06 އޯގަސްޓް 2018
ދައުލަތް ހިންގަން ކަނޑައަޅާފައި އޮންނަ އޮނިގަނޑަކީ ޤާނޫނުއަސާސީ އެވެ. ރާއްޖޭގެ ޤާނޫނުއަސާސީ އެކުލަވާލާފައި މި ވަނީ ޑިމޮކްޓެރިކް ހަމަތަކަށް މީޒާން ކުރެވިގެންނެވެ. ޑިމޮކްރަސީގައި ހަތަރު ތަނބެއް އެކުލެވިގެން ވެ އެވެ. މީޑިއާ އަކީ ހަތަރު ވަނަ ތަނބެވެ. ނުވަތަ ބާރެވެ.
ދައުލަތް ހިންގަން ކަނޑައަޅާފައި އޮންނަ އޮނިގަނޑަކީ ޤާނޫނުއަސާސީ އެވެ. ރާއްޖޭގެ ޤާނޫނުއަސާސީ އެކުލަވާލާފައި މި ވަނީ ޑިމޮކްޓެރިކް ހަމަތަކަށް މީޒާން ކުރެވިގެންނެވެ. ޑިމޮކްރަސީގައި ހަތަރު ތަނބެއް އެކުލެވިގެން ވެ އެވެ. މީޑިއާ އަކީ ހަތަރު ވަނަ ތަނބެވެ. ނުވަތަ ބާރެވެ.
މީޑިއާ މިނިވަންކޮށް ބޭއްވުމުގެ މަގުސަދުގައި ދައުލަތަށް ނިސްބަތްވާ މިނިވަން، އާންމުންނަށް ޚިދުމަތް ދޭ ބްރޯޑްކާސްޓަރެއް އޮންނަން ޖެހެ އެވެ. ސަރުކާރުން ކޮންޓްރޯލް ކުރާ މީޑިއާއެއް އޮތުމަކީ ޑިމޮކްރެޓިކް އުސޫލު ދަންނަ އެއްޗަކަށް ނުވާނެ އެވެ. ސަބަަބަކީ ދައުލަތުން ޚަރަދުކޮށް ސަރުކާރު ޕްރޮމޯޓް ކުރާނެތީ އެވެ. މިހާރު ދުނިޔޭގައި މީޑިއާ ބޭނުން ކުރަމުން ގެންދާ ޒަރިއްޔާތައް ގިނަކަމުން ޚަބަރާއި މައުލޫމާތު ފޮނުވަނީ ބެލެންސް ކޮށްތޯ މޮނީޓަ ކުރުމަކީ އުނދަގޫ ކަމަކަށް ވެ، އެ ކަން ކުރުން މިވަނީ ގިނަ ގައުމުތަކުން ހުއްޓާލައިފަ އެވެ. އެހެންކަމުން މީޑިއާ މި ވަނީ އެޑިޓޯރިއަލްގެ ފިކުރާ ގުޅޭ ގޮތަށް ހިޔާލާއި ނަޒަރިއްޔާތު ފާޅުކުރުމަށް ދޫކޮށްލައިފަ އެވެ.
ދުނިޔޭގެ ޑިމޮކްރެޓިކް ވެރިކަން ކުރާ ހުރިހާ ގައުމުތަކެއްގައި ވެސް ކަން އޮތީ މިހެންނެވެ. މިހެން އޮތުމުން ޚިޔާލާއި ފިކުރު ދެ ކަފިވެ، ރައްޔިތުންނަށް އޮޅެނީ އެވެ. އަދި މީޑިއާގެ ތެރެއަށް ވިޔަފާރި އުސޫލު ވަނުމުން މި އޮޅުން މި ވަނީ އިތުރަށް ފުޅާވެގެން ގޮސްފަ އެވެ. ދުނިޔޭގެ ބޮޑެތި ޑިމޮކްރަސީތަކުގައި ވެސް މިކަން ފާހަގަކުރެވިގެން އާންމުންނަށް ޚިދުމަތް ދޭ ބްރޯޑްކާސްޓަރު ނުވަަތަ ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރެއް (ޕީއެސްބީ) ގެ ޖާގަ ވަނީ ތަނަވަސް ކޮށްފަ އެވެ.
