Roadha Mihaaru
ބްރިޖު ދަށުން ދަތުރު ނުކުރަން އަންގައިފި

ބްރިޖު ދަށުން ދަތުރު ނުކުރަން އަންގައިފި

21 ސެޕްޓެމްބަރ 2018

ސިނަމާލޭ ބްރިޖްގެ މަސައްކަތް ކުރުމަށް، ލޮނުޒިޔާރަތް ކޮޅު ރާޅުގަނޑުގައި ރާޅާއެޅުން މަނާކޮށްފައި އޮތް ސަރަހައްދުގައި ރާޅާއަޅަން މިހާރު ހުޅުވާލާފައިވާ ކަމަށާއި އެކަމަކު ކަނޑު އުޅަނދު ފަހަރު ބްރިޖު ދަށުން އަދި ދަތުރުކޮށްގެން ނުވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިނަމާލޭ ބްރިޖްގެ މަސައްކަތް ކުރުމަށް، ލޮނުޒިޔާރަތް ކޮޅު ރާޅުގަނޑުގައި ރާޅާއެޅުން މަނާކޮށްފައި އޮތް ސަރަހައްދުގައި ރާޅާއަޅަން މިހާރު ހުޅުވާލާފައިވާ ކަމަށާއި އެކަމަކު ކަނޑު އުޅަނދު ފަހަރު ބްރިޖު ދަށުން އަދި ދަތުރުކޮށްގެން ނުވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ބްރިޖު އެޅުމަށް ހަދާފައިވާ ވަގުތީ ފްލެޓްފޯމް ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާތީ އެ ސަރަހައްދުން ކަނޑު އުޅަނދުތައް ދަތުރުކުރުން ރައްކާތެރި ނޫން ކަމަށެވެ. އެހެންވެ އެ މަސައްކަތް ނިމެންދެން އެއްވެސް އުޅަނދެއް ބްރިޖު ދަށުން ދަތުރު ނުކުރަން ވަނީ އަންގައިފަ އެވެ.

ހުޅުލެ އާއި މާލެއާ ދެމެދު ބްރިޖު އަޅަން ފެށުމާ އެކު، ލޮނުޒިިޔާރަތްކޮޅުގައި ރާޅާއެޅުން މާޗް، 2016 ގައި މަނާކުރި ނަމަވެސް ބްރިޖު ހުޅުވުމާ އެކު ރާޅާއެޅުން އޮތީ ހުއްދަކޮށްފަ އެވެ. ހައުސިން މިނިސްޓްރީން ބުނީ ބްރިޖު އެޅުމަށް ހެދި ވަގުތީ ޕްލެޓް ފޯމްތަކުގެ ބައިތައް އެ ސަރަހައްދުގައި އަދިވެސް އެބަހުރި ކަމަށައި އެހެންވެ، ރާޅާ އެޅުމުގައި ސަމާލުވާން ޖެހޭ ކަމަށެވެ. އަދި އެތަނުގައި ހުރި އާލާތްތަކާ ކައިރިން މޫދަށް ނޭރުމަށް ވަނީ އެދިފަ އެވެ.

މިދިޔަ މަހު ބްރިޖް ރަސްމީކޮށް ހުޅުވުމަށް ފަހު އޭގެ ހަފުތާއެއް ފަހުން ބްރިޖު އާންމު ދަތުރުތަކަށް ވަނީ ހުޅުވާލައިފަ އެވެ. ބްރިޖުގައި ދަތުރު ކުރަން ޓޯލް ފީއެއް ނެގުމަށް ހަމަޖައްސާފައި ވިޔަސް، އެއްވެސް ފީއެއް ނެތި އެންމެންނަށް ވެސް މިދުވަސްވަރު ބްރިޖުން ދަތުރު ކުރެވެ އެވެ. ބްރިޖުގެ ޓޯލް ފީތައް ސަރުކާރުން އަދި އިއުލާނެއް ނުކުރެ އެވެ.