Roadha Mihaaru
ލިބުނު ބިމެއް، ހަޒާނާއިން ނެގި އެއްޗެއް ނޯންނާނެ

ލިބުނު ބަންޑާރަ ބިމެއް، ހަޒާނާއިން ނެގި އެއްޗެއް ނޯންނާނެ: ރައީސް ޔާމީން

09 ސެޕްޓެމްބަރ 2018

ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބައެއް ބޭފުޅުންނަށް މީގެ ކުރިން ދިރިއުޅެން ބިންތައް ދޫކޮށްފައިވީ ނަމަވެސް އެފަދަ ގޮތަކަށް ބިމެއް ހޯއްދަވާފައި ނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބައެއް ބޭފުޅުންނަށް މީގެ ކުރިން ދިރިއުޅެން ބިންތައް ދޫކޮށްފައިވީ ނަމަވެސް އެފަދަ ގޮތަކަށް ބިމެއް ހޯއްދަވާފައި ނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ވިދާޅުވެއްޖެ އެވެ.

ލ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ އެއްވެސް ބައެއްގެ ދަށުނުވެ "ތޯހިރު" ވެރިކަމެއް ރައްޔިތުންނަށް ކޮށްދެއްވަން ކަމަށެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމް ސަރުކާރުގެ ވަޒީރުކަމާއި އިސް މަގާމުތަކުގެ އިތުރުން މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ރައީސް ޔާމީން ވިދާޅުވީ އޭރު ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އެކިއެކި އިނާޔަތްތައް ދެއްވި ނަމަވެސް އެމަނިކުފާނު ދައުލަތުގެ ހަޒާނާއިން ނެންގެވި އެއްވެސް އެއްޗެއް ނޯންނާނެ ކަމަށެވެ.

"ނޯންނާނެ ސަރުކާރުން ދިން ބަންޑާރަ ބިންކޮޅެއް ވެސް. ރިސޯޓުގެ ވާހަކަ ނުދައްކާ. ފަޅު ރަށްރަށުގެ ވާހަކަ ނުދައްކާ. އެހެން ވާހަކަ ނުދައްކާ. މީގެ ކުރިން ރިސޯޓްތަކާއި ފަޅު ރަށްތަކާ ތަންތަން މިއީ ސަރުކާރުގެ ނުފޫޒު ގަދަ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ދޭ ތަންތަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ހިތަދޫއަށް ވަޑައިގެން ރައްޔިތުންނާ ސަލާމް ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ހިތަދޫއަށް ވަޑައިގެން ރައްޔިތުންނާ ސަލާމް ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

"މާލޭގެ ބިމަކީ ސަރުކާރުގެ އެކި ފެންވަރުގެ ބޭފުޅުންނަށް ދީފައިވާ ތަންތަން. އެކަމަކު އަޅުގަނޑަށް ސަރުކާރުން ދީފައިވާ ބިމެއް ނޯންނާނެ. އަޅުގަނޑުގެ ބިމެއް ވިއްޔާ ހޯދާފައި އޮންނާނީ ގަނެގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް މައުމޫންގެ ކެބިނެޓްގައި ހިމެނިވަޑައިގެންނެވި، އެކި ރަށްރަށުގެ ބޭފުޅުންނަށް މާލެ އިން އޭރު ވަނީ ގެދޮރު ދީފަ އެވެ. އެކަމަކު މާލޭގައި ގެދޮރު ހުރި ވަޒީރުންނަށް ގޯއްޗެއް ނުދެއްވަ އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތީ މަންފާތަކެއް ހޯއްދަވަން ނޫން ކަމަށާއި ބޭނުންފުޅު ވަނީ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވަން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސްގެ މަގާމަކީ ބުރަ މަސްއޫލިއްޔަތެއް ކަމަށާއި ތަފާތު ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން އެމަނިކުފާނުގެ އާއިލާ އަވަހާރަ ކޮށްލަން އެތައް ފަހަރަކު މަސައްކަތް ކުރި ކަމަށް ވެސް ވިދާޅުވި އެވެ.

ކޮރަޕްޝަނާއި ހިޔާނާތުގެ ބޮޑެތި ތުހުމަތުތައް ރައީސް ޔާމީނާ ދޭތެރޭ ކުރާއިރު އެއީ އެއްވެސް އަސާސެއް ނެތް ކަންކަން ރައީސް ޔާމީން ވިދާޅުވި އެވެ.