Roadha Mihaaru
ބީޖީ ބަލިކޮށް ޓީސީ ދެ ވަނަ އަށް

ބީޖީ ބަލިކޮށް ޓީސީ ދެ ވަނަ އަށް

12 އޯގަސްޓް 2016

ބީޖީ ސްޕޯޓްސް އަތުން 3-1 އިން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމަށް ޓީސީ ސްޕޯޓްސް ކްލަބް އަރައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ބީޖީ ސްޕޯޓްސް އަތުން 3-1 އިން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމަށް ޓީސީ ސްޕޯޓްސް ކްލަބް އަރައިފި އެވެ.

މިދިޔަ އަހަރު ލީގުގައި އަލަށް ވާދަކޮށް ދެ ވަނަ މަގާމް ހޯދި ޓީސީ ތާވަލުގެ ދެ ވަނަ އަށް އެރީ 23 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް އީގަލްސް އަށް ވެސް 23 ޕޮއިންޓް ލިބިފައިވާއިރު، ޓީސީ އަށް ކުރި ލިބެނީ ޖެހި ލަނޑު ގިނަ ވުމުންނެވެ. ލީގުގައި މާދަމާ ހަވީރު ނިއު ރޭޑިއަންޓް އަތުން ބަލިނުވެ ފަރުޖައްސާލައިގެން އީގަލްސް އަށް އަލުން ދެ ވަނަ މަގާމަށް އެރުމުގެ ފުރުސަތު އެބައޮތެވެ. ތާވަލުގެ އެއް ވަނައިގައި 24 ޕޮއިންޓާ އެކު އޮތީ މާޒިޔާ އެވެ. ބީޖީ އޮތީ ހަތަރު ޕޮއިންޓާ އެކު ތާވަލުގެ ފުލުގަ އެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ނުދެ އެވެ. ޖުމްލަކޮށް ފުރަތަމަ ހާފުގައި ބީޖީ ރަނގަޅަށް ކުޅުނު ނަމަވެސް ގޯލް ޖަހާނެ ރަނގަޅު ފުރުސަތު ލިބުނީ ޓީސީ އަށެވެ. ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ޓީސީގެ އަލީ ނާފިއު (ކަޅޭ) ފޮނުވާލި ބޯޅަ ބީޖީގެ ގޯލްކީޕަރު ހަނީފް ސާގިބް ބްލޮކްކޮށް ފޮނުވާލުމުން ނާފިއުގެ ގައިގައި ޖެހިފައި ގޯލަށް ނުވަދެ ދިޔައީ ކިރިޔާ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ޓީސީގެ އަލީ ފާސިރު (ސެންޓޭ) ނުރައްކާތެރި ހިލޭ ޖެހުމެއް ފޮނުވާލި އިރު، ބީޖީ ކީޕަރު އެ ބޯޅަ މަތަކުރި އެވެ.

ޓީސީން ލީޑު ނެގީ 57 ވަނަ މިނެޓުގަ އެވެ. ޝަމްވީލް ގާސިމް (ބޮންޑާ) ފޮނުވާލި ބާރު ބޯޅަ ބީޖީ ކީޕަރު ބްލޮކްކޮށް ފޮނުވާލި ވަގުތު ފެނުގައި ޖެހިފައި ލިބުނީ ސެންޓޭ އަށެވެ. އޭނާ ވަނީ ބޮލުން އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.

ޓީސީގެ ދެ ވަނަ ލަނޑު ވެސް ކާމިޔާބުކުރީ ސެންޓޭ އެވެ. ސެންޓޭ ހިލޭ ޖެހުމަކުން ހުރަސްކުރި ބޯޅަ ގޯލަށް ވަނީ ބީޖީގެ ކެޕްޓަން ޑެނިއަލް ފިލެމޮންގެ ގައިގައި ޖެހިފަ އެވެ.

އޭގެ ފަހުން ޓީސީގެ ޒުވާން ކުޅުންތެރިޔާ އަހުމަދު ޒިއާން މުހައްމަދަށް ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ބީޖީގެ ޑިފެންޑަރަކު ސާފުކޮށްލި ބޯޅަ އޭރިއާ ބޭރުން 79 ވަނަ މިނެޓުގައި ޒިއާނަށް ލިބުނު ނަމަވެސް، އޭނާ ހުސްކޮށް ހުރެ ފޮނުވާލި ބާރު ބޯޅަ ބީޖީ ކީޕަރު މަތަކުރި އެވެ.

ޓީސީގެ ތިން ވަނަ ލަނޑު 82 ވަނަ މިނެޓުގައި ޖެހީ ބަދަލު ކުޅުންތެރިޔާ ކުޑޫސް ކެލައިނީ އެވެ. ސެންޓޭ ކޯނަރަކުން ހުރަސްކުރި ބޯޅަ އޭރިއާ ތެރެއިން ކުޑޫސް އަށް ލިބުމުން އޭނާ ވަނީ އެއް ފަހަރުން ޖަހައި ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ބީޖީގެ ހަމައެކަނި ލަނޑު 90 ވަނަ މިނެޓުގައި ޖެހީ ޑޭވިޑް އޮސަގީ އެވެ. ކޯނަރަކުން ހުރަސްވި ބޯޅަ، ޑޭވިޑް އޭރިއާ ތެރެއިން ޖެހުމުން، ގޯލަށް ވަނީ ޓީސީގެ ޑިފެންޑަރުގެ ބޯމަތިން ގޮހެވެ. އޭގެ ފަހުން ސެންޓޭ އަށް ޓީސީ އަށް އިތުރު ލަނޑެއް ޖަހަން ފުރުސަތެއް ލިބުނެވެ. އެކަމަކު ކައުންޓާ އެޓޭކުގައި އަރައި، ހުސްކޮށް ލިބުނު ބޯޅަ އޭނާ ޖެހުމުން ދިޔައީ ގޯލް މަތިންނެވެ.