Roadha Mihaaru
ޓިކެޓްގެ އަގުތައް ތިން އަހަރު ތެރޭ މައްޗަށް

އެއާ ޓިކެޓްގެ އަގުތައް މިދިޔަ ތިން އަހަރު ވަރަށް ބޮޑަށް އުފުލިއްޖެ

29 ޖުލައި 2018

ރާއްޖެއިން ބޭރަށް ދަތުރުކުރަން އެއާލައިންތަކުން ޓިކެޓް ވިއްކި އަގުތައް މިދިޔަ ތިން އަހަރު ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށް އެމްއެމްއޭ އިން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރާއްޖެއިން ބޭރަށް ދަތުރުކުރަން އެއާލައިންތަކުން ޓިކެޓް ވިއްކި އަގުތައް މިދިޔަ ތިން އަހަރު ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށް އެމްއެމްއޭ އިން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

މަރުކަޒީ ބޭންކުން މިދިޔަ ޑިސެމްބަރު 22 ން 28 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގައި ކުރިޔަށް ގެންދިޔަ ސާވޭގެ ނަތީޖާ ބުދަ ދުވަހު އާންމުކުރި އިރު އެއިން ދައްކާ ގޮތުން، ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އިންޑިއާގެ އެއާލައިންތަކުން ފާއިތުވި ތިން އަހަރުގެ ތެރޭގައި ވިއްކި ޓިކެޓްގެ އަގުތައް ވަނީ އުފުލިފަ އެވެ. އެގޮތުން 2015 ވަނަ އަހަރު 266 ޑޮލަރަށް ވިއްކި ޓިކެޓްގެ އަގު މިދިޔަ އަހަރު ނިމުނުއިރު 307 ޑޮލަރަށް ވަނީ އުފުލިފަ އެވެ.

އެ ސާވޭ އިން ދައްކާ ގޮތުގައި އިންޑިއާގެ އިތުރުން ދިވެހިން ގިނަ އަދަދަކަށް ދަތުރުކުރާ ސްރީލަންކަން އެއާލައިންސްގެ ޓިކެޓްގެ އަގު ވެސް ވަނީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ބޮޑުކޮށްފަ އެވެ. އެގޮތުން 2015 ވަނަ އަހަރު 197 ޑޮލަރުގައި ހުރި ޓިކެޓް 2017 ނިމުނުއިރު ވަނީ 233 ޑޮލަރަށް އުފުލިފަ އެވެ. އޭގެ އިތުރުން މެލޭޝިއާއަށް ބައެއް އެއާލައިންތަކުން ކުރާ ދަތުރުތަކުގެ އަގު 2015 ވަނަ އަހަރު 340 ޑޮލަރުގައި ހުރިއިރު، މިދިޔަ އަހަރު ނިމުނުއިރު ވަނީ 395 ޑޮލަރަށް ބޮޑުވެފަ އެވެ.

ދިވެހިން އާއްމުކޮށް ދަތުރުކުރާ މަންޒިލްތަކުގެ ތެރެއިން ފާއިތުވި ތިން އަހަރު ޓިކެޓްގެ އަގު ހެޔޮވެފައި ވަނީ ތައިލެންޑަށް ކުރާ ދަތުރުތަކުންނެވެ.