Roadha Mihaaru

ވޯޓުލާ ދުވަސް ބަންދުކުރަން ސުއޫދު ކޯޓަށް ހުށަހަޅައިިފި

ރިޔާސީ އިންތިހާބުގައި ވޯޓުލުން ބާއްވާ ދުވަސް، ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެދި، ގާނޫނީ ވަކީލު ހުސްނުއްސުއޫދު ސުޕްރީމް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ވޯޓުލާ ދުވަސް ބަންދުކުރަން ސުއޫދު ކޯޓަށް ހުށަހަޅައިިފި
އާމިނަތު ޝިފްލީން
އާމިނަތު ޝިފްލީން

07 އޯގަސްޓް 2018

ރިޔާސީ އިންތިހާބުގައި ވޯޓުލުން ބާއްވާ ދުވަސް، ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެދި، ގާނޫނީ ވަކީލު ހުސްނުއްސުއޫދު ސުޕްރީމް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ވޯޓު ލާން ކަނޑައަޅާފައިވާ އަންނަ މަހުގެ 23 ވަނަ ދުވަހަކީ އާދިއްތަ ދުވަހެކެވެ. އެ ދުވަސް ބަންދު ކުރުމާ ގުޅޭ ގޮތުން ސަރުކާރުން އަދި ގޮތެއް ނުނިންމަ އެވެ. މީގެ ކުރިން މުޅިން ވެސް އިންތިހާބުތައް ބާއްވާފައި ވަނީ ހުކުރު ނުވަތަ ހޮނިހިރު ދުވަހެއްގަ އެވެ.

ސުއޫދު މިއަދު ވިދާޅުވި ގޮތުގައި އެ މައްސަލަ ކޯޓަށް ހުށަހެޅީ އެއީ ބަންދު ދުވަހަކަށް ނުވާތީ، ރައްޔިތުންނަށް ފަސޭހަ ކަމާ އެކު ވޯޓުލުމުގެ ހައްގުގެ ބޭނުން ހިފުމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ. އަދި އެއީ ދައުލަތުގެ އެންމެހައި ފަރާތްތަކުގެ މައްޗަށް އޮތް ވާޖިބެއް ކަމުގައި އޭނާ ވިދާޅުވި އެވެ.

ކޯޓަށް މައްސަލަ ހުށަހެޅި ލިޔުމުގައި ސުއޫދު ވިދާޅުވި ގޮތުގައި ވޯޓުލާ ދުވަސް ބަންދު ނުކޮށްފި ނަމަ، ވޯޓުލުމުގައި ވަރަށް ގިނަ ބަޔަކަށް އުނދަގޫތަކެއް ކުރިމަތިވާނެ އެވެ. ހާއްސަކޮށް ވަޒީފާ އަދާ ކުރާ މީހުންނާއި ރަށުން ބޭރުގައި މަސައްކަތް މީހުންނާއި ދިރިއުޅޭ ރަށް ނޫން ރަށަކަށް، ކޮންމެ ދުވަހަކު ވަޒީފާ އަދާކުރަން ދާ މީހުންނަށް ބޮޑެތި ތަކުލީފުތައް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، ވޯޓުލާ ސަރަހައްދު ބެލެހެއްޓުމަށާއި އޮބްޒާވަރުންގެ ގޮތުގަޔާއި އޮފިޝަލުންގެ ގޮތުގައި ގިނަ ބަޔަކު ބައިވެރިވާއިރު، އެ މީހުން އެ ދުވަހު ވަޒީފާ އަށް ނުކުންނަން ޖެހޭ ނަމަ އުނދަގޫތައް ކުރިމަތިވާނެކަން ސުއޫދު ފާހަގަ ކުރެއްވި އެވެ.

"މީގެ ކުރިން 1932 ވަނަ އަހަރުން ފެށިގެން، ރާއްޖޭގައި މިހާތަނަށް ހުރިހާ އިންތިހާބުތަކެއް ވެސް ބާއްވާފައިވަނީ ބަންދު ދުވަހެއްގަ އެވެ. އެއީ ރައްޔިތެއްގެ ހައިސިއްޔަތުން ވޯޓުލުމަކީ އަދާ ކުރަން ޖެހޭ މަދަނީ ބޮޑު ވާޖިބެއްކަމަށްވެ، އެކަން ފަސޭހަ ކުރުމަށްޓަކަ އެވެ." ކޯޓަށް މައްސަލަ ހުށަހެޅި ލިޔުމުގައި އޭނާ ވިދާޅުވެފައި ވެ އެވެ.

ސުއޫދު އެދިފައިވަނީ ސެޕްޓެމްބަރު 23 ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް، ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، އިންތިޚާބު ބާއްވާ ދުވަސް ބަންދުކުރަން ރައީސް އޮފީހުގައި އެދިފައިވާ ކަމަށެވެ. އެ ދުވަސް ބަންދުކުރާނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އެކަމަކު އެ ދުވަސް ބަންދުކުރުމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.