މީގެ އިތުރުން، ވިލާތުގެ އިއްތިހާދުގެ މެންބަރުންނަށް ޕީއެސްބީ އެ ގައުމުތަކުގައި ހުރުން ލާޒިމްކުރާ ގަރާރެއް އޮވެ އެވެ. އަޅުގަނޑުމެންގެ ވަށައިގެންވާ ޑިމޮކްރެޓިކް ގައުމުތައް ކަމުގައިވާ އިންޑިއާ، ސްރީ ލަންކާގައި ވެސް ޕީއެސްބީ ހުރެ އެވެ. އެހެން ނަމަވެސް އެއީ އެންމެ ރަނގަޅު މިސާލު ނެގެން ހުރި ގައުމުތަކެއް ނޫނެވެ. ސަބަބަކީ ސަރުކާރުގެ ނުފޫޒު އެ މުއައްސަސާތަކަށް އޮތްލެއް ބޮޑުކަމުންނެވެ. ޔޫރަޕްގެ ނަން މަޝްހޫރު ޑިމޮކްރަސީތައް ކަމުގައިވާ އިނގިރޭސި، ފަރަންސޭސި އަދި ޖަރުމަނު ވިލާތުގެ ޕީއެސްބީގެ މަސްއޫލިއްޔަތު ވަރަށް ފުރިހަމަ އަށް، ކާމިޔާބުކަމާ އެކު އަދާކުރާތަން ފެންނަން އެބަ ހުއްޓެވެ.
އަޅުގަނޑުމެންގެ މި ޅަފަތުގައި އޮތް ޑިމޮކްރަސީގައި އެއްވެސް ސަރުކާރަކުން އާންމުންނަށް ޚިދުމަތް ދޭ ބްރޯޑްކާސްޓަރު އޮތުމަށް މި ވަނީ ފުރުސަތު ނުދީ އެވެ. މިހެން އޮތުމުން ވާ ގޮތަކީ ސަރުކާރުން ކޮންޓްރޯލް ކުރާ މީޑިއާ ސަރުކާރު ދިފާއު ކުރުމަށް ހުރިހާ ވަސީލަތެއް ބޭނުން ކުރަން ޖެހުމެވެ. ނަތީޖާ އަކީ އިންތިޚާބު ކުރިމަތިވާ އިރު ކެމްޕޭނާއި ޕްރޮޕަގެންޑާ މަސައްކަތް ކުރާ މުއައްސަސާއަކަށް ދައުލަތުގެ މީޑިއާ ބަދަލުވުމެވެ. އިންތިޚާބެއް ކުރިމަތި ވާއިރު ރައްޔިތުންގެ ސަމާލުކަމަށް ގެންނަން ޖެހޭ އެތައް ކަމެއް ހުރެ އެވެ. ރައްޔިތުން ހޭލުންތެރި ކުރުވަން ޖެހޭ އެތައް މަސައްކަތެއް މީޑިއާ މެދުވެރިކޮށް ކުރަން ޖެހެ އެވެ. މިފަދަ މަސައްކަތް ސަރުކާރުގެ މީޑިއާ އިން ކުރަމުން ގެންދިޔަ ކަމުގައި ވިޔަސް ރައްޔިތުންގެ ގިނަ ބައެއް އިތުބާރާ އެކު މިކަން ބަލައިގަންނަން ދަތިވާނެ އެވެ. މިފަދަ މަސައްކަތް ކުރެވޭނީ މިނިވަން މީޑިއާއެއް މެދުވެރިކޮށެވެ.
