Roadha Mihaaru
ކޮރަޕްޝަން ހާމަކުރާ މީހާ އަށް ފިޔަވަޅު އަޅާނަމަ ޖަލަށް

ކޮރަޕްޝަން ފަޅާ އަރުވާލާ މީހުންނަށް ފިޔަވަޅު އަޅާ ނަމަ، ޖަލު ހުކުމެއް

10 ޑިސެމްބަރ 2018

ޚިޔާނާތާއި ކޮރަޕްޝަން ފަޅާ އަރުވާލާ މީހުންނާ ދޭތެރޭގައި ބަދަލުހިފުމުގެ ގޮތުން އެއްވެސް ކަމެއް ކުރާ ނަމަ އެކަން ކުރާ މީހަކަށް ބޮޑެތި އަދަބުތަކެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި "ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ބިލް"ގައި ހިމަނައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޚިޔާނާތާއި ކޮރަޕްޝަން ފަޅާ އަރުވާލާ މީހުންނާ ދޭތެރޭގައި ބަދަލުހިފުމުގެ ގޮތުން އެއްވެސް ކަމެއް ކުރާ ނަމަ އެކަން ކުރާ މީހަކަށް ބޮޑެތި އަދަބުތަކެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި "ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ބިލް"ގައި ހިމަނައިފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މިއަދު ހުށަހެޅި ބިލްގައިވާ ގޮތުން، ވިސްލްބްލޯ ކުރުމުން ނުވަތަ ކުރަން އުޅުމުން ނުވަތަ މިއިން ކަމެއްކޮށްފި ކަމަށް ހީކޮށް ބަދަލު ހިފުމުގެ ގޮތުން އެއްވެސް މީހަކާ ދޭތެރޭގައި ފިޔަވަޅު އަޅައިގެން ނުވާނެ އެވެ. އަދި ބިލު ފާސްވެ، ގާނޫނަކަށް ވެއްޖެނަމަ، ކުށުގެ އަދަބަކީ ހަ މަސް ދުވަހާއި ފަސް އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭބަންދު ކުރުން ކަމަށް ބިލްގައިވެ އެވެ.

ކޮރަޕްޝަން ފަޅާ އަރުވާލާ މީހުންނަށް ހިމާޔަތް ލިބޭ ގޮތަށް އޮތް ބިލް ހުށަހެޅުމުގެ ބޭނުމަކީ އީވާ ވިދާޅުވި ގޮތުގައި، ދައުލަތުގެ އިދާރާތަކުގަ އާއި އަމިއްލަ ފަރާތްތަކުގައި ހިނގާ ކޮރަޕްޝަނާއި އެ ނޫން ވެސް ނޭދެވޭ އަމަލުތައް ހުއްޓުވުމެވެ. އަދި އެތަންތަނަކީ ދެފުށް ފެންނަ، ނަޒާހާތްތެރި ޖަވާބުދާރީވަނިވި، ސަގާފަތެއް އަށަގެންނެވުން ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

ވިސްލްބްލޯގެ ގޮތުގައި ހުށަހެޅޭނެ ކަންކަމުގެ ތެރޭގައި ގާނޫނީ ޒިންމާއެއް އަދާނުކުރުމާއި އިންސާނީ ހައްގަކާ ހިލާފު އަމަލެއް ހިންގުމާއި ބައިނަލްއަގުވާމީ އިންސާނިއްޔަތުކަމުގެ ގާނޫނަކާ ހިލާފު ކަމެއް ކުރުމާއި ކޮރަޕްޝަންގެ އަމަލެއް ހިންގުމާއި ސިއްހަތަށް ނުވަތަ ރައްކާތެރި ކަމަށް ނުރައްކަލެއް އަދި ތިމާވެއްޓަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ކުރުމާއި ދައުލަތުގެ މަގާމު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި އަދުލު އިންސާފަށް ހުރަސް އެޅުމާއި ވަސީލަތެއް ބޭރު ކުރުމާއި ވިސްލްބްލޯ ކުރުމުން ބަދަލު ހިފުން ހިމެނެ އެވެ.

ބިލްގައިވާ ގޮތުން ވިސްލްބްލޯ ކުރުމުން ނުވަތަ ކުރަން އުޅުމުން، ނުވަތަ މިއިން ކަމެއް ކޮށްފި ކަމަށް ހީކޮށް، ބަދަލު ހިފުމުގެ ގޮތުން އެއްވެސް މީހަކާ ދޭތެރޭ ފިޔަވަޅެއް އަޅައިގެން ނުވާނެ އެވެ.

