އިރު އެތަން ތަން ހިންގަނީ އެޗްޑީސީގެ ހުއްދަ ނެތިކަން އެނގިފައިވާ ކަމަށެވެ. އެހެންވެ، އަންނަ ޖެނުއަރީ 31 ގެ ކުރިން ބީޗު ހުސްކޮށް، އާންމުންނަށް އެ ތަން ފުރިހަމަޔަށް ބޭނުންކުރެވޭނެ ގޮތް ހަދަން ފައްޔާޒް ވަނީ އެދިވަޑައިގެންފަ އެވެ.

މިނިސްޓަ ފައްޔާޒު މިހެން ވިދާޅުވެފައި މި ވަނީ ހުޅުމާލެ ގެސްޓްހައުސްތަކުން ވިޔަފާރީގެ ބޭނުންތަކަށް ބީޗު ބޭނުންކުރާ މައްސަލަ ބޮޑުވެ އާންމުންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.

ފާޑުކިޔާ މީހުން ބުނަނީ ބީޗް ސަރަހައްދު މިހާރު ވަނީ ކެފޭތަކާއި ރެސްޓޯރެންޓްތަކުން ހިސޯރުކޮށްފައި ކަމަށާއި ބީޗު ސަރަހައްދަކީ އެންމެންނަށް އެއް ހަމައެއްގައި ބޭނުންކުރެވޭ ތަނަކަށް ހަދަންޖެހޭ ކަމަށެވެ.

އަނެއް ބަޔަކު ވަނީ ބީޗުގައި ހުރި ގަސްތައް ނަގައި އެތަން ސާފުކޮށްގެން ވިޔަފާރިއަށް ބޭނުންކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.

އާންމުންގެ ޝަކުވާ ބޮޑުވިޔަސް މިކަމާ އެޗްޑީސީން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.