މިސާލަކަށް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަ ފުރުޞަތު ދޭނެ ކަމަށް ޖުލައި 11 ގައި ޕީއެސްއެމުން އިއުލާން ކުރި އެވެ. މި ޚަބަރު ގެނެސްދިން ޚަބަރު ގަޑީގެ 40 މިނެޓް ހޭދަވީ ސަރުކާރުގެ ކެންޑިޑޭޓުންގެ ޕްރޮމޯޝަންގަ އެވެ. އިތުބާރުކުރެވޭ ގޮތެއްގައި މިކަން ކުރެވޭނެ ގޮތެއް ދެން ޕީއެސްއެމަށް އޮންނާނެތޯ އެވެ؟
މިއީ މިއަދަކު ފާޅުވެގެން އުޅޭ މައްސަލައެއް ނޫނެވެ. ސިޔާސީ މާސްޓަރުން ދައުލަތުގެ މީޑިއާ އަބަދުވެސް ބާއްވަން ބޭނުންވާ ގޮތެވެ. މި ގޮތަށް ޕަބްލިކް ބޮރޯޑްކާސްޓަރު ސަރުކާރުން ތަގުޅިކޮށްފައި އޮތުމުން ރައްޔިތުންނަށް ލިބެން ޖެހޭ ހައްގަކުން މަހުރޫމު ވެގެން އެބަދެ އެވެ.
މައުލޫމާތު ފޯރުކޮށްދޭއިރު ކޮޅަކަށް ނުޖެހި އެ މައުލޫމާތު ފޯރުކޮށްދޭނީ ކިހިނެއްތޯ އެވެ؟ އެއްވެސް ފަރާތަކަށް ނުޖެހި ވިޔަފާރި ނުފޫޒުން އެއްކިބާ ވެ، ގައުމުގެ ހުރިހާ ރައްޔިތުންނަށް ޚިދުމަތް ކުރާނެ މީޑިއާގެ ވަސީލަތެއްގެ ހުސްކަމެއް އެބަ އޮތެއް ނޫންތޯ އެވެ؟ މި ފާހަގަކުރީ ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރެއްގެ ވާހަކަ އެވެ. ނަމުން ރާއްޖޭގެ ޕަބްލިކް ސާވިސް ދޭ ފަރާތް ކަމަށް ދޭހަވާ ގޮތަށް އޮތުމަކުން ކަމުން އެ ކަމެއް ނުވާނެ އެވެ.
ހުރިހާ ރައްޔިތުންނަށް ޚިދްމަތް، އަގަކާ ނުލައި ދިނުން
ރައްޔިތުންގެ ހުރިހާ ގިންތިއަކަށް ވާ ގޮތަށް ހުންނަ ޚަބަރާއި ޕްރޮގްރާމް ހުރުން
ފެންވަރު ރަނގަޅު އަދި އާ ޚިޔާލުތައް އެކުލެވިގެންވާ ޕްރޮގްރާމް އުފެއްދުން
އެޑިޓޯރިއަލް އަށް މިނިވަންކަން ލިބިފައި އޮތުން
އެއްވެސް ފަރާތަކަށް ބަރޯސާ ނުވެ ތަނުގެ ޚަރަދުތައް ފުއްދޭނެ ފަންޑު ލިބުން
ޒިންމާ އާއި މަސްއޫލިއްޔަތު ސާފުކޮށް އެނގެން އޮތުން
ގުޅުން ހުރި ބައިނަލްއަގުވާމީ އަދި އެތެރޭގެ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުން
މިއީ އޭޝިއަން އިންސްޓިޓިއުޓް އޮފް ބްރޯޑްކާސްޓިން ޑިވެލޮޕްމަންޓް (އޭއަބީޑީ)ން އެކުލަވާލާފައިވާ ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރުގެ ގިއުގަނޑުގައި ހުރުން ލާޒިމް ކުރާ އަސާސްތަކެވެ. އަޅުގަނޑުމެންގެ ތެރޭގައި ވެސް ޕަބްލިކް ސާވިސް ބްރޯޑްކާސްޓް ކުރުމާ ގުޅުން ހުރި ގާނޫނެއް އޮތެވެ. "މޯލްޑިވްސް ބްރޯޑްކާސްޓިން ގާނޫނު" ގައި އަޅުގަނޑުމެންގެ މުޖުތަމައާ ގުޅޭ ގޮތަށް ވަރަށް ފުރިހަމަ އަށް މި އުސޫލުތައް ފާހަގަކޮށްފައި ވެ އެވެ. މި ގާނޫނު ތައްޔާރުކޮށްފައި ވަނީ ކުރީގެ ލީގަލް ރިފޯމް އެންޑް އިންފޮމޭޝަން މިނިސްޓަރު އަދި މިހާރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދެވެ.
