Roadha Mihaaru
ދިވެހިންގެ ނަސީބު ގަދަކަން ފެނިއްޖެ: ގައުމީ ކޯޗު

ދިވެހިންގެ ނަސީބު ގަދަކަން ފެނިއްޖެ: ގައުމީ ކޯޗު

09 ސެޕްޓެމްބަރ 2018

ސާފް ސުޒުކީ ކަޕްގައި މިރޭ އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު އަތުން 2-0 އިން ބަލިވެ، ސްރީ ލަންކާއާ ޕޮއިންޓުގެ ގޮތުންނާއި ލަނޑުގެ ގޮތުން ރާއްޖެ އެއްވަރުވުމުން ސެމީ ފައިނަލަށް ދާނެ ޓީމެއް ކަނޑައެޅުމަށް ނެގި ގުރު ކާމިޔާބުވެ، ސެމީ އަށް ދިއުމުން އެނގިގެންދިޔައީ ދިވެހިންނަކީ ނަސީބުގަދަ ބައެއް ކަމަށާއި މިއީ ވެސް ވަރަށް މަސައްކަތް ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.

އައްޒާމް އަލިފުޅު ބަންގްލަދޭޝްފެ ޑާކާ އިން އައްޒާމް އަލިފުޅު

ސާފް ސުޒުކީ ކަޕްގައި މިރޭ އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު އަތުން 2-0 އިން ބަލިވެ، ސްރީ ލަންކާއާ ޕޮއިންޓުގެ ގޮތުންނާއި ލަނޑުގެ ގޮތުން ރާއްޖެ އެއްވަރުވުމުން ސެމީ ފައިނަލަށް ދާނެ ޓީމެއް ކަނޑައެޅުމަށް ނެގި ގުރު ކާމިޔާބުވެ، ސެމީ އަށް ދިއުމުން އެނގިގެންދިޔައީ ދިވެހިންނަކީ ނަސީބުގަދަ ބައެއް ކަމަށާއި މިއީ ވެސް ވަރަށް މަސައްކަތް ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.

ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި ރާއްޖެ ސެމީ ފައިނަލަށްދިޔައީ ދެ މެޗުން އެއް ޕޮއިންޓާ އެކު އެވެ. މިރޭގެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުމަށް އައިއިރު ގައުމީ ކޯޗު ސެގާޓް ހުރީ ވަރަށް ހިނިތުންވެފަ އެވެ. އަދި ރާއްޖެ އަށް ނަސީބު އެހީ ލިބުނީ ވަރަށް ހިތްވަރުކޮށްގެން ތިބުމުން ކަމަށް އޭނާ ބުންޏެވެ.

"އަހަރެން މަރުހަބާ ކިޔަން ހުރިހާ ކުޅުންތެރިންނާއި ހުރިހާ ދިވެހިންނަށް. މިދިޔަ ހަ ހަފްތާގައި އަހަރެމެން ވަރަށް މަސައްކަތްކޮށްފިން. އެއީ އެހެން ގައުމުތަކަށް މިދިޔަ ތިން އަހަރު ވެސް ނުކުރެވޭނެ ކަންތައްތައް. ފިޓްނަސްއާ ހުރިހާ ކަމެއްގައި ވެސް މަސައްކަތްކުރިން. މިއަދު މި ނަތީޖާ ނުކުތުމުގައި އެ މަސައްކަތްތަކުގެ ހިއްސާއެއް ވެސް އޮންނާނެ،" ސެގާޓް ބުންޏެވެ.

"ސެމީ ފައިނަލުގައި އޮންނަން ނަސީބު ވެސް ބޭނުންވާނެ. މިއަދު އަހަރެމެންނަށް ލިބިއްޖެ. އަހަރެން ދެރަވޭ ލަންކާ އަށް އެހެންވީމަ. އެކަމަކު ބުނެވޭނީ އަހަރެމެންނަށް ހައްގޭ މި މަގާމް."

އޭނާ ބުނީ ދިވެހިންނަށް ނަސީބު އެހީވަނީ ސަބަބުތަކެއް ވެސް އޮވެގެން ކަމަށެވެ.

"ދިވެހިން އަބަދުވެސް ނަސީބު ގަދަ. ދިވެހިންނަކީ އެހާ ވަރަށް ކަންތައްތަކާ ފިކުރުކޮށްގެން އުޅޭ ބައެއް ނޫން. ވަރަށް ހަމަޖެހިފައި ތިބޭނީ. އެހެންވެ ނަސީބު އެހީވަނީ ވެސް. އުނދަގޫ ހާލަތްތަކަށް އަހަރެމެން އެންމެ ވަރުގަދަ ގައުމަކަށް ނުވެދާނެ. އެކަމަކު ދިވެހިން އެކުވެރިވެފައި އުޅޭތީ ނަސީބު އަތުހިފަނީ،" ސެގާޓް ބުންޏެވެ.

