Roadha Mihaaru
45،000 މީހުން ރީ-ރަޖިސްޓްރީ ވެއްޖެ: އިލެކްޝަންސް

45،000 މީހުން ރީ-ރަޖިސްޓްރީ ވެއްޖެ: އިލެކްޝަންސް ކޮމިޝަން

07 އޯގަސްޓް 2018

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން ރަށްރަށުގައި ވޯޓު ލުމަށް 45،000 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން ރަށްރަށުގައި ވޯޓު ލުމަށް 45،000 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ރީ-ރަޖިސްޓަރީ ވުމަށް ހުޅުވާލާފައިވާ މުއްދަތު ހޮނިހިރު ދުވަހުގެ ނިޔަލަށް ހަމަވާއިރު، ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ރަޖިސްޓަރީ ވަމުން އަންނަ ކަމަށެވެ.

އަކްރަމް ވިދާޅުވީ ރީ-ރަޖިސްޓްރީކޮށްފައިވާ މީހުންގެ ފޯނަށް، ވޯޓުލާން ރަޖިސްޓްރީކުރެވުނު ތަން އެންގުމަށްޓަކައި މެސެޖު ފޮނުވަން ފަށާނެ ކަމަށެވެ. އަދި ފިންގަ ޕްރިންޓްގެ ސައްހަކަން ބަލަން ފުލުހުންނަށް ހުށަހެޅި ފޯމުތައް ބާތިލްކުރާނަމަ އެކަން ވެސް އަންގަމުންދާނެ ކަމަށް ވިދާޅުވި އެވެ.

"އަމިއްލަގޮތުން ފޯމު ހުށަހަޅައިފި ނަމަ އެ މީހަކަށް އަންގާނެ ފޯމު ބާތިލްވެއްޖެ ނަމަ އެކަން. ބަލްކުކޮށް ހުށަހަޅާ ފޯމެއް ބާތިލްވެއްޖެ ނަމަ، ބަލްކު ކޮށް އެ ފޯމެއް ހުށަހެޅި ފަރާތަކަށް އަންގާނެ ބާތިލްވިކަން،" އަކްރަމް ވިދާޅުވި އެވެ.

ފޯމެއް ބާތިލްކޮށްފި ނަމަ އަލުން ރަޖިސްޓްރީވާން އެމީހަކަށް ތިން ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.

ރީ-ރަޖިސްޓްރީ ކުރުމުގެ މުއްދަތު ކުޑަތަން ވެފައިވާ އިރު، އެކަމުގައި މަކަރު ހަދާ ކަމަށް، ވެރިކަން ކުރާ ޕާޓީ ޕީޕީއެމާއި އިދިކޮޅު ކޯލިޝަނުން އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުކުރެ އެވެ.

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 263،000 މީހުންނަށް ލިބެ އެވެ. އަދި އިންތިޚާބުގައި ރާއްޖެ އަދި ބޭރުގެ ބައެއް ގައުމުތަކުގައި 490 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާނެ އެވެ.