Roadha Mihaaru
ޝަހީމް ތިނަދޫގައި؛ މިއީ ހާއްސަ ރަށެއް

ޝަހީމް ތިނަދޫގައި؛ މިއީ ހާއްސަ ރަށެއް

16 އޯގަސްޓް 2018

ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓު، އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ގދ. ތިނަދު އަށް މިއަދު ވަޑައިގަތުމުން، އޭނާ އަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓު، އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ގދ. ތިނަދު އަށް މިއަދު ވަޑައިގަތުމުން، އޭނާ އަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ޝަހީމް، މިއަދު ހަވީރު ތިނަދު އަށް ވަޑައިގަތުމުން، މަރުހަބާ ދެންނެވުމަށް އިސްކޮށް ހުންނެވީ، މިހާރުގެ ނައިބު ރައީސް، އެ ރަށަށް އުފަން، އަބްދުﷲ ޖިހާދެވެ. ވެރިކަން ކުރާ ޕީޕީއެމްގެ ދިދަ ހިފައިގެން ގިނަ އަދަދެއްގެ އާންމުން ބަނދަރު މައްޗަށް ނުކުމެ، ދިގު ސަފަކަށް އެތުރިގެން ތިބިއިރު އެ މީހުންނާ ސަލާމް ކުރައްވަން ޝަހީމް ވިއްސަކަށް މިނިޓު ހޭދަކުރެއްވި އެވެ.

ޝަހީމް މިއަދު ތިނަދޫ އަށް ވަޑައިގެން، ކުޑަ ކުއްޖަކާއެކު، ޕީޕީއެމްގެ ދިދައެއް ހިފައިގެން ފޮޓޯއަކަށް ހުއްޓިގެން. -

ޝަހީމް މިއަދު ތިނަދޫ އަށް ވަޑައިގެން، ކުޑަ ކުއްޖަކާއެކު، ޕީޕީއެމްގެ ދިދައެއް ހިފައިގެން ފޮޓޯއަކަށް ހުއްޓިގެން. -

ބަނދަރު މައްޗަށް ނުކުމެ ތިބި ރައްޔިތުންނާ ސަލާމް ކުރެއްވުމަށް ފަހު، ޝަހީމް ޕީޕީއެމްގެ ބައެއް ސަޕޯޓަރުންނާއެކު ހިންގަވާފައި ވަޑައިގެންނެވީ ތިނަދޫގައި ހަދަމުން އަންނަ އިސްލާމީ މަރުކަޒު ކައިރިއަށެވެ.

އިސްލާމީ މަރުކަޒު ކައިރީގައި ހުންނަވައި، ޝަހީމް ވަނީ ތިނަދޫ އަށް ވަޑައިގަތުމުން، އޭނާ އަށް ރައްޔިތުން ދެންނެވި މަރުހަބާ އަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. ޝަހީމް ވިދާޅުވި ގޮތުގައި ތިނަދޫން ފެނުނީ ރައީސް އަބްދުﷲ ޔާމީނަށް އޮތް ތާއީދެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ތިނަދޫ އަކީ ރައީސް ޔާމީން، ހާއްސަ ސަމާލުކަމެއް ދެއްވައިގެން ތަރައްގީ ކުރަމުން އަންނަ ރަށެކެވެ. އެގޮތުން، އުމްރާނީ މަޝްރޫއުތަކާއި ވަރަށް ގިނަ ވަސީލަތްތައް ތިނަދޫގައި ގާއިމުކުރަމުން އަންނަ ކަމަށާއި އެކަމުގެ އެންމެ ބޮޑު ރަމްޒަކީ އިސްލާމީ މަރުކަޒު ކަމަށް ވިދާޅުވި އެވެ.

ޝަހީމް މިއަދު ތިނަދޫ އަށް ވަޑައިގަތުމުން، އެ ރަށު ގިނަ ބަޔަކު އޭނާ އަށް މަރުހަބާ ދަންނަވަނީ. -

ޝަހީމް މިއަދު ތިނަދޫ އަށް ވަޑައިގަތުމުން، އެ ރަށު ގިނަ ބަޔަކު އޭނާ އަށް މަރުހަބާ ދަންނަވަނީ. -

"ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މި އިސްލާމީ މަރުކަޒު އިފްތިތާހު ކުރެވޭނެ،" ޝަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ ތިނަދޫގައި އިސްލާމީ މަރުކަޒެއް ގާއިމު ކުރުމުގެ މަގްސަދަކީ ހުވަދު އަތޮޅުގެ ހުރިހާ ރައްޔިތުންނަށް އިސްލާމީ ތައުލީމާއި އިސްލާމީ ސަގާފަތް ފޯރުކޮށްދިނުން ކަމަށެވެ. އިސްލާމީ މަރުކަޒުގައި މިސްކިތާއެކު، ހޯލަކާއި ކްލާސްރޫމްތަކާއި ލައިބްރެރީ ފަދަ ވަސީލަތްތައް ހުންނާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

ތިނަދޫގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާކަން ފާހަގަ ކުރައްވައި ޝަހީމް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާއީދުކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ.

ޕީޕީއެމްގެ ސަޕޯޓަރުންޝަހީމް އާ ސަލާމް ކުރުމަށް ސަފަކަށް އެތުރިގެން.

ޕީޕީއެމްގެ ސަޕޯޓަރުންޝަހީމް އާ ސަލާމް ކުރުމަށް ސަފަކަށް އެތުރިގެން.

"މިއީ ތިޔަބޭފުޅުންގެ ސަރުކާރެއް. ތިޔަބޭފުޅުންގެ މަސްލަހަތުތަކާއެކު މަސައްކަތް ކުރެއްވި ސަރުކާރެއް. ސިޔާސީ ގޮތުން ކުރިމަތިވެފައި ހުރި ގޮންޖެހުންތަކުގެ ތެރޭގައި ވަގުތު ބޭކާރު ނުކުރައްވައި ރައީސްގެ ފަހަތްޕުޅަށް މި ރަށުގެ ހުރިހާ ރައްޔިތުން އެރުއްވުން އެއީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،" ތިނަދޫ އަށް އެންމެ ބޮޑު ހިދުމަތެއް ކޮށްދެއްވީ ރައީސް ޔާމީން ކަމަށް ވިދާޅުވެ ވާހަކަ ކުރިއަށް ގެންދެވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ތިނަދޫގައި، އޭނާއާ އިދިކޮޅު އެއްވެސް މީހަކު ނުހުންނާނެ އެވެ. ވަކި ޕާޓީއެއްގައި އުޅޭ މީހުންނަކީ ދުޝްމަނުންގެ ގޮތުގައި ނުދެކޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ތިނަދޫގެ ހުރިހާ ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމުގެ ޔަގީންކަން ޝަހީމް ދެއްވި އެވެ.