Roadha Mihaaru
ހަތަރު ލީޑަރުން ގެންގުޅެން މިއީ އަފްޣާނިސްތާނެއް ނޫން

ހަނގުރާމަވެރި ހަތަރު ލީޑަރުން ގެންގުޅެން މިއީ އަފްޣާނިސްތާނެއް ނޫން: ޝަހީމް

19 ސެޕްޓެމްބަރ 2018

ހަނގުރާމަވެރި ހަތަރު ލީޑަރުން ގޮވައިގެން އުޅެން، ދިވެހިރާއްޖެއަކީ އަފްޣާނިސްތާން ނޫން ކަމަށް ވިދާޅުވެ އިދިކޮޅު ކޯލިޝަނަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ފާޑުވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހަނގުރާމަވެރި ހަތަރު ލީޑަރުން ގޮވައިގެން އުޅެން، ދިވެހިރާއްޖެއަކީ އަފްޣާނިސްތާން ނޫން ކަމަށް ވިދާޅުވެ އިދިކޮޅު ކޯލިޝަނަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ފާޑުވިދާޅުވެއްޖެ އެވެ.

ރަށްރަށުން ގެނައި ގިނަ އަދަދެއްގެ ބަޔަކާ އެކު ޕީޕީއެމުން ރޭ މާފަންނު ސްޓޭޑިއަމްގައި ބޭއްވި ޖަލްސާގައި ޝަހީމް ވިދާޅުވީ ރާއްޖެ ބޭނުން ވަނީ ހަމަނުޖެހުން ނޫން ކަމަށާއި ތަރައްގީ ކަމަށެވެ. އެކަން ކޮށްދެވޭނެ ބޭފުޅަކީ ރައީސް ޔާމީން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަތަރު ވެރިންނާ މި ގައުމުގެ ވެރިކަން ހަވާލު ނުކުރާށޭ. އެ ބޭފުޅުންގެ ތަޅާފޮޅުންތަކުގައި ވީރާނާވެ ހަލާކުވެގެން ހިނގައިދާނެ އަޅުގަނޑުމެންނަށް އަތު ނުޖެހޭ ހިސާބަށް،" އަޑުހަރުކޮށް ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވި އެވެ.

"މި ރާއްޖެ އަށް ބޭނުންވަނީ ރާއްޖެ އުމްރާނީ ގޮތުން ތަރައްގީ ކުރާނެ ވަރުގަދަ ފަލްސަފާވެރިއެކޭ. ވަރުގަދަ މުފައްކިރެކޭ ބޭނުންވަނީ."

ޝަހީމް ވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީއަކީ އިސްލާމް ދީނާ ދެކޮޅަށް މަސައްކަތް ކުރާ ޕާޓީއެއް ކަމަށް ވިދާޅުވެ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ.

އެމްޑީޕީ އަކީ ދިވެހިރާއްޖޭގެ އިސްލާމީ ވަހުދަތު ނަގާލަން ބޭރުގެ ފަރާތްތަކުން "އިންދި ގަހެއް" ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން އެންމެ ރަނގަޅަށް އެނގި ވަޑައިގަންނާނީ ކޯލިޝަންގެ ބައިވެރިން ކަމަށްވާ އަދާލަތު ޕާޓީގެ ޝެއިހު އިމްރާން އަބްދުﷲ އާއި ރައީސް މައުމޫން އަބްދުލްގައްޔޫމަށް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

މި ސަރުކާރާ ދެކޮޅަށް ފަހުން މަސައްކަތް ކުރެއްވި ރައީސް މައުމޫނާއި ޝެއިހް އިމްރާން ހުންނެވީ ޖަލު ހުކުމްތައް އިއްވައިފަ އެވެ.

އިދިކޮޅު އިއްތިހާދަށް ފުންނާބު އުސް ދީނީ އިލްމުވެރިންތަކެއް ތާއީދު ކުރައްވާއިރު އެ ބޭފުޅުންނަށް ޝަހީމް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ދީނީ ސިޔާސަތުގައި ސިޓީ ކައުންސިލަށް މިސްކިތްތައް ދިނުން ފިޔަވައި އިތުރު ކަމެއް ނެތް ކަމަށެވެ.

"އެއްވެސް ދީނީ އިލްމުވެރިއަކު އެމްޑީޕީއާ ގުޅޭ ހިސާބަކީ އޭނާގެ ދީނީ މެންޑޭޓް ނިމޭ ހިސާބު. ވަރަށް ސާބިތު ކަމާއެކު މި ދަންނަވަނީ ޖަދަލު ކުރަން ވަޑައިގަންނަވާ،" އެމްޑީޕީ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ނައިބަކަށް ހުންނެވި ޝަހީމް ވިދާޅުވި އެވެ.

"އެ ބޭފުޅުންގެ ވެރިކަމުގައި ދީނީ އިލްމުވެރިން ޓެރަރިސްޓުންނަށް ހެދީ. ބަދުނާމް ކުރީ. އިސްލާމީ ތައުލީމް ދޭ މުއައްސަސާތައް ބަންދު ކުރަން މަސައްކަތް ކުރީ."

ޝަހީމް އެމްޑީޕީ އަށް ކުރެއްވި ބޮޑެތި ތުހުމަތުތަކުގެ ތެރޭގައި އަރަބި އަދި އިސްލާމީ ތައުލީމް ނައްތާލުމަށާއި މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ އާންމު ކުރަން މަސައްކަތް ކުރުން ހިމެނެ އެވެ.

ޝަހީމް ވަނީ އޭނާ ސިޔާސީ ދާއިރާ އަށް ނުކުންނެވި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝެއިހް އިލްޔާސް ހުސައިން ޕީޕީއެމާ ގުޅިވަޑައިގަތުމަށް ރޭ ވެސް ތަކުރާރުކޮށް ގޮވާލައްވައިފަ އެވެ.

އިލްޔާސް އަންނަނީ މި ސަރުކާރުން ނާއިންސާފުން ކަންކަން ކުރައްވައި ބޮޑެތި ހިޔާނާތުގެ އަމަލުތައް ހިންގަވާ ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއެކު އިސްލާމް ދީން ހިމާޔަތް ކުރެއްވޭނެ ކަމަށް ވިދާޅުވެ އިބޫ އަށް ވޯޓް ދެއްވުމަށް އިލްޔާސް ވަނީ ގޮވާލައްވައިފަ އެވެ.