Roadha Mihaaru
ވޯޓާސް ރަޖިސްޓްރީ އާއްމުކޮށް، ޝަކުވާއަށް ހުޅުވާލައިފި

ވޯޓު ލާ މީހުންގެ ރަޖިސްޓްރީ އާއްމުކޮށް، ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

27 އޯގަސްޓް 2018

އަންނަ މަހުގެ 23ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ލާން ރަޖިސްޓްރީކޮށްފައިވާ މީހުންގެ ލިސްޓް އާއްމުކޮށް ޝަކުވާ ހުށަހަޅަން މިއަދު ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ މަހުގެ 23ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ލާން ރަޖިސްޓްރީކޮށްފައިވާ މީހުންގެ ލިސްޓް އާއްމުކޮށް ޝަކުވާ ހުށަހަޅަން މިއަދު ހުޅުވާލައިފި އެވެ.

އައިޑީކާޑުގެ ނަމްބަރު ހިމެނޭ ގޮތަށް ނަމާއި އެޑްރެސް ހިމެނޭ ލިސްޓެއް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ އާއްމުކުރި ރަޖިސްޓްރީގައިވާ ގޮތުން 262،135 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ. އަދި އެ ލިސްޓާ ގުޅޭގޮތުން މައްސަލައެއް އޮތް ނަމަ އަންނަ ބުދަ ދުވަހުގެ ކުރިން ޝަކުވާ ހުށަހަޅަން ޖެހޭނެ އެވެ.

ވޯޓާސް ރަޖިސްޓްރީއާ ގުޅޭ ޝަކުވާ ހުށަހަޅަން ޖެހޭނީ "ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމް" އިންނެވެ.

ފޯމު ދޫކުރުމާއި ބަލައިގަތުމުން ހުރިހާ ރަށެއްގެ ކައުންސިލްތަކުން، ހެނދުނު 8:30 އިން ހަވީރު 6:00 އާ ހަމައަށް އޮންނާނެ އެވެ. ރާއްޖެއިން ބޭރުގައި ނަމަ އެ ގައުމެއްގައި ހުންނަ ރާއްޖޭގެ އެމްބަސީތަކުންނާއި ކޮންސިއުލޭޓް އޮފީސްތަކުން ހެނދުނު 9:30 އިން ހަވީރު 4:00 އަށް އޮންނާނެ އެވެ. މި މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅޭނީ ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތާ ގުޅޭ ގޮތުން ކަމަށް ވެސް އީސީން ބުންޏެވެ.

އެ ރަޖިސްޓްރީއާ ގުޅޭ މައުލޫމާތު އީސީގެ ހިލޭ ގުޅޭ ނަމްބަރު 1414 އަށް ގުޅައިގެންނާއި މެސެޖު ކޮށްގެން އަދި އީސީގެ ވެބްސައިޓް "www.elections.gov.mv" އިން ބެލޭނެ އެވެ.

އީސީން ރޭ އާއްމުކުރި ލިސްޓުގައި، މައްސަލަ ޖެހިގެން ބާތިލްކުރި 5626 ރީ-ރަޖިސްޓްރޭޝަން ފޯމެއް ނުހިމެނޭނެ އެވެ. އެ މީހުން ވެސް އަލުން ރަޖިސްޓްރީކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ބުދަ ދުވަހާ ހަމައަށް އޮންނާނެ އެވެ.

ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އާއްމުކުރާނީ، ޝަކުވާތަކާއި ބާތިލްކުރި މީހުން ހުށަހަޅާ ފޯމުތަކަށް ފަހުގަ އެވެ.

https://www.elections.gov.mv/megadownloads/Presidential-Election-2018/Voters_List_26_08_2018/PE2018%20-%20Main%20List.pdf

އީސީން ރޭ އާއްމުކުރި، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