Roadha Mihaaru
މުޒާހަރާއެއްގައި ބައިވެރިވެގެން ވަކިކުރުމުން ބަދަލު ދެނީ

އިދިކޮޅު މުޒާހަރާއެއްގައި ބައިވެރިވި ކަމަށް ބުނެ ވަކިކުރި މީހަކަށް ބަދަލު ދޭން އަމުރުކޮށްފި

04 ސެޕްޓެމްބަރ 2018

އިދިކޮޅު މުޒާހަރާއެއްގައި ބައިވެރިވި ކަމަށް ބުނެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ވަޒީފާއިން ވަކިކުރި ކަމަށް މީހަކަށް ބަދަލު ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިދިކޮޅު މުޒާހަރާއެއްގައި ބައިވެރިވި ކަމަށް ބުނެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ވަޒީފާއިން ވަކިކުރި ކަމަށް މީހަކަށް ބަދަލު ދޭން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

އެމްޕީއެލްގެ އޮޕަރޭޓަރެއްގެ ވަޒީފާގައި ހުރި އެ މީހާ ވަޒީފާއިން ވަކިކުރީ ސުޕްރީމް ކޯޓުން މިދިޔަ މަހުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރާ ގުޅިގެން އެރޭ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގައި ބައިވެރިވި ކަމަށް ބުނެ އެވެ. އޭނާ ވަކިކުރީ ރަސްމީ ޑިއުޓީއަށް ސަލާމް ބުނުމަށް ފަހު އާންމު މަސްލަހަތަށް ގެއްލުން ލިބޭ ފަދަ އަމަލެއްގައި ބައިވެރިވި ކަމަށް ބުނެ އެވެ.

ވަޒީފާ އަނބުރާ ހޯދަން އެ މީހާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން ޓްރައިބިއުނަލުން އިއްޔެ ނިންމީ އެ މީހާ ވަކިކުރީ ވަޒީފާ އިން ވަކިކުރުން ހުއްދަ ހާލަތެއް އޮވެގެން ކަން ސާބިތުނުވާ ކަމަށާއި އެހެންވެ، އޭނާ ވަކިކުރީ ވަޒީފާއާބެހޭ ގާނޫނާ ޚިލާފަށް ކަމަށެވެ. އެހެންވެ، ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ބަދަލެއްގެ ގޮތުގައި 12،500ރ. އެއްފަހަރާ އެ މީހާއަށް ދިނުމަށް އެމްޕީއެލްގެ މައްޗަށް އަމުރުކުރާ ކަމަށް އެ ނިންމުމުގައިވެ އެވެ.

އެކަމަކު އޭނާގެ ވަޒީފާ އަނބުރާ ދޭން އަމުރު ނުކުރެވޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ. ސަބަބެއްގެ ގޮތުގައި ވަނީ އޭނާ ވަކިކުރަން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި މަސައްކަތުގެ އަޚްލާގާ ގުޅޭ މައްސަލަތަކެއް ހުރުމުން އިތުބާރު ގެއްލިފައިވާ ކަމަށް ބެލެވުމެވެ.

އިދިކޮޅު މުޒާހަރާތަކުން މެއި، 2015 ގައި ބޭއްވި ބޮޑު މުޒާހަރާގައި ބައިވެރިވެގެން ވެސް ބައެއް މީހުން ސަރުކާރު ކުންފުނިތަކުގެ ވަޒީފާއިން ވަކިކުރި އެވެ. އޭގެ ތެރެއިން ވެސް ބައެއް މީހުންނަށް ވަޒީފާ އަނބުރާ ދޭން އޭރު ޓްރައިބިއުނަލުން އަމުރުކުރި އެވެ.