ރާއްޖޭން މި މެޗަށް ނުކުތީ ކުރިއަށް ކުޅޭ ތިން ކުޅުންތެރިން ވެސް ބަދަލުކޮށްގެންނެވެ. އެގޮތުން ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނާއިޒު ހަސަން (ދާދު) އަދި އަލީ ފާސިރު (ސެންޓޭ)ގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ހިމެނުނީ އަސަދުﷲ އަބްދުﷲ އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި އަހުމަދު އިމާޒް (އާއްކޮ) އެވެ.

"އަހަރެން ވިސްނައިގެން ހުރީ ފުރަތަމަ އާ ކުޅުންތެރިން ބޭނުންކުރަން. ފަހުން ދާދު އާއި ހަމްޕު އަދި ސެންޓޭ އަރުވައިގެން ލަނޑު ޖަހަން އުޅުނީ. އެކަމަކު ފެނުނީ ވަރަށް އާދައިގެ ދެ މިސްޓޭކުން އަހަރެމެން ކޮޅަށް ގޯލު ވަދެގެން ހާސްވެގެން އުޅުނުތަން،" ކުރިން އަފްގާނިސްތާނަށް ކޯޗުކޮށްދިން ސެގާޓް ބުންޏެވެ.

އޭނާ ބުނީ މެޗުގެ ދެ ވަނަ ހާފުގައި ކުޅުންތެރިންނަށް ހިތްވަރުދީގެން ކަންތައްތައް ރަނގަޅުކުރަން މަސައްކަތްކުރީ ޕްލޭނެއް އޮތުމުން ކަމަށެވެ.

"މި މެޗުގައި ފަހުން ފެނުނީ ޗެމްޕިއަންސް ލީގު ފަދަ ކުޅުމެއް އަހަރެމެން އެންމެ ގޯލެއް ޖަހަން އުޅުނީ. ތެދެއް މެޗަށް އައިއިރު އަހަންނަށް އެނގޭ ސެމީ ފައިނަލަށްދާން ނަތީޖާއެއް މުހިއްމުވާކަން. 1-0 ނޫނީ 2-0 ގައި އޮވެގެން ވެސް އެކަންވާނެ. އެކަމަކު 100 ޕަސެންޓް މަސައްކަތްކުރަންޖެހޭ ތިން ވަނަ ގޯލެއް ވަނަނުދޭން އެކަން ކުރިން. އެކަމަކު ނުވި ކަމަކީ އަހަރެން ދެ ވަނަ ހާފުގައި ޖަހަން ބޭނުންވި ގޯލުތަން ނުޖެހުނީ،" ސެގާޓް ބުންޏެވެ.

ރާއްޖޭން 2015 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ހަތް ގޯލް، 2013 ގައި 18 ގޯލް ޖެހި އެވެ. އޭގެ ތެރެއިން ގިނަ ލަނޑުތައް ކާމިޔާބުކުރި ކުޅަދާނަ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ރަނގަޅު ފޯމެއްގައި ހުރި ނަމަވެސް މި ފަހަރު ނުގެންދެ އެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ލަނޑެއް ނުޖަހައި މެޗަކުން މޮޅުނުވެ ރާއްޖެ ވާދަކުރުމަކީ މުބާރާތުގައި ދެ މެޗުން މޮޅުވެގެން ކެޓި ބަންގްލަދޭޝް ފަދަ ޓީމުތަކަށް ވެވޭ ބޭއިންސާފެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ސެގާޓް ބުނީ އެއީ ދައްކަން އެންމެ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.

"މިއީ މުބާރާތް އޮތްގޮތް. ބަންގްލަދޭޝް އަށް ދެ މެޗުން މޮޅުވެގެން ވެސް ސެމީ ނުކުޅެވުމުން އަހަރެން ވެސް ހިތާމަކުރަން. ބަންގްލަދޭޝް އަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ނެތުމުން އެހާ މާޔޫސްވާން ނުޖެހޭ. އެއީ ރާއްޖޭގައި ވެސް އުޅޭ ބަންގްލަދޭޝް ވަރަށް ގިނަ މީހުން. އަހަރެން އެދެނީ ދެން ބަންގްލަދޭޝް މީހުން ރާއްޖެ އަށް ސަޕޯޓްކުރުން،" ސެގާޓް ބުންޏެވެ.

ސެމީ ފައިނަލުގައި އަންނަ ބުދަ ދުވަހު ރާއްޖެ ކުޅޭނީ ނޭޕާލްއާ އެވެ. ރާއްޖެ އެންމެ ފަހުން ބަންގްލަދޭޝްގައި 2016 ވަނަ އަހަރު އޮތް ބަންގުބަންދު ގޯލްޑް ކަޕާއި އެ އަހަރު އޮތް ސައުތު އޭޝިއަން ގޭމްސްގެ ސެމީ ފައިނަލުން ކެޓީ ނޭޕާލް އަތުންނެވެ.

ގައުމީ ކޯޗު ޕީޓަ ސެގާޓްގެ ނޫސްވެރިންގެ ބައްދަލުވުން.--- ވީޑީއޯ: މިހާރު