ބަދަލު ހިފުން ކަމަށް ބިލްގައި ބެލޭނެ ކަންކަން:

- ވަޒީފާ އިން ވަކި ކުރުމާއި ޒިންމާތަކުން އެކަހެރިކުރުން.

- މަސައްކަތުގެ ގަޑި މަދު ކުރުމާއި ޕްރޮބޭޝަންގައި ބެހެއްޓުން.

- އަދަބެއް ދިނުމުގެ ގޮތުން ވަޒީފާއާ ގުޅޭ އެއްވެސް އިނާޔަތެއް ނުދިނުން.

- އިނާޔަތަކާ މެދު ގޮތެއް ނިންމުން ލަސް ކުރުމާއި އިނާޔަތްތައް ދަށް ކުރުން.

- ގެއްލުން ދިނުމާއި ބިރު ދެއްކުމާއި އިންޒާރު ދިނުން.

ބިލުގައި ބުނެފައި ވަނީ ބަދަލު ހިފުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްފިނަމަ، އެ މައްސަލައެއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ފުރުސަތު، ހައްގު ގެއްލުނު މީހާ އަށް ލިބިގެންވާ ކަމަށެވެ.

ނަމަވެސް ބަދަލު ހިފުމުގެ މައުލޫމާތު ބިނާކޮށްފައިވާ ހާދިސާ ހިނގާ ތާރީހުން ފެށިގެން ގިނަވެގެން ދެ އަހަރު ދުވަހުގެ ތެރޭގައި ބަދަލުހިފުމުގެ މައުލޫމާތު ހުށަނާޅައިފި ނަމަ، އެ މައުލޫމާތު ބަލައިނުގަތުމުގެ އިހްތިޔާރު މައުލޫމާތު ބަލައިގަންނަ ފަރާތަށް ލިބިގެންވާ ކަމަށް ވެސް ބިލްގައިވެ އެވެ.

ބަދަލުހިފުމުގެ ގޮތުން ކުރާ ކަމެއް ހުއްޓުވުމަށް ވަގުތުން ފިޔަވަޅު ނާޅައިފިނަމަ، ގެއްލުން ލިބޭ މީހާއަށް އިއާދަކުނުކުރެވޭ ގެއްލުމެއް ލިބިދާނެ ކަމަށް ގަބޫލު ކުރެވިއްޖެނަމަ، އެ ގެއްލުން ލިބުނަ ނުދިނުމުގެ ގޮތުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އެކި ފަރާތްތަކަށް އެންގުމުގެ ބާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ލިބިގެންވެ އެވެ.

ވިސްލްބްލޯ ކުރާ ފަރާތުން ވިސްލްބްލޯ ކުރުމުގެ ގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކުރާ ނުވަތަ ނުކޮށް ދޫކޮށްލާ ކަމެއްގެ ސަބަބުން އެއްވެސް ޖިނާއީ ދައުވާއެއް ނުވަތަ މަދަނީ ދައުވާއެއް ނުކުރެވޭނެ އެވެ. އެކަމާ ގުޅިގެން އެއްވެސް އިދާރީ ފިޔަވަޅެއް ވެސް ނޭޅޭނެ ކަމަށް ބިލްގައިވެ އެވެ.

ބިލްގައި ވަނީ ވިސްލްބްލޯ ކުރުމާ އެކު ވިސްލްބްލޯ ކުރާ ފަރާތުގެ ނަމާއި އެޑްރެހާއި އުމުރާއި އާއިލާއާ ބެހޭ މައުލޫމާތާއި ވަޒީފާ އަދާކުރާ ތަނާއި މަގާމު ފަދަ މައުލޫމާތުތައް ސިއްރު ކުރަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ މައުލޫމާތެއް ހާމަކުރުމަކީ ކުށެއް ކަމަށާއި މި ކުށުގެ އަދަބަކީ ތިން މަސް ދުވަހާއި ފަސް އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ ގޭގައި ބަންދު ކުރުން ކަމަށް ބިލްގައިވެ އެވެ.

ތަހުގީގާ ގުޅޭ ލިޔުމެއް ނުވަތަ އެހެން ވެސް ހެއްކެއް ނައްތާލުން، ނުވަތަ ހެކި ބަސް ދީފާނެ މީހަކަށް ބިރު ދެއްކުން، ނުވަތަ ނުފޫޒެއް ފޯރުވުމަކީ ކުށެއް ކަމަށާއި މި ކުށުގެ އަދަބަކީ ވެސް ތިން މަސް ދުވަހާއި ފަސް އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދު ކުރުން ކަމަށް ބިލްގައިވެ އެވެ.

