Roadha Mihaaru
ގުރޫޕަކުން އަނިޔާކުރި އަންހެން ކުއްޖާ ހޯދަނީ

ގުރޫޕަކުން އަނިޔާކުރި އަންހެން ކުއްޖާ ގެއްލިގެން ހޯދަނީ

25 އޯގަސްޓް 2018

ޒުވާން އަންހެން ގްރޫޕަކުން، އަނިޔާކޮށް، ބިރުދެއްކި އަންހެން ކުއްޖާ ގެއްލިގެން ފުލުހުން ހޯދަން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޒުވާން އަންހެން ގްރޫޕަކުން، އަނިޔާކޮށް، ބިރުދެއްކި އަންހެން ކުއްޖާ ގެއްލިގެން ފުލުހުން ހޯދަން ފަށައިފި އެވެ.

އާންމުންގެ އެހީތެރިކަމަށް އެދި ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ގދ. ތިނަދޫ އާބާދުވާދީ، ނަޝްފާ ހަސަން 15، މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އާއިލާގެ ފަރާތުން ހޯދަމުން އަންނަ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެކަމަކު، ފުލުހުން ބުނިގޮތުގައި ނަޝްފާ ހޯދުމުގެ މަސައްކަތް އާއިލާއިން ކުރާ ކަމުގެ މައުލޫމާތު ލިބުނީ އޭނާ އަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ އެނަލައިޒް ކުރުމަށް ފަހު އާއިލާއާ ފުލުހުން ވާހަކަ ދެއްކުމުންނެވެ. ނަމަވެސް، ވީޑިއޯ އެނަލައިޒްކޮށް، ނަޝްފާގެ އާއިލާއާ ފުލުހުން ވާހަކަ ދެއްކުމާ ހިސާބަށް، އެ ކުއްޖާ ގެއްލިގެން އެއްވެސް ފަރާތަކުން ފުލުހުންނަށް ރިޕޯޓު ކޮށްފައި ނެތް ކަމަށް ފުލުހުންގެ ބަޔާނުގައި ވެ އެވެ.

އެކަމުގެ ހަގީގަތް އެނގޭ މީހަކު ކިޔައިދިން ގޮތުގައި އަންހެން ކުއްޖާ ގެއްލުނުތާ ހަފުތާއެއްހާ ދުވަސް ވީ ނަމަވެސް، އާއިލާއަކުން އެކަމެއް ފުލުހުންނަކަށް ނާންގަ އެވެ.

"ފުލުހުންނަށް އެ ކުއްޖާ އައިޑެންޓިފައި ކުރެވުމާ އެކު، އާއިލާ އަށް ގުޅީމާ އެނގުނީ ގެއްލިގެން އުޅޭކަން ވެސް. އާއިލާ އިން ބުނާގޮތުން [މި މަހުގެ] 19 ވަނަ ދުވަހުން ފެށިގެން އެ ކުއްޖާ ވަނީ ގެއްލިފައި،" އޭނާ ބުންޏެވެ.

ނަޝްފާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ފެމިލީ އެންޑް ޗަައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް އެންގުމަށް ފުލުހުން އެދެ އެވެ. އެފަދަ މައުލޫމާތެއް ހިއްސާ ކުރަން ބޭނުންވާ ބަޔަކު ނަމަ ގުޅަން ޖެހެނީ 3000600 އަދި 9790163 އަށް ކަމަށް ފުލުހުން ބުނެ އެވެ.

އަންހެން ކުއްޖާއަށް އަނިޔާކުރާ ވީޑިއޯގެ ސްކްރީންޝޮޓެއް

އަންހެން ކުއްޖާއަށް އަނިޔާކުރާ ވީޑިއޯގެ ސްކްރީންޝޮޓެއް

ތިން އަންހެނުން ހިމެނޭ ގުރޫޕަކުން، އަންހެން ކުއްޖާއަށް އަނިޔާކޮށްފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައި ނަމަވެސް، އެ ވީޑިއޯ ވައިރަލް ވެފައިވަނީ މީގެ ދެތިން ދުވަސް ކުރިންނެވެ. އެކަމަކު، އެ ތިން އަންހެނުންނާ ސުވާލުކުރި ކަމެއް ނުވަތަ ހައްޔަރުކުރި ކަމެއް ފުލުހުން އަދިއެއް ނުބުނެ އެވެ. ހަމައެކަނި ފުލުހުން ބުނީ، މި މައްސަލާގައި އިތުރު މައުލޫމާތެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އެ ގްރޫޕުން ދުވާލުގެ ވަގުތެއްގައި އެ އަންހެން ކުއްޖާ ގެންދަނީ ހުޅުމާލޭގައި ޗައިނާ އިން އިމާރާތް ކޮށްފައިވާ ފްލެޓެއްގެ ކައިރިއަށެވެ. އެތަނަށް ގެންގޮސް އަންހެން ކުއްޖާގެ ގައިގައި ތަޅައި ހުތުރު ބަހުން ވާހަކަ ދައްކަ އެވެ. އަދި އެތަނުން އޭނާ ދޫކޮށްލަންވީ އޮރިޔާން ކުރުމަށް ފަހު ކަމަށް ވެސް ބުނާ އަޑު ވީޑިއޯއިން އިވެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.