Roadha Mihaaru
ގުރުން ސެމީ އަށް: ސެގާޓް ވަރަށް ފަހުރުވެރިވެފައި!

ގުރުން ސެމީ އަށް: އެކަމަކު ސެގާޓް ވަރަށް ފަހުރުވެރިވެފައި!

11 ސެޕްޓެމްބަރ 2018

މިދިޔަ 10 އަހަރު ތެރޭގައި މަޝްހޫރު ކުޅުންތެރިންނާ އެކު ވެސް ރާއްޖެ އަށް ދެވުނީ ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލަށް ކަމަށާއި މިހާރު ތިބި ކުޅުންތެރިންނާ އެކު ވެސް އޭނާ މިހިރީ ސެމީ ފައިނަލުގައި ކަމަށް ބުނެ ކުރީގެ ކުޅުންތެރިންނަށް ގައުމީ ކޯޗު ޕީޓާ ސެގާޓް ގޮންޖަހައިފި އެވެ.

އައްޒާމް އަލިފުޅު ބަންގްލަދޭޝްގެ ޑާކާ އިން އައްޒާމް އަލިފުޅު

މިދިޔަ 10 އަހަރު ތެރޭގައި މަޝްހޫރު ކުޅުންތެރިންނާ އެކު ވެސް ރާއްޖެ އަށް ދެވުނީ ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލަށް ކަމަށާއި މިހާރު ތިބި ކުޅުންތެރިންނާ އެކު ވެސް އޭނާ މިހިރީ ސެމީ ފައިނަލުގައި ކަމަށް ބުނެ ކުރީގެ ކުޅުންތެރިންނަށް ގައުމީ ކޯޗު ޕީޓާ ސެގާޓް ގޮންޖަހައިފި އެވެ.

ކޯޗު މިހެން ބުނި ނަމަވެސް، ރާއްޖޭން އެންމެ ފަހުން ބޭއްވި ދެ ސާފް ޗެމްޕިއަންޝިޕުގެ ސެމީ އަށް ދަތުރުކުރީ މެޗުތަކުން މޮޅުވެ ގިނަ ގޯލްތަކެއް ވެސް ޖަހައިގެންނެވެ. މި ފަހަރު ސެމީ އަށް ދިޔައީ މެޗަކުން މޮޅުނުވެ ލަނޑެއް ވެސް ނުޖެހި، ސްރީ ލަންކާއާ ހުރިހާ ގޮތަކުން އެއްވަރުވެ އެންމެ ފަހުން ގުރެއް ނަގައިގެންނެވެ. މިއީ ދިވެހި ފުޓްބޯޅަ ތާރީހުގައި ސަރަހައްދީ މުބާރާތެއްގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ އެންމެ ދަށްކޮށް ދިޔަ ފަހަރެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ރަނގަޅު ފޯމެއްގައި ހުއްޓާ ނުގެންނާތީ ކިޔާ ފާޑުތަކަށް ކޯޗު މިއަދު ރައްދުދިނީ ވެސް މަލާމާތުގެ ރާގެއްގަ އެވެ. އެގޮތުން އޭނާ ބުނީ ޖަރުމަން ޓީމަށް ހަތްދިހައިގެ އަހަރުތަކުގައި ކުޅުނު ފްރެންޒް ބެކެންބާ އަލުން ގެންނަން ޖަރުމަން މީހުން ބުނެފާނެ ކަމަށާއި އެކަމަކު އެކަމެއް ނުވާނެ ކަމަށެވެ. އެކި ފަހަރު އެކި އުޒުރު ދައްކައި ދަގަނޑޭ ނުގެންނަން ކޯޗު ނިންމިއިރު އޭނާ ވަނީ މި ސީޒަނުގައި 25 ގޯލް ޖަހައިފަ އެވެ.

ކޯޗު އެންމެ ފުރަތަމަ އައިސް ބުނީ ޒުވާން ކުޅުންތެރިން އުފައްދަން ކުރާ މަސައްކަތަށް ދަގަނޑޭގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެކަމަކު ބޫޓާނާ ދެކޮޅަށް އޮތް މެޗުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމުން ކަމަށް ބުނެ ސަސްޕެންޑްކުރި އެވެ. އެކަން އެހެން ދިމާވިޔަސް ސާފްގެ ސްކޮޑަށް ދަގަނޑޭ ނަގާނެ ކަމަށް ބެލެވިފައި އޮއްވާ ފުރުސަތު ނުދީ ބުނީ އޭނާގެ އުމުރުން މާ ދޮށީ ކަމަށާއި އަދި ޓީމަށް ބޭނުންވަނީ ސަތޭކަ ޕަސެންޓް ދޭނެ ކުޅުންތެރިން ކަމަށެވެ. އެކަމަކު އެންމެ ފަހުން މުބާރާތުގެ ކުރިން ބުނީ ދަގަނޑޭ ނުނެގީ ބޫޓާން މެޗުގެ ޕްރެސް އަށް ހާޒިރުނުވި މައްސަލައިގައި މައާފަށް އެދުން ލަސްވުމުން ކަމަށެވެ.

ރާއްޖޭން މި މުބާރާތުގައި މިހާތަނަށް ލަނޑެއް ނުޖަހައި ސެމީގައި ކުޅޭއިރު، އެއީ ޓީމަށް އޮތް ގޮންޖެހުމެއްތޯ ސުވާލުކުރުމުން ސެގާޓް މިސާލު ނެގީ 1982 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިޓަލީ ޓީމުންނެވެ. އެކަމަކު އެ ފަހަރު އިޓަލީ ޓީމު ގްރޫޕް ސްޓޭޖުގައި މޮޅެއް ނުލިބުނު ނަމަވެސް ތިން މެޗު އެއްވަރުކޮށް ތިން ޕޮއިންޓް ހޯދައި ދެ ގޯލް ޖެހި އެވެ.

ސާފް ސުޒުކީ ކަޕުގެ ސެމީ ފައިނަލުގައި ރާއްޖެ ބައްދަލުކުރާނީ ނޭޕާލާ އެވެ. މެޗު އޮންނާނީ މާދަމާ މެންދުރުފަހު ރާއްޖެގަޑިން 3 ޖަހާއިރެވެ.