މީޑިއާގެ ދާއިރާގަ އާއި ޑިމޮކްރަސީ އަށް ރާއްޖެ ފުރޮޅުމުގައި އޭނާ ހަރަކާތްތެރިވެވަޑައިގެންފައި ވާތީ ޑިމޮކްރެސީއެއްގައި ޕީއެސްބީގެ ބޭނުންތެރި މިންވަރު އޭނާ އަށް އެނގިވަޑައިގެންނަވާނެ އެވެ. މޯލްޑިވްސް ބްރޯޑްކާސްޓް ގާނޫނަށް އެޕްރީލް 2010 ގައި ގާނޫނީ ހައިސިއްޔަތެއް ލިބުނު ކަމުގައި ވިޔަސް ފުރިހަމަ ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ޚިދުމަތް ގައުމަށް ލިބުނެކޭ ނުބެނެވޭނެ އެވެ.
މި ޤާނޫނުން ދައުލަތުގެ މީޑިއާއެއް އުފަންވި ހިސާބުން އޭރުގެ ސަރުކާރުން އެމްއެންބީސީގެ ނަމުގައި ކުންފުންޏެއް އުފައްދައި، ސަރުކާރުގެ މީޑިއާ ގޮތުގައި މަސައްކަތް ކުރަމުން ގެންދިޔަ އެވެ.
އެކަމަކު 2012 ގައި ސަރުކާރު ބަދަލުވުމާ އެކު، ކުރިން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބްރޯޑްކާސްޓް ޤާނޫނު ތަންފީޒު ކުރަން ފެށި އެވެ. މި ބަދަލާ އެކު، އެމްބީސީ، ޕަބްލިކް ބްރޯޑްކާސްޓަރެއް ގޮތުގައި މަސައްކަތް ކުރަން ފެށި އެވެ. ނަމަވެސް ހިތާމަ އަކީ ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރުގެ ބޯޑު އޮތީ ސިޔާސީ ވެފަ އެވެ. އެމްބީސީގެ ބޯޑާ މެދު ކަން ކުރެވިފައިވާ ގޮތުން އެ ކަން އާންމުންނަށް ޚިދުމަތް ދޭ ބްރޯޑްކާސްޓަރެއްގައި ހުންނަން ޖެހޭ ހަމަހަމަކަން އެންމެ ފުރިހަމަ އަށް ގެނެސްދެވުނެކޭ ދަންނަވަން އުނދަގޫވެ އެވެ. ލަފާކުރެވޭ ގޮތުގައި އައު ޤާނޫނެއް 2015 ގައި އުފެއްދީ ސަރުކާރުން ބޭނުންވާ ގޮތަށް ދައުލަތުގެ މީޑިއާ މަސައްކަތް ނުކުރާތީ އެވެ. މި ޤާނޫނުގެ ދަށުން މިހާރުގެ ޕީއެސްއެމް އުފަންވި އެވެ. ޕީއެސްއެމްގެ އާ ބޯޑެއް އެކުލަވާލެވިގެން ދިޔަ އެވެ. މި ޤާނޫނުން ޕަބްލިކް ބްރޯޑްކާސްޓަރެއްގެ ވަރަށް ގިނަ ސިފަތައް އުނިކުރެވިފައިވެ އެވެ. މި އަހަރު ރިޔާސީ އިންތިޚާބާ ދިމާކޮށް ޕީއެސްއެމް ކުންފުންޏަކަށް ބަދަލުވެގެން މި ދިޔައީ އެވެ. އާދެ! 