Roadha Mihaaru

ރިޝްވަތުގެ ކުށް އުވާލަން އުޅޭތީ އިދިކޮޅުގެ އެތައް ފާޑުކިޔުމެއް ސަރުކާރަށް

ގާނޫނުލްއުގޫބާތުގައި ރިޝްވަތުގެ ކުށް ކަނޑައަޅާފައިވާ މާއްދާ އުވާލެވޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށަހަޅާފައިވާ މައްސަލާގައި އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔަން ފަށައިފި އެވެ.

ރިޝްވަތުގެ ކުށް އުވާލަން އުޅޭތީ ފާޑުކިޔުން އަމާޒުވެއްޖެ
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

30 ޖުލައި 2018

ގާނޫނުލްއުގޫބާތުގައި ރިޝްވަތުގެ ކުށް ކަނޑައަޅާފައިވާ މާއްދާ އުވާލެވޭ ގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ބިލެއް ހުށަހަޅާފައިވާ މައްސަލާގައި އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔަން ފަށައިފި އެވެ.

ފޭދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ދީދީ، ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާ އަށް ހުށަހެޅުއްވި އިސްލާހު މިހާރު ވަނީ ރައްޔިތުންގެ މަޖިލިހަށް ބަލައިގަނެ، ދިރާސާކުރަން ކޮމިޓީ އަށް ވެސް ފޮނުވައިފަ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެ ބިލް ފާސް ކުރުމާ މެދު މަޖިލިހުގެ ތަޅުމުގައި ވޯޓު ނަގާނެ ކަމަށް ބެލެވެ އެވެ.

އެކަމަކު، އިބްރާހިމް ދީދީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާއަށް ހުށައެޅުއްވި އެ އިސްލާހުގައި އެ މާއްދާގައި މިހާރު ބުނާ ރިޝްވަތުގެ ވާހަކައާ އެއްވެސް ކަހަލަ ގުޅުމެއް ނެތް ބައިތަކެއް ހިމެނޭތީ އެއީ އަރާފައި އޮތް އޮޅުމެއްތޯ ވެސް ސުވާލު އުފެދެ އެވެ.

އިބްރާހިމް ދީދީގެ އިސްލާހުތައް އަމާޒުކުރައްވާފައި ވަނީ "ކޯޓުތަކުގެ ހުރުމަތް ކެނޑުމާ" އެވެ.

ހިސާން މިއަދު ކުރެއްވި ޓުވީޓު.

މި މައްސަލާގައި، ގާނޫނީ ވަކީލް ހިސާން ހުސެއިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދައުލަތުގެ މުދަލުންނާއި ފައިސާ އިން ވައްކަން ކުރުމަކީ ކުށެއް ނޫން ކަމަށް ކަނޑައަޅަން މަސައްކަތް ކުރި ކަމުގައި ވިޔަސް، ދިވެހިން ތިބީ އެ ފުރުސަތު ރައީސް އަބްދުﷲ ޔާމީނަށް ދޭ ގޮތަކަށް ނޫން ކަމަށެވެ. އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ސިފަ ކުރެއްވި ގޮތުގައި ޕީޕީއެމުން އުޅެނީ ރިޝްވަތަކީ ކުށެއް ނޫން ކަމަށް ކަނޑައެޅުމަށެވެ.

އީވާ މިއަދު ކުރެއްވި ޓުވީޓު.

މިކަމާ ގުޅިގެން، ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ ޓުވިޓާގައި އާންމު ކުރެއްވީ ބ. ކުޑަރިކިލުގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ދެއްކެވި ވާހަކައެކެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ވިދާޅުވީ، ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފައިސާ ލިބޭއިރު، އެ އަށް ހިޔާނާތްތެރި ނުވާނެ ސަރުކާރެއް ބޭނުންވާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާނޫނުލްއުގޫބާތަށް ގެންނަން އުޅޭ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ހުށަހެޅުމެއް ކަމަށެވެ. ރިޝްވަތުގެ އަމަލަކީ ބޮޑުވެގެންވާ ފާފައެއް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ޖަމީލް މިއަދު ކުރެއްވި ޓުވީޓު.

"އިސްލާމް ދީން ހަރާމް ކޮށްފައިވާ ކަމެއް ހުއްދަ ކުރަން މަސައްކަތް ކޮށްގެން ނުވާނެ. އަދި ދީނާ ހިލާފަށް ގާނޫނު ހަދަން ގާނޫނުއަސާސީ ޖާގަ ނުދޭ. އުވާލިޔަސް ކުށްވެރިންނަށް ނުފިލޭނެ،" ޖަމީލް ވިދާޅުވި އެވެ.

އިބްރާހިމް ދީދީ މިހާރު ހުށައަޅާފައިވާ ގޮތަށް އެ އިސްލާހު ފާސްކޮށް 510 އުވާލައިފި ނަމަ ރާއްޖޭގައި ރިޝްވަތު ހިފުމާއި ދިނުން ކުށަކަށް ވުން ހުއްޓޭނެ ކަމަށް، ގާނޫނީ ދާއިރާގެ މީހުން ދެކެ އެވެ.