Roadha Mihaaru
ޗައިނާގެ އައިފޯނުން ޓެކްސް ނަގަން ޖެހިދާނެ: ޓްރަމްޕް

ޗައިނާގައި އުފައްދާ ނަމަ، އައިފޯނުން ވެސް ޓެކްސް ނަގަންޖެހިދާނެ: ޓްރަމްޕް

28 ނޮވެމްބަރ 2018

ޗައިނާ އިން އެމެރިކާ އަށް އެތެރެކުރާ މުދަލުން ޓެކްސް ނެގުމުގައި މިހާތަނަށް އައިފޯން އިސްތިސްނާ ކޮށްފައި އޮތަސް ވެސް، ޗައިނާގައި އުފައްދައިގެން އެމެރިކާ އަށް އެތެރެކުރާ އައިފޯނުތަކުން 10 ޕަސެންޓް ނުވަތަ 25 ޕަސެންޓްގެ ޓެކުހެއް ނަގަންޖެހިދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ޗައިނާ އިން އެމެރިކާ އަށް އެތެރެކުރާ މުދަލުން ޓެކްސް ނެގުމުގައި މިހާތަނަށް އައިފޯން އިސްތިސްނާ ކޮށްފައި އޮތަސް ވެސް، ޗައިނާގައި އުފައްދައިގެން އެމެރިކާ އަށް އެތެރެކުރާ އައިފޯނުތަކުން 10 ޕަސެންޓް ނުވަތަ 25 ޕަސެންޓްގެ ޓެކުހެއް ނަގަންޖެހިދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެޕަލްގެ އުފެއްދުންތަކުން ޓެކްސް ނެގުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވާނެތީ، އައިފޯނުން ވެސް ޓެކްސް ނަންގަވަނީތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، "ފަހަރެއްގައި، ފަހަރެއްގައި" ކަމަށެވެ. "އަގުތައް ހުރި ގޮތަށް ބަލާފައި 10 ޕަސެންޓް ޓެކުހެއް ނަގަންޖެހިދާނެ،" ޓްރަމްޕް ވިދާޅުވި އެވެ. "އެއީ މީހުންނަށް ބަލައިގަންނަން ފަސޭހަ މިންވަރެއް" ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕްގެ ވާހަކަތައް ހުރީ ޗައިނާ އިން އެތެރެކުރާ މޮބައިލް ފޯނުގެ ހުރިހާ ވައްތަރަކުން ވެސް ޓެކްސް ނަގާ ގޮތަށެވެ. އެހެން ނަމަވެސް، ޓްރަމްޕް ވިދާޅުވި ގޮތުގައި "ޓެކްސް ނުނަގައި ސަލާމަތްވެވެން އޮތް ހަމައެކަނި ގޮތަކީ، އެއީ އެމެރިކާގައި އުފައްދާ މުދަލަށް ވުން" ކަމަށެވެ.

"އަޅުގަނޑު ތިޔަ ބޭފުޅުންނަށް ގޮތެއް ކަނޑައެޅިން،" ޓްރަމްޕް ވިދާޅުވި އެވެ. "އެމެރިކާގައި ފެކްޓަރީތައް ހައްދަވާ. ޗައިނާގައި އުފެއްދުމުގެ ބަދަލުގައި ތިޔަ ބޭފުޅުންނަށް މި އޮތީ އެމެރިކާ،"

އައިފޯނަކީ އެމެރިކާގައި ޑިޒައިންކުރާ ފޯނެއް ނަމަވެސް، ކޮންޓްރެކްޓް އުސޫލުން ފެކްޓަރީތަކަށް މަސައްކަތް ހަވާލުކޮށް، ފޯނުތައް އުފައްދަނީ ޗައިނާގަ އެވެ. ޗައިނާގައި އުފެއްދުމުން ކުންފުނިތަކަށް އޮންނަ ފައިދާ އަކީ، މަސައްކަތުގެ އަގު ހެޔޮވުމެވެ. މި އުސޫލު ދޫކޮށްލައި އެމެރިކާގައި ފެކްޓަރީތައް ބިނާކޮށް މޮބައިލް ފޯނުތައް އުފައްދަން ފަށައިފި ނަމަ، މަސައްކަތުގެ އަގު ބޮޑުވެ އެންމެ ފަހުން ފޯނުތައް އަގު ބޮޑުކުރަން ޖެހުން ފަދަ ހާލަތްތައް މެދުވެރިވާނެ އެވެ.

ވިޔަފާރި ދިރާސާކުރާ މީހުން ދެކޭ ގޮތުގައި، ޗައިނާގައި އުފައްދައި އެތެރެކުރާ މޮބައިލް ފޯނުތަކުން ޓެކްސް ނެގުމަށް ވުރެ ވެސް އެމެރިކާގައި ފެކްޓަރީތައް ބިނާކުރަން ހިނގާ ޚަރަދު ބޮޑުވާނެ އެވެ. އަދި އެ ގޮތުގައި ކުރަންޖެހޭ ޚަރަދު، ދިގު މުއްދަތަކަށް ފަހު ވެސް ހަމައަކަށް ނޭޅި ހިނގައިދާނެ އެވެ.