2010 ވަނަ އަހަރު އެމްއެންބީސީ އުފެއްދި ގޮތަށެވެ. ސަރުކާރުގެ މީޑިއާއެއްގެ ގޮތުގައި ކޮންޓްރޯލް އިތުރަށް ވަރުގަދަ ކުރުމަށްޓަކަ އެވެ. ޕަބްލިކް ބްރޯޑްކާސްޓަރު އެއް ކުންފުންޏަކަށް ހަދައި، ފައިދާ އާއި ގެއްލުމަށް ޒިންމާ ކުރުމަކީ ބޭނުން ކަމެއް ނޫނެވެ. ވިޔަފާރި އުސޫލަކުން މި ދަނޑިވަޅުގައި ވިސްނި ކަމުގައި ވިޔަސް މެ އެވެ. ދާދި ފަހުން ނެރުނު އޮޑިޓަ ޖެނެރަލްގެ ރިޕޯޓުން ސަރުކާރުގެ ކުންފުނިތަކުގެ ޕާފޯމެންސް ރަނގަޅު ނޫން ކަމަށް ހާމަވެ އެވެ. ދެހާސް އަށްވަނަ އަހަރުން ފެށިގެން ފެންނަމުން މި ދަނީ ދައުލަތުގެ މީޑިއާ އެއިރެއްގެ ސަރުކާރަކުން ހޭރިޔާ އަޅުވަމުން ގެންދާ ތަނެވެ. ސަރުކާރަށް ލޮޅުމެއް އަރާ ކޮންމެ ފަހަރަކު ދައުލަތުގެ މީޑިއާ ތަގުޅިލާތަނެވެ. އެކަމަކު ދައުލަތުގެ މީޑިއާ މިނިވަންކޮށް ބާއްވައިގެން ރައްޔިތުންނަށް ކުރާ ފައިދާ މާ ބޮޑު ވާނެ އެވެ. އަދި ސަރުކާރަކީ ދާއިމަށް އޮންނާނެ އެއްޗެއް ނޫނެވެ. މިއަދު އިދިކޮޅުގައި ތިބި ފަރާތްތައް މާދަމާ ސަރުކާރު އުފައްދަފާނެ އެވެ. މިހެން ދައުރު ބަދަލުވަމުން ދާ ކަމެއްގައި މީޑިއާ މިނިވަން ކަމާ އެކު އޮތުމުން އޭގެ ފައިދާ އެންމެނަަށް ކުރާނެ އެވެ. ދައުލަތުގެ ފައިސާގައި ސަރުކާރެއް ޕްރޮމޯޓް ކުރުމަކީ ޑިމޮކްރެޓިކް ހަމައެއް ނޫނެވެ. ޑިމޮކްރެޓިކް އުސޫލެއްގައި ސަރުކާރުގެ މީޑިއާއެއް ނޯންނާނެ އެވެ.
އަލީ ހާލިދަކީ އާ ގާނޫނުއަސާސީ 2008 ގައި ތަންފީޒްކޮށް، ފުރަތަމަ ރިޔާސީ އިންތިހާބު ބޭއްވި އިރު އޭރުގެ ދައުލަތުގެ ޓީވީ ކަމަށް ވާ ޓީވީއެމްގެ ސީއީއޯ އެވެ.
މަޖިލީހުގެ ރައީސްގެ އިވެންޓްތައް ވެސް ހިލޭ ލައިވް!
ޕީއެސްއެމް މިނިވަންކޮށް، އިތުބާރު އުފައްދާނަން: އަލީ
ޕީއެސްއެމްގެ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގެންފި
ޕީއެސްއެމްގެ ބޯޑު އައްޔަން ކުރުން ވެސް ރައީސަށް!
އޮޅުންބޮޅުން: ފަހަތަށް އެއް ފިޔަވަޅު
ޕްރޮޕެގެންޑާ މެޝިނަކަށް ޓީވީއެމް ބަދަލުވެއްޖެ: އެމްޑީޕީ
ތުއްޓޭގެ ކެމެރާގެ ފަހަތުގައި ފަސް ތަރީގެ ވާހަކަތައް
ޕީއެސްއެމްގެ އެމްޑީއަކަށް ސައީދު
ޕީއެސްއެމްގެ އެމްޑީ ޒީނާ މަގާމުން އިސްތިއުފާ ދެއްވައިފި
ފަލަސްތީނު ޓެލެތޯނަށް 14 މިލިއަން ރުފިޔާ