Roadha Mihaaru
އެމިރޭޓްސްގެ ބޯޓުން ސަލާމަތްވި މީހަކަށް އެއް މިލިއަން ޑޮލަރު

އެމިރޭޓްސްގެ ވެއްޓުނު ބޯޓުން ސަލާމަތްވި މީހަކަށް އެއް މިލިއަން ޑޮލަރު

14 އޯގަސްޓް 2016

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ދުބާއީގެ އެއާޕޯޓަށް ކްރޭޝް-ލޭންޑްކުރަން ޖެހުމުން އަލިފާން ރޯވި ބޯޓުން ސަލާމަތްވި އިންޑިއާ މީހަކަށް ލޮޓަރީއެއް ކާމިޔާބުވެ އެއް މިލިއަން ޑޮލަރު ލިބިއްޖެ އެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ދުބާއީގެ އެއާޕޯޓަށް ކްރޭޝް-ލޭންޑްކުރަން ޖެހުމުން އަލިފާން ރޯވި ބޯޓުން ސަލާމަތްވި އިންޑިއާ މީހަކަށް ލޮޓަރީއެއް ކާމިޔާބުވެ އެއް މިލިއަން ޑޮލަރު ލިބިއްޖެ އެވެ.

މަތިންދާބޯޓުގައި ހިނގި ހާދިސާ އަށް ހަ ދުވަސް ފަހުން މިލިއަނަރަކަށްވި މުހައްމަދު ބަޝީރު އަބްދުލް ޚާދަރަކީ ކްރޭޝް-ލޭންޑުކުރި، 300 މީހުން ތިބި ބޯޓުގައި އިން މީހެކެވެ. ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގާ، ދުބާއީ ޑިއުޓީ ފްރީ މިލޭނިއަމް މިލިއަނަޔާ އިން ގަތް ޓިކެޓު ގުރުއަތުން ހޮވިގެން މިލިއަން ޑޮލަރު ލިބުނު ޚާދަރު ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ޗުއްޓީ އަށް ގައުމަށް ދާ ކޮންމެ ފަހަރަކު ވެސް ލޮޓެރީން ޓިކެޓެއް ގަންނަ ކަމަށާއި އެންމެ ފަހުން ގަތީ މިދިޔަ ފިތުރު އީދު ޗުއްޓީގައި ގައުމަށް ދިޔައިރު ކަމަށެވެ.

އިންޑިއާގެ ޓްރިވެންޓްރަމްގައި އުޅޭ ޚާދަރަށް ފައިސާ ލިބުނީ އޭނާ ގަތް 17 ވަނަ ޓިކެޓަށެވެ. ކާރު ވިއްކާ ތަނެއްގައި ވަޒީފާ އަދާކުރާ، އުމުރުން 62 އަހަރުގެ ޚާދަރަކީ އޭނާގެ ވަޒީފާއިން މަހަކު 8000 ދިރުހަމް (2،178 ޑޮލަރު، 145،212 އިންޑިއަން ރުޕީސް) ލިބޭ މީހެކެވެ. އެކަމަކު ވަރަށް ތުއްތުއިރު ވެއްޓި ވާގިނެތިފައިވާ، މިހާރު އުމުރުން 21 އަހަރުގެ ފިރިހެން ދަރިއެއްގެ ބޭސްފަރުވާ އަށް ބޮޑެތި ޚަރަދުތަކެއް ކުރަން ޖެހޭތީ އާމްދަނީން ދިރިއުޅުމުގެ ޚަރަދުތައް ހަމައެއް ނުޖެއްސެ އެވެ.

"މަތިންދާބޯޓުން ސަލާމަތްވީމަ ގަބޫލުކޮށްގެން މި ހުރީ ކަލާނގެ އަހަންނަން ދެ ވަނަ ފުރުސަތެއް ދެއްވީ ކަމަށް. މި ލިބުނު ފައިސާ ހިފައިގެން ގައުމަށް ގޮސް ކުރާނީ އެހެން މީހުންނަށް އެހީވުމުގެ މަސައްކަތް. ޚާއްސަކޮށް، ބަލިވެ އުޅޭ ކުޑަކުދިންނަށް އެހީވުން،" ޚާދަރު ބުނެފައިވެ އެވެ.

ޚާދަރު ބުނެފައި ވަނީ މިގޮތަށް ކިތަންމެ ބައިވަރު ފައިސާއެއް ލިބުނު ކަމުގައި ވިޔަސް އަމިއްލަ މަސައްކަތުން ފައިސާ ހޯދުން ހުއްޓާނުލާނެ ކަމަށާއި ވަޒީފާ އަދާކުރެވޭ ވަރުވާ ނަމަ ކިތަންމެ ދުވަހަކު ވެސް އެގޮތުގައި ހުންނާނެ ކަމަށެވެ. އޭނާ ބުނީ ބުރަ މަސައްކަތުން ހޯދާ އާމްދަނީ ފަދަ އެހެން އެއްޗެއް ނުހުންނާނެ ކަމަށެވެ.