Roadha Mihaaru
ކެއުން ހެދީ އެޗްޑީސީ އަށް، ޖަގަހައަކަށް ނޫން: ސީރާ

ކެއުން ތައްޔާރު ކުރީ އެޗްޑީސީ އަށް، ޕީޕީއެމްގެ ޖަގަހައަކަށް ނޫން: ސީރާ

18 އޮކްޓޯބަރ 2018

ހުޅުމާލޭގައި ހުންނަ ޕީޕީއެމްގެ އެއްވެސް ޖަގަހައަކަށް ސީރާ އިން ހިދުމަތްދީފައި ނުވާނެ ކަމަށާއި ކެއުންތައް ތައްޔާރު ކޮށްދީފައިވާނީ އެޗްޑީސީގެ މުވައްޒަފުންނަށް ކަމަށް ސީރާ އިން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހުޅުމާލޭގައި ހުންނަ ޕީޕީއެމްގެ އެއްވެސް ޖަގަހައަކަށް ސީރާ އިން ހިދުމަތްދީފައި ނުވާނެ ކަމަށާއި ކެއުންތައް ތައްޔާރު ކޮށްދީފައިވާނީ އެޗްޑީސީގެ މުވައްޒަފުންނަށް ކަމަށް ސީރާ އިން މިއަދު ބުނެފި އެވެ.

ފުޅާ ދާއިރާއެއްގައި ކޭޓަރިންގެ ހިދުމަތް ދެމުން އަންނަ ސީރާއަކީ ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކާއި ބޭންކުތަކުގައި އުޅޭ މީހުންނަށް ކެއުމުގެ ހިދުމަތް ދެމުން އަންނަ މާލޭގެ މަޝްހޫރު ކުންފުންޏެކެވެ. ހުޅުމާލޭގައި ސީރާގެ ހިދުމަތް ދެނީ ވަކި ކުންފުންޏަކުންނެވެ.

ހުޅުމާލޭގައި ހުންނަ ޕީޕީއެމްގެ ޖަގަހަތަކަށް ކޭޓަރިންގެ ހިދުމަތް ސީރާ އިން ދިން ކަމުގެ އަޑުތައް ފެތުރިފައި ވިޔަސް، އެ ކުންފުނިން ވަނީ އެކަން ދޮގުކޮށްފަ އެވެ. ސީރާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ ކުންފުނިން ކެއުމުގެ ހިދުމަތް ދިނީ އެޗްޑީސީ އަށް އެކަންޏެވެ.

އެގޮތުން، މިދިޔަ ޖުލައި މަހުން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ގައި ރިޔާސީ އިންތިޚާބު ބޭއްވުމާ ހަމަ އަށް، އެޗްޑީސީގެ މުވައްޒަފުންނަށް ކެއުންތައް ތައްޔާރު ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެ މަސައްކަތުގެ އަގަށްވާ ފައިސާގެ ތެރެއިން މަސް ދުވަހަށްވާ ފައިސާ އަދިވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، އެޗްޑީސީން ސީރާ އަށް ދައްކަން އޮތީ 168،000ރ. ރުފިޔާ އެވެ.

"އަޅުގަނޑުމެން ބުނިން އެޗްޑީސީ އަށް ކެއުން ތައްޔާރުކޮށްގެން ފޮނުވައި ދޭނަމޭ. އެކަމަކު އެ މީހުން އެއްބަސްވީ ސީރާ އަށް ގޮސްގެން އެ ތަކެއްޗާ ހަވާލުވާން. އެހެންވެ، އެޗްޑީސީގެ ލޮރީއެއް ކޮންމެ ދުވަހަކު އަންނާނެ ތަކެތި ބަލާ. އެ ލޮރީގައި ޖަހާފައި އޮންނަނީ އެޗްޑީސީ،" އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ލޮރީ ދިޔަ ދިމާލެއް ބަލައިފައެއް ނުވާނެ. އެކަމަކު، އެ ތަކެތި ރިޔާސީ އިންތިހާބުގެ ތެރޭގައި ޖަގަހަތަކަށާއި އެކްޓިވިސްޓުންނަށް ގޮސްފައި ހުރެދާނެ. އެކަމުގައި އަޅުގަނޑުމެން އަމަލުކުރީ ވިޔަފާރި ކުރުމުގައި އަމަލުކުރަމުން އަންނަ އުސޫލުގެ ތެރެއިން،"

އެޗްޑީސީން ބުނީ އެ ކުންފުނިން އޯޑަރު ކުރި އެއްވެސް ކާއެއްޗެއް، ޕީޕީއެމްގެ ޖަގަހަތަކަށް ގެންގޮސްފައި ނުވާނެ ކަމަށެވެ. އެކަމަކު، ސީރާ އަށް އެޗްޑީސީން ދައްކަން ޖެހޭ ފައިސާއާ ގުޅޭ ގޮތުން އެ ކުންފުނިން އެއްވެސް އެއްޗެއް ނުބުނެ އެވެ.

ނަމަވެސް، ސީރާގެ އޮފިޝަލް ވިދާޅުވީ އެ ފައިސާ ވީ އެންމެ އަވަހަކަށް ދެއްކުމަށް އެޗްޑީސީން ރޭ އެއްބަސްވެފައިވާ ކަމަށެވެ.