ބިލްގައި ވަނީ އެއްވެސް ކުށެއް ކުރުމުގައި އެއްވެސް މީހެއްގެ ނަފްސަށް ނުވަތަ މުދަލަށް ގެއްލުމެއް ދީފިނަމަ، ގެއްލުން ދިން ފަރާތުން ގާނޫނާއި ގަވައިދުގެ ދަށުން އުފުލަން ޖެހޭ އެހެހނިހެން މަސްއޫލިއްޔަތުތަކާއި ޒިންމާތަކަށް އެއްވެސް އުނިކަމެއް ނާންނަ ގޮތަށް އަދި ގާނޫނުގައި އެކުށަކަށް ކަނޑައަޅާފައިވާ އަދަބުގެ އިތުރުން ގިނަވެގެން ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލށްލުމަށް ނުވަތަ ގޭބަންދުކޮށް، އެ ފަރާތެއްގެ އަދަބު އިތުރު ކުރުމުގެ އިހްތިޔާރު ޝަރުއީ ކޯޓުތަކަށް ލިބިގެންވާ ކަމަށެވެ.

ވިސްލްބްލޯ ކުރާ މީހަކަށް ރައްކާތެރިކަން ދިނުމަށް މުއައްސަސާ އަށް ފެނިއްޖެނަމަ، އެ މީހަކަށް ވަކި ގޮތަކަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ދައުލަތުގެ ސަލާމަތީ ހިދުމަތަށް އެންގުމުގެ އިހްތިޔާރު މުއައްސަސާއަށް ލިބިގެންވާ ކަމަށް ބިލްގައިވެ އެވެ.

މި ބިލަށް އަމަލުކުރަން ފަށާތާ 90 ދުވަސް ހަމަވުމުގެ ކުރިން، ދައުލަތުގެ އިދާރާތަކުގައި އެ އިދާރާއެއްގެ އެތެރޭގައި ވިސްލްބްލޯ ކުރުމުގެ އިންތިޒާމު ހަމަޖައްސައި އެ އިންތިޒާމުތަކުގެ މައުލޫމާތު އެ ފަރާތުގެ މުވައްޒަފުންނަށް ދޭން ވާނެ އެވެ. އަދި ވިސްލްބްލޯ ކުރާ ފަރާތެއް ހުށަހަޅާ މައުލޫމާތެއް ރަޖިސްޓްރީ ކުރާ ދުވަހުން ފެށިގެން ގިނަވެގެން 21 ދުވަހުގެ ތެރޭގައި މައްސަލަ ތަހުގީގުކޮށް ނިންމަން ވާނެ އެވެ.

މީގެއިތުރުން ތަހުގީގް ފުރިހަމަ ކުރެވެން ނެތް ކަމަށް ފެނިއްޖެނަމަ، މި މުއްދަތު ހަމަވުމުގެ ގިނަވެގެން 48 ގަޑިއިރު ކުރިން ތަހުގީގް ފުރިހަމަ ކުރުމަށް އިތުރަށް ބޭނުންވާނެ 30 ދުވަހަށްވުރެ ދިގު ނޫން އިތުރު މުއްދަތެއް ކަނޑައަޅައި، އެކަން މައުލޫމާތު ހުށަހަޅާ މީހާ އަށް އަންގަންވާނެ އެވެ.

ބިލުގައި ބުނެފައި ވަނީ ތަހުގީގުގެ އަލީގައި އެއްވެސް މީހަކާ ދެކޮޅަށް ޖިނާއީ ދައުވާއެއް ކުރަން ޖެހޭ ކަމަށް ފެނިއްޖެނަމަ، އެކަމެއް ދައުލަތުގެ ފަރާތުން ދައުވާ ކުރުމުގެ ބާރު ލިބިގެންވާ މުއައްސަސާއަށާއި ޝަރުއީ ކޯޓުތަކަށް ހިއްސާ ކުރަން ވާނެ ކަމަށެވެ. މި ހާލަތުގައި ޝަރުއީ ކޯޓުތަކުން ހުކުމެއް ކުރުމުގެ ކުރިން ތަހުގީގު ރިޕޯޓު އާންމު ކުރެވޭނީ އެ ތަހްގީގަކާ ގުޅިގެން ކުރާ ދައުވާއަކަށް ހުރަސް ނޭޅޭނެ މިންވަރަކަށެވެ.