Roadha Mihaaru
ރައީސަކީ ލާދީނީ ފިކުރުތަކަށް ޖާގަ ދޭނެ ބޭފުޅެއް ނޫން

ރައީސް ޔާމީނަކީ ލާދީނީ ފިކުރުތަކަށް ރާއްޖޭގައި ފުރުސަތު ނުދެއްވާނެ ބޭފުޅެއް: ޑރ. ޝަހީމް

12 އޯގަސްޓް 2018

ރައީސް އަބްދުﷲ ޔާމީނަކީ ލާދީނީ ފިކުރުތަކަށް ރާއްޖޭގައި ޖާގަ ދެއްވާނެ ބޭފުޅެއް ނޫން ކަމަށް، އަންނަ މަހު އޮންނަ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރައީސް އަބްދުﷲ ޔާމީނަކީ ލާދީނީ ފިކުރުތަކަށް ރާއްޖޭގައި ޖާގަ ދެއްވާނެ ބޭފުޅެއް ނޫން ކަމަށް، އަންނަ މަހު އޮންނަ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

ކެމްޕޭން ކުރެއްވުމަށް ފުވައްމުލަކަށް ކުރައްވާ ދަތުރުގެ ތެރެއިން ދޫޑިގަން އަވަށުގެ ޕީޕީއެމްގެ ސަޕޯޓަރުންތަކަކާ ބައްދަލު ކުރައްވައި ޝަހީމް ވިދާޅުވީ އަންނަ މަހުގެ 23 ގައި ބާއްވާ އިންތިހާބަކީ ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ބާއްވާ އެންމެ ހައްސާސް އިންތިހާބު ކަމަށެވެ. އަދި މި އިންތިޚާބުގައި ރައީސް ޔާމީން އިންތިޚާބު ނުކޮށްފި ނަމަ މި ގައުމު ވެއްޓިގެން ދާނީ ވަރަށް ވެސް ބޮޑު އަނދަވަޅަކަށް ކަމަށް ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އިންތިހާބަކީ ރާއްޖޭގައި ކުރިމަގުގައި އިސްލާމް ދީން ނޫން ދީންތަކަށް ޖާގަ ނުދިނުމަށް ރައްޔިތުން ނިންމާނެ ނިންމުމެއް ކަމަށެވެ.

ރައީސް ޔާމީންގެ ރަނިންމޭޓް ޝަހީމް، ފުވައްމުލަކުގައި މިރޭ ބޭއްވެވި ޖަލްސާ އަށް ދިޔަ ބައެއް މީހުން.

ރައީސް ޔާމީންގެ ރަނިންމޭޓް ޝަހީމް، ފުވައްމުލަކުގައި މިރޭ ބޭއްވެވި ޖަލްސާ އަށް ދިޔަ ބައެއް މީހުން.

"ރާއްޖޭގެ ސިޔާސީ މައިދާނުން މިހާރު ފެންނަ ބޭފުޅުންގެ ތެރެއިން ދިވެހި ދައުލަތުގެ ވެރިކަން އެންމެ ހައްގުކަން ބޮޑު ބޭފުޅަކީ އަޅުގަނޑު ދެކޭ ގޮތުގައީ ރައީސް ޔާމީން،" ޝަހީމް ވިދާޅުވި އެވެ.

"...އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތާ ވެރިއަކު މި ގައުމުގެ ވެރިއަކަށް ހުންނަވަން ޖެހެނީ ވަރަށް ގިނަ ސަބަބުތަކާ ހެދި. ސިޔާސީ މަސްރަހުގައި މިހާރަކު ނެތް ރައީސް ޔާމީންހާ ހިތްވަރު ގަދަ ޒައީމެއް. ރައީސް ޔާމީނަކީ ލާދީނީ ފިކުރުތަކަށް ރާއްޖޭގައި ފުރުސަތު ނުދެއްވާނެ ބޭފުޅެއް. މި އިންތިހާބުން އެ މަނިކުފާނު ކާމިޔާބު ހޯއްދަވައިފި ނަމަ އިސްލާމް ދީނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން މި ގައުމު ސަލާމަތް ކޮށްދިނުމުގެ ވަރަށް މަތިވެރި ފުރުސަތަކަށް އެކަން ވެގެން ދާނީ. އިސްލާމް ދީނާ ދެކޮޅު ފިކުރީ ހަމަލާތަކުގެ ވަކިތަކުން ސަލާމަތްވެގެން ދާނެ އޭރުން ކުރިއަށް އޮތް ފަސް އަހަރަށް."

ޝަހީމްގެ ޓްވީޓެއް.

ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ޑރ. ޝަހީމް ވިދާޅުވީ އެ މަނިކުފާނަކީ އިސްލާމް ދީނުގެ ދިފާއުގައި މަސައްކަތް ކުރައްވައި ރާއްޖޭގައި އިސްލާމީ ވަހުދަތު ކުރިއެރުވުމަށް ވަރަށް ވެސް ބޮޑެތި މަސައްކަތްތަކެއް މިހާތަނަށް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

އެގޮތުން ޤުރުއާނާއި އަރަބި ތައުލީމީ ރާއްޖެ އަށް ތައާރަފު ކުރައްވައި އެކަން ފުޅާ ކުރައްވަން މަސައްކަތް ކުރެއްވުމާއި އިސްލާމިކް ޔުނިވަސިޓީ ތައާރަފު ކުރެއްވުމާއި މާލޭގައި އިތުރު ބޮޑު މިސްކިތެއް ބިނާ ކުރުމާއި އިސްލާމީ ފައިނޭންސްގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމާއި އަދި އެ ނޫން ގޮތްގޮތުން ވެސް އިސްލާމް ދީނަށްޓަކައި ގިނަގުނަ ހިދުމަތްކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ އިސްލާމީ ރަމްޒު އަބަދު ވެސް ދެމެހެއްޓުން. ރައީސް ޔާމީން ރާއްޖެ ކުރިއަރުވައި އުމުރާނީ ގޮތުން ތަރައްގީކޮށް ނަގަހައްޓަމުން މި ގެންދަވަނީ އިސްލާމީ މަތިވެރި އުސޫލުތަކުގެ އަލީގައި،" ޝަހީމް ވިދާޅުވި އެވެ.

ހަމައެއާ އެކު، ރާއްޖޭގައި އިސްލާމި އުސޫލްތައް އޮންނާނީ އެކަމާ ކަންބޮޑުވެގެން ފާޑުފާޑުގެ ބަޔާންތައް ނެރުނަސް، އެކަންކަމަށް ނޫނެކޭ ކެރިވަޑައިގަންނަވާ ވެރިޔަކީ ރައީސް ޔާމީން ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމްގެ ޓްވީޓެއް.

ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓަރުގެ މަގާމު ވެސް އަދާ ކުރެއްވި ޝަހީމް އޭނާ ގޮތުގައި ރައީސް ޔާމީންގެ ވެރިކަމުގައި މިހާތަނަށް އެއްވެސް ދީނީ އިލްމުވެރިއެއްގެ މަސައްކަތްތަކަށް ހުރަސް އަޅައި، ދީނީ ފަތުވާ ދީގެން ހައްޔަރުކޮށް ޖަލަށް ލައިފައެއް ވެސް ނުވާނެ އެވެ.

"ނިކަން ބައްލަވާ މިދިތަ ފަސް އަހަރުގެ ތެރޭގައި އެއްވެސް ދީނީ އިލްމުވެރިޔަކު އެ ބޭފުޅަކު ދެއްވާ ފަތުވާއެއްގެ ސަބަބުން ޖަލަށް ލައިފައި އޮތް ތަނެއް ފެންނާކަށް ނެތް،" ޝަހީމް ވިދާޅުވި އެވެ. "އެއްވެސް ބޭފުޅަކު ދެއްވާ ތަގުރީރަކުން ދެއްވާ ފަތުވާއަކުން އެ ބޭފުޅަކު ހިފައި ހައްޔަރުކޮށް އަނިޔާ ދީފައެއް ނެތް. ދީނީ އިލްމުވެރިންނަށް މިހާރު ފަަހިވެފައިވާ ފުރުސަތުތަކަކީ މިއިން ޒަމާނަކު ރާއްޖޭގައި ފަހިވެފައި ނެތް ފަދަ ފުރުސަތުތަކެއް."

ޝަހީމް ވިދާޅުވީ ރައީސް ޔާމީނަކީ މި ފަހުން ދިވެހިން ދުށް އެންމެ ހިތްވަރު ގަދަ، އެންމެ ފަލްސަފާވެރި ޒައީމެވެ. އަދި އެ މަނިކުފާނެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖެ އަށް ބޮޑެތި ކުރިއެރުންތަކެއް އަންނަ ކަމަށް ވިދާޅުވި އެވެ.

ޝަހީމްގެ ޓްވީޓެއް.

ޝަހީމް ވިދާޅުވި ގޮތުގައި އިންތިހާބުގައި ވާދަ ކުރައްވާ އިދިކޮޅު ޕާޓީތަކުގެ ކެންޑިޑޭޓް އިންތިހާބުކޮށްގެން ރާއްޖެ އަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނޯންނާނެ އެވެ. އަދި ތަޖުރިބާ ނެތް ބަޔަކަށް ގައުމު ހިންގަން ހަވާލުކޮށްގެން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށާއި އެކަން ވާނީ ގައުމު ހަލާކުގެ ތެރެއަށް ދޫކޮށްލުން ކަމަށް ވިދާޅުވި އެވެ.

"ތަޖުރިބާ ނެތް ބައެއްގެ އަތްމައްޗަށް ދިވެހި ދައުލަތް ގޮސްފި ކަމަށްވާ ނަމަ ދިވެހި ގައުމު އިނދަޖެހިގެން ހިނގައިދާނެ،" އޭނާ ވިދާޅުވި އެވެ. "ދުވަހަކު ވެސް ޕަބްލިކް އެޑްމިނިސްޓްރޭޝަނުގެ ތަޖުރިބާ ނެތް ބައެއްގެ އަތްމައްޗަށް ގައުމުގެ ވެރިކަން ދޫކޮށްލައިގެން ނުވާނެ. ރައީސް ޔާމީނަކީ ވަރަށް ތަޖުރިބާ ހުންނެވި މުފައްކިރެއް. އިގުތިސާދީ މުފައްކިރެއް."

ފުވައްމުލަކުގައި މިރޭ ބޭއްވި ޖަލްސާގައި ޑރ، ޝަހީމް ވާހަކަ ދައްކަވަނީ.

ފުވައްމުލަކުގައި މިރޭ ބޭއްވި ޖަލްސާގައި ޑރ، ޝަހީމް ވާހަކަ ދައްކަވަނީ.

ޝަހީމް ވަނީ އިދިކޮޅު ޕާޓީތަކުގެ ވެރިކަމެއްގައި މީގެ ކުރިން ރާއްޖެ ނުދެކޭ ފަދަ ދީނީ ސިޔާސަތުތަކެއް އެކުލަވާލައި އެކަންކަން ތަންފީޒު ކުރާނެ ކަމަށް ބުނެފައިވާތީ އެކަމަށް ރައްދު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ އަލަކަށް ކުރާނެ ވަކި ކަމެއް ނެތް ކަމަށާއި މި ސަރުކާރަކީ ގާނޫނީ ހަމަތަކުގެ މަތިން ހުރިހާ ކަމެއް ވެސް ކުރަމުން ގެންދާ ސަރުކާރެއް ކަމަށެވެ.

ޝަހީމް މިހާރު ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ޒުވާނަކާ ސަލާމް ކުރައްވަނީ.

ޝަހީމް މިހާރު ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ޒުވާނަކާ ސަލާމް ކުރައްވަނީ.

"އަލަކަށް ކުރަން ޖެހޭ ކަމެއް ނެތް. ހުރިހާ ކަމެއް މިހާރު މި ދަނީ ކުރެވެމުން. އިތުރަށް އެ މީހުން ކުރާނެ ކަމެއް ނެތް. ކުރާނެ ފުރުސަތެއް ވެސް ނުލިބޭނެ. ކުރިން އެ ފުރުސަތު އެ މީހުންނަށް މާތްﷲ ދެއްވީމަ އޭގެ ބޭނުމެއް ނުހިފި،" ޝަހީމް ވިދާޅުވި އެވެ. "ދީނުގެ ވާހަކަ އެ މީހުން ދައްކަނީ މީހުންނަށް އޮޅުވައިލަން."

ޝަހީމް ވިދާޅުވި ގޮތުގައި ރައީސް ޔާމީން އިންތިހާބު ކުރައްވާނީ ވަރަށް ވެސް ބޮޑު ޢައުލަބިއްޔަތަކުންނެވެ. އަދި އެކަން މިހާރު ވެސް ވަރަށް ސާފު ކަމަށް ވިދާޅުވި